ހިޔާ މަޝްރޫއު

ހިޔާ: ޕޮއިންޓްދިން ގޮތް ހާމަކޮށް ޝަކުވާއަށް އިތުރު ފުރުސަތެއް

ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށައަޅަން އިތުރު ފުރުސަތެއް ދީފިި އެވެ. ފްލެޓް ކޮމެޓީން މިއަދު ވަނީ ރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދީފައިވާގޮތް ސާފުކޮށްދީފައެވެ.

އެ ކޮމެޓީން ބުނީ ހިޔާ ކެޓަގަރީތަކުގެ ތެރެއިން، H4, H5, H6, H7, H8, H9 އަދި H10 ކެޓަގަރީއަށް ހުށަހަޅާފައިވާ ފޯމުތައް ކޮމިޓީއިން ދިރާސާކޮށް، ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅެމުގެ ފުރުސަތު ހުޅުވާލުމުން ކޮމިޓީއަށް ލިބިފައިވާ ކޮންމެ ޝަކުވާއެއް ވަކިވަކިން ބަލައި، އެ ޝަކުވާއެއްގައިވާ ކަންކަމަށް ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކޮމިޓީގެ މައިގަނޑު މެންޑޭޓަކީ ހިޔާ ފެލްޓަތަކާއި ގުޅިގެން ހުށަހަޅާފައިވާ ފޯމުތަކަށް، އޭރުގެ ހައުސިން މިނިސްޓްރީން ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްކަން ކަށަވަރު ކުރުން ކަމަށްވާތީ، ހުށަހަޅާފައިވާ ފޯމުތަކުގެ ދިރިއުޅުމުގެ ހާލަތު ބައި ފިޔަވައި އެހެން ބައިތަކަށް ޕޮއިންޓް ދިނުމުގައި ކޮމިޓީއިން ރިއާޔަތް ކޮށްފައިވާނީ، ފޯމު ހުށަހެޅި ތާރީހާ ހަމައަށް ފޯމު ހުށަހެޅި ފަރާތުގެ ހާލަތަށާއި އެފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ކަމަށެވެ.

ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދީފައިވަނީ އެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް އެކުލަވާލުމަށްފަހު ފޯމު ހުށަހަޅާފައިވާ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް ހާލަތު ބެލުމަށްފަހު ހަމަހަމަ އުސޫލަކުން ކަމަށްވެސް ފްލެޓް ކޮމެޓީން ބުންޏެވެ. އަދި މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލަނީ ކޮމިޓީގެ ފަރާތުން ހާލަތު ބެލުމަށްދިޔަ ޓީމަށް ފޯމު ހުށަހެޅި މީހުން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާލަތު ފޯމުގައި ހުރި ބައިތައް ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތު ބެލުމަށް ފުރާފައިވާ ފޯމުގެ އިތުރު ބަޔާނުގައި ހިމަނާފައިވާ ބައިތަކަށް ޕޮއިންޓް ދިނުމުގައި ބަލާފައިވާނެ ކަމަށްވެސް ބުންޏެވެ.

ފޯމު ހުށަހެޅި މީހުން ދިރިއުޅުމުގެ ހާލަތާ ބެހޭ މައުލޫމާތު ދިނުމަށް އުޒުރުވެރިވާ ހާލަތްތަކުގައި، އެ މީހާގެ ބަދަލުގައި މައުލޫމާތު ދޭނެ މީހެއް ހަމަޖައްސައި، އެކަން ލިޔުމުން މި ކޮމިޓީއަށް ހުށަހެޅުމުން، ބަދަލުގައި މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ މީހާއަށް ގުޅައި، ކޮމިޓީއިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާނެ ކަމަށްވެސް ފްލެޓް ކޮމެޓީން ބުންޏެވެ.

ފްލެޓް ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތު ބައިން ޕޮއިންޓް ދީފައިވާ ގޮތުގެ މިންގަނޑު އިއުލާންކޮށްފައިވަނީ، H7 ފިޔަވައި އެހެން ކެޓަގަރީތަކުގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު ކަމަށް ބަޔާންކޮށް އެކި މީހުން އެ ކޮމިޓީއަށް ޝަކުވާ ހުށަހަޅަމުންދާތީ، ޝަކުވާ ހުށަހެޅުމަށް ހަމަހަމަ ފުރުސަތު ދިނުމަށާއި، އިންސާފުވެރިކަމާއެކު މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެން ދިއުމަށްޓަކައި ވަގުތީ ލިސްޓްތަކުގައި ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިއީ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލެވޭ ދެވަނަ ފަހަރު ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން ކޮމިޓީއިން، މިފަހަރު ބަލާނީ ހަމައެކަނީ ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދީފައިވާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެކަނި ކަމަށްވެސް ބުންޏެވެ.

އަދި ފްލެޓްތަކުގެ ދާއިމީ ލިސްޓު ނެރުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަކުވާއެއް ބަލައި ލިޔުމުން ޖަވާބު ދިނުމަށްފަހު ކަމަށްވެސް އެކޮމެޓީން ބުންޏެވެ.