ކުޅިވަރު

ރެއާލް އެއްވަރު، އެތުލެޓިކޯ ލީޑް ފުޅާ ކޮށްފި

ރެލިގޭޝަން ޒޯންގައި އޮތް، އެލްޗޭ އަތުން 1-1 ން ރެއާލް މެޑްރިޑް އެއްވަރުވެ، އެތުލެޓިކޯއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

އެ މެޗުގެ ކުރިން، އެތުލެޓިކޯ މެޑްރިޑުން ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗު 1-0 ން ކާމިޔާބު ކޮށް، އެ ޓީމު ވަނީ ތާވަލުގެ އެއް ވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ، އެ ޓީމަށް ކޯޗް ކޮށްދިން 500 ވަނަ މެޗަށް އެ ޓީމު ނުކުތީ، ޓީމުގެ މުހިންމު ދެ ކުޅުންތެރިންގެ މައްސަލައިގެ ތެރޭގައި ޓީމު ވަނިކޮށެވެ.

ޑިފެންޑަރު ކިރަން ޓްރިޕިއާ 10 ހަފުތާއަށް ސަސްޕެންޑް ކުރުމުން އެކަމުގެ ނުތަނަވަސްކަން އެ ޓީމަށް ކުރިމަތި ވެފައި ވަނިކޮށް، ޓީމުގެ ފޯވަޑް ޑިއޭގޯ ކޮސްޓާގެ ކޮންޓްރެކްޓް ބާތިލު ކުރަން އެދުނެވެ. މެޗަށް އެތުލެޓިކޯ ދިޔައީ ކޮސްޓާގެ ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ.

އެތުލެޓިކޯ މޮޅު ކޮށްދިނީ ލުއިސް ސުއަރޭޒް ބޮލުން ކާމިޔާބު ކުރި ލަނޑުންނެވެ. އެ ލަނޑު މެޗުގެ 20 ވަނަ މިނެޓްގައި އޭނާ ކާމިޔާބު ކުރީ ޔަނިކް ކަރެސްކޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އެލްޗޭއަށް ދަތުރު ކުރި މެޑްރިޑްގެ ލޮސް ބްލެންކޮސް ޓީމުން ފުރަތަމަ ހާފުގައި ލީޑް ނެގި އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލުކަ މޮޑްރިޗެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު އެލްޗޭއަށް ލިބުނު ޕެނަލްޓީގައި ފިޑެލް ޗަވޭޒް ވަނީ މެޗުގެ ނަތީޖަ ހަމަހަމަ ކޮށްފަ އެވެ.

ހުއެސްކާގެ މައްޗަށް 2-1 ން މޮޅުވެ، ސެލްޓަވީގޯ ވެސް ވަނީ ތާވަލުގެ އަށް ވަނަ އަށް ޖެހިލާފަ އެވެ.