ވަރި ކައިވެނި

ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުން ހުއްޓާލަނީ

Feb 4, 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ކަމާ ގުޅޭ އިދާރާތަކުން އަންގާފައިވާތީ ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަަށް ފެމިލީ ކޯޓުން ބުނެފި އެވެ.

އެ ކޯޓުން ބުނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމީގަޑީގައި އެ ކޯޓްގައި އެކަނި ކަމަށެވެ. އޮންލައިންކޮށް އަދި ކޯޓަށް ހާޒިރުވެގެން ކާވެނި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ފެބްރުއަރީ ހަތްވަނަ ދުވަހުން ފެށިގެން ކޯޓުން ބޭރުގައި ކާވެނީގެ މަޖިލިސް ބޭއްވުމަށް އެދި ހުށަހަޅާފައިވާ މީހުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދިނުމަށް ކޯޓުން ގުޅަމުންގެންދާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ޝަރީއަތާ ގުޅުންހުރި ފޯމުތަކާއި އެހެނިހެން ފޯމުތައް ބަލައިގަންނާނީ ޖަސްޓިސް ބިލްޑިން ފުރަތަމަ ފަންގިފިލާގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސް އާއި އީމެއިލް މެދުވެރިކޮށް ކަމަށާ މި ބަދަލާއެކު ކޯޓުގެ ރިސެޕްޝަނުން ފޯމު ބަލައިގަތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކައިވެނީގެ ފޯމުތައް ބަލައިގަންނާނީ ކައިވެނި ސެކްޝަންގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސް މެދުވެރިކޮށް ކަމަށާ ކައިވެންޏާ ގުޅޭ އެހެނިހެން ފޯމުތައް ބަލައިގަންނާނީ ކައިވެނި ސެކްޝަންގައި ބެހެއްޓިފައިވާ ޑްރޮޕް ބޮކްސްއާއި އީމެއިލް މެދުވެރިކޮށް ކަމަށްވެސް ފެމިލީ ކޯޓުން ބުންޏެވެ.