ސްޓެލްކޯ

ތިމާވެއްޓާއި ރައްޓެހި ގްރީން ލައިފް ސޯލާ ޕޮޑް ތައާރަފް ކޮއްފި

ތިމާވެއްޓާއި ރައްޓެހި ސަގާފަތެއް ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯ ގްރީން ލައިފް ސޯލާ ޕޮޑް ތައާރަފް ކޮށްފި އެވެ.

ސްޓެލްކޯ އިން މިރޭ ލޯންޗް ކުރި ސޯލާ ޕޮޑު ފަރުމާ ކޮށްފައިވަނީ އަވިން ހަކަތަ އުފެއްދުމާއި ފެންމަތީ ގައި ހިފެހެއްޓޭ ގޮތަށެވެ.

ސްޓެލްކޯ އިން ބުނީ އެ ސޯލާ ޕޮޑް ފަރުމާކުރުމުގައި އެ ކުންފުނިން މީގެ ކުރިން މޫދުގައި ހިފެހެއްޓިފައިވާ ގޮތަށް އަވިން ހަކަތަ އުފެއްދުމަށް ވ. އަތޮޅުގައި ހިންގި ޕްރޮޖެކްޓުން ލިބުނު ތަޖުރިބާ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެކަމުގެ ނަތީޖާއަކީ ސޯލާ ޕޮޑަކީ 25 އަހަރުގެ ވޮރެންޓީއެއް ދެވޭ ފެންވަރުގެ އިތުބާރުހުރި އެއްޗަކަށް ވާނެ ކަމަށެވެ.

މިރޭ ތައާރަފް ކުރި ސޯލާ ޕޮޑުތަކަކީ އަށް ޕެނަލްގެ ސިސްޓަމާއި 16 ޕެނަލްގެ ސިސްޓަމްގެ ސްޓޭންޑާޑް ސައިޒްގެ ޕޮޑް ތަކެކެވެ.

އެހެން ނަމަވެސް ޑިމާންޑް އޮންނަ ގޮތަކަށް ބަލައި އެ އުފެއްދުން އެހެން ސައިޒުތަކުންވެސް ލިބިގެންދާނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

އެ ކުންފުނިން ބުނީ އެ ސޯލާ ޕޮޑް ތައް ގަންނަން ބޭނުންވާ ފަރާތް ތަކަށް އަންނަ އަހަރު އެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.