ލައިފްސްޓައިލް

މިސްރުގެ ސްޕާއަކުން ހަރުފަ މަސާޖުގެ ހިދުމަތް

ބުރަކޮށް މަސައްކަތްކުރާ ބައެއް މީހުން ހަށިގަނޑު މަސާޖުކޮށްލަން ވަރަށް ބޭނުންވެ އެވެ. ދުވަހުގެ ހުރިހާ ވަރުބަލިކަމެއް ފިލުވާލާ ހަށިގަނޑަށް އަރާމު ހޯދާލުމަށެވެ. ނަމަވެސް މިސުރުގެ ސްޕާ އަކުން މިހާރު މި ދޭ ޚާއްސަ މަސާޖު ހޯދަން ކެރޭނެ މީހަކު ހުރެދާނެ ބާއެވެ؟ ހަމަ ގައިމުވެސް ސޯޝަލް މީޑިއާއިން މި ޚަބަރު ކިޔާފައި ވެސް ގިނަ ބަޔަކު ތިބީ ބިރުންނެވެ. ހަމަ ގައިމުވެސް މީ ހިތްބަލި މީހަކަށް ކުރެވޭ ވަރުގެ މަސާޖަކަށް ނުވާނެ އެވެ.

އެމީހެއްގެ ބުރަކަށިމަތީގައި ހަރުފަތައް އެކި ގޮތްގޮތަށް ހަރަކާތްތެރިވުމުން ހަށިގަނޑަށް އެ ލިބޭ މަސާޖު ހޯދަން ކެތްކޮށްލައިގެން އޮވެވޭނީ ވަރަށް މަދު މީހަކަށް ކަން ޔަގީނެވެ.

މިސުރުގެ މި ސްޕާގައި ދޭ ހަރުފަ މަސާޖަކީ ހަށިގަނޑުގައި ހުންނަ އެކި ކަހަލަ ތަދުތައް ކަނޑުވާލަން ދޭ މަސާޖެކެވެ. މި މަސާޖު ކުރާ މީހާގެ ހަށިގަނޑާއި މޫނުގައި ހަރުފަތައް އެކި ގޮތްގޮތަށް އުޅޭއިރު ވަރަށް ރަނގަޅަށް ހަށީގަނޑު މަސާޖު ކުރެވޭ ކަމަށް ވެއެވެ. މި މަސާޖް ޕާލާގައި ޑަޒަނެއްހާ ވިހަ ހަރުފަ އަދި ދެ ޑަޒަނެއްހާ ވިހަ ނޫން ހަރުފަ މަސާޖުކުރުމަށް ގެންގުޅެ އެވެ.

ތިރީސް މިނިޓް ވަންދެން ނޭވާ ހިފަހައްޓާލައިގެން މި މަސާޖު ނަގަން އޮންނާނެ މީހުން އެކަމު ވާނެ ހެއްޔެވެ؟

ރޮއިޓާސް އިން ޝެއާކޮށްފައިވާ ވީޑިއޯއެއްގައި ސްޕާގައި ޚިދުމަތްދޭ މީހަކު ހަރުފަ މަސާޖު މީހަކަށް ދޭގޮތް ފެނެ އެވެ. މި ވީޑިއޯގައި ފުރަތަމަ ފެންނަނީ މަސާޖުކުރަން ދިޔަ މީހެއްގެ ބުރަކަށީގައި ތެޔޮ އުނގުޅާ ތަނެވެ. ދެން ތަފާތު 28 ވައްތަރެއްގެ ހަރުފަ އެމީހާގެ ގައިމައްޗަށް ލައެވެ. އަދި މި ހަރުފަތައް އެމީހާގެ ހަށިގަނޑުގައި 30 މިނިޓް ވަންދެން ބަހައްޓަ އެވެ. މި ސްޕާގެ ހަރުފަ މަސާޖުގެ 30 މިނިޓްގެ ސެޝަނަކަށް ނަގަނީ ހަ ޔޫއެސް ޑޮލަރެވެ.

ސްޕާގެ ވެރިޔާ ސަފްވަތު ސިދްގީ ރޮއިޓާސް އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ހަރުފަ މަސާޖުން ގައިގެ މަސްތަކާއި ހުޅުތަކުގައި ހުންނަ ތަދުތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެ ކަމަށެވެ. އަދި ހަށިގަނޑުގައި ލޭ ދައުރުވާލެއް އިތުރުވެގެން ދާނެ ކަމަށެވެ.
ނަމަވެސް މި މަސާޖަށް ކްލައިންޓުން އެއްބަސް ކުރުވުމަކީ ފަސޭހަކަމެއް ނޫންކަމަށް ސިދްގީ ވެސް އެއްބަސްވި އެވެ. ނަމަވެސް މީގެ ފައިދާ ކިޔައިދޭން ފެށުމުން ބައެއް މީހުން މި މަސާޖަށް އެއްބަސްވާ ކަމަށް ވެސް ސްޕާގެ ވެރިޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހަރުފަ މަސާޖުގެ ދެ މަގްސަދެއް ވެއެވެ. އެއީ ފިޒިކަލް އަދި އެމޯޝަނަލް މަގްސަދެވެ. ފިޒިކަލް ނުވަތަ ހަށިގަނޑަށް ލިބޭނެ ފައިދާއަކީ ލޭ ދައުރުވާ ވަރު އިތުރުވެގެން ދިއުމެވެ. އެމީހާއަށް ޖަޒުބާތީ ގޮތުން ކުރާ އަސަރުތަކުގެ ސަބަބުން ހިތްހަމަޖެހުން ލިބޭ އުފާވެރި ހޯމޯން ރިލީޒްވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ދިފާއީ ނިޒާމު ވަރުގަދަވެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވެސް މި މަސާޖުން އިތުރުވެގެން ދާނެކަމަށް ސިދްގީ ބުންޏެވެ.

މި ޚިދުމަތް ހޯދި މީހަކު ބުނި ގޮތުގައި ފުރަތަމަ އޭނާ ވަރަށް ހާސްވި އެވެ. އަދި އޭނާގެ ހަށިގަނޑަށް ހަރުފަތައް ލާން ބިރުގަތެވެ. ނަމަވެސް އެ ސެޝަން ނިމުނުއިރު އޭނާގެ ކިބައިގައިވާ ހުރިހާ ބިރަކާއި ހިތް ނުތަނަވަސްކަމެއް އަދި ޓެންޝަނެއް ފިލައިގެން ހިނގައްޖެ ކަމަށް އެމީހާ ބުންޏެވެ.