އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭގޮތަށް ހަމަޖައްސައި، ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނެ ގަޑިތައް ފެމިލީ ކޯޓުން އާންމުކޮށްފި އެވެ.
އެ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަންނަ އަހަރު ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 8:30 އިން 11:30 އަށާއި، އަދި މެންދުރު 1:00 އިން 1:45 އަށް ކަމަށެވެ.
ނުރަސްމީ ގަޑީގައި ކޯޓުގައި ކައިވެނިކޮށްދޭނީ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން އަންނަ އަހަރުގެ އޭޕްރީލް 13 އިން މެއި 19 އިގެ މުއްދަތުގެ ތެރޭގައި ކޯޓުން ބޭރުގައި ކައިވެނި ކުރަން ބޭނުންވާ މީހުންނަށް ހަމަޖައްސާފައިވަނީ ރޭގަނޑު 9:45 އިން 10:45 އާ ދެމެދުގައި އެވެ.
އަދި އަންނަ ޖުލައި މަހުގެ 16 އާއި 17 އާ ދެމެދު ކޯޓުން ބޭރުގައި ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް ހަމަޖައްސާފައިވަނީ ރޭގަނޑު 8:00 އިން 9:30 އިގެ ވަގުތެކެވެ.
ބާކީ ހުރި ދުވަސް ތަކުގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދެނީ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ.
އަދި އަންނަ އަހަރުގެ ރަމަޟާން މަހު ރަސްމީގަޑީގައި ކައިވެނިކޮށްދޭނެ ގަޑިތައް ފަހުން އިއުލާންކުރެވޭނެކަމަށް އެ ކޯޓުން ވަނީ ބުނެފައި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކާވެނި ކުރުމާއި ކޯޓުން ބޭރުގައި ކައިވެނި ކޮށް ދިނުން ހުއްޓާލައި އެކަން ކޮށްދެމުން އައީ އޮންލައިންކޮށެވެ.
ނަމަވެސް، މި މަހުން ފެށިގެން އަލުން ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ވަނީ ފަށައިފަ އެވެ.