ހަބަރު

އެމްސީ ނެތި ސަލާމް ބުނުން 15 ދުވަހަށް މަދުކޮށް، ގަވައިދު އިސްލާހުކޮށްފި

ސިވިލް ސާވިސް މުވައްޒަފުންނަށް މެޑިކަލް ސެޓްފިކެޓް (އެމްސީ) ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާއެއް ގޮތަށް ސިވިލް ސާވިސްގެ ގަވައިދު އިސްލާހުކޮށްފި އެވެ.

އެ ގަވައިދަށް ގެނައި އިސްލާހުތައް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ގެޒެޓުކޮށްފައިވާއިރު، ސަލާމް ޗުއްޓީ އާއި އާއިލީ ޒިންމާގެ ޗުއްޓީއަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމާބެހޭ 190 ވަނަ މާއްދާއަށް ވަނީ މައިގަނޑު ތިން އިސްލާހެއް ގެނެސްފައި އެވެ.

މިގޮތުން، މާދަމާ ފެށޭ އާ އަހަރާއެކު އަމަލުކުރަން ފަށާ އިސްލާހުތަކުގައި، ބައްޔެއްގެ ސަބަބުން މަސައްކަތަށް ނުނިކުމެވޭ ސަބަބު ބަޔާންކޮށް، އެމްސީ ހުށަހެޅުމުން މެނުވީ، މުވައްޒަފަކަށް ކަނޑައެޅިފައިވާ 30 ދުވަހުގެ ސަލާމް ޗުއްޓީ ނުދެވޭނެ ކަމަށެވެ.

އެ ގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގެ (ށ) ގައި ވަނީ، އަހަރަކު އެމްސީ ހުށަހެޅުމަކާ ނުލައި، ގިނަ ވެގެން 15 ދުވަސް ސަލާމް ބުނެވިދާނެކަމަށް ކަނޑައަޅައިފަ އެވެ.

ނަމަވެސް، އެ ގޮތަށް ސަލާމް ބުނެވޭނީ ވިދިވިދިގެން ދެ ދުވަހަށް އިތުރުނުވާ ގޮތަށް ކަމަށް އެ މާއްދާގެ (ނ) ގައި ވަނީ ބުނެފައި އެވެ. އަދި ވިވިދިގެން ސަލާމްގައި ހުންނަ މުއްދަތު ދެ ދުވަހަށް ވުރެ އިތުރުވާނަމަ، އިތުރުވާ ދުވަސްތަކަށް، އެ މުވައްޒަފަކު މަސައްކަތަށް ނުކުންނަ ފުރަތަމަ ދުވަހު އެމްސީ ހުށަހަޅަންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައި އެވެ.

ބޮޑެތި ބަލިތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ގިނަ ލުއިތަކެއް

މީގެ އިތުރުން، ސިވިލް ސާވަންޓުންގެ ތެރެއިން ސިއްހީ ގޮތުން ޒަރޫރީ ހާލަތެއް މެދުވެރިވުމާއި، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފުންނަށް ހާއްސަ ލުއިތަކެއް ލިބޭގޮތަށް ގަވައިދަށް ވަނީ އިސްލާހުތަކެއް ގެނެސްފައި އެވެ.

މިގޮތުން، ޓާމިނަލް އިލްނެސް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފުންނަށް، ސަލާމުގެ ޗުއްޓީ ގޮތުގައި، މުސާރަ ލިބޭގޮތަށް އަހަރަކު އިތުރު 30 ދުވަސް ދެވިދާނެކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އެކަމަށްޓަކައި އެފަދަ ބައްޔެއް ނުވަތަ ފަރުވާއެއް ހޯދާ ފަރާތެއްކަން ބަޔާންކޮށްދޭ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަން ވަނީ ލާޒިމުކޮށްފައި އެވެ.

ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފުންގެ އިތުރުން، ބޯން މެރޯ ނުވަތަ ގުނަވަނެއް ހަދިޔާ ކުރާނަމަ، އެ މުވައްޒަފަކަށް އެކަން ބަޔާންކުރާ ސިއްހީ ލިޔުމަކާއެކު، ސަލާމުގެ ޗުއްޓީ ގޮތުގައި، މުސާރަ ލިބޭގޮތަށް އަހަރަކު އިތުރު 30 ދުވަސް ދެވިދާނެކަމަށް ކަނޑައަޅާފައިވެ އެވެ.

އަދި މިފަދަ މުވައްޒަފުންގެ ރިކަވަރީ މުއްދަތުގައި، ގޭގައި ހުރެގެން، ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އިންތިޒާމް ހަމަޖައްސައިދެވިދާނެކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ޓާމިނަލް އިލްނެސް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފުންނާއި، ބޯން މެރޯ ނުވަތަ ގުނަވަނެއް ހަދިޔާ ކުރާ މުވައްޒަފުންނަށް، ސަލާމް ޗުއްޓީގެ އިތުރުން، މުސާރަ ލިބޭގޮތަށް "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ"ގެ ގޮތުގައި އަހަރަކު އިތުރު 60 ދުވަސް ދެވިދާނެކަމަށް ކަނޑައަޅައި، ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ.

އަދި އެފަދަ މުވައްޒަފުންނަށް ކަނޑައެޅި މި ހާއްސަ ޗުއްޓީ، މެޑިކަލް ސެޓްފިކެޓާ އެއްގޮތަށް 60 ދުވަހަށްވުރެ އިތުރަށް ދެވިދާނެކަމަށް ބުނެފައިވެ އެވެ.

މި ގަވައިދުގައި، މުސާރަނުލިބޭ ގޮތަށް މަސައްކަތުން ވީއްލޭނެ ކަންތައްތައް ބަޔާންކުރާ މާއްދާއަށް، ޓާމިނަލް އިލްނެސް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފުންނަށް ހާއްސަ ލުޔެއް ލިބޭގޮތަށް ވަނީ އިސްލާހުކޮށްފައި އެވެ.

މިގޮތުން، އެފަދަ މުވައްޒަފުންގެ މަގާމު ރިޒާވް ކުރުމާއި، ނުކުރުމާމެދު އެ އިދާރާއަކުން ގޮތެއް ނިންމަންވާނީ، ނޯޕޭ ލީވްގައި ހުންނަ މުއްދަތު ދޮޅު އަހަރަށް ވުރެ އިތުރުވުމަށްފަހުގައި ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ މާހައުލުގައި އެފަދަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ސިވިލް ސާވިސްގެ ވަޒީފާއަށް އައްޔަނުކުރުމުގެ އަސާސީ އުސޫލު ބަޔާންކުރާ މާއްދާއަށް ވަނީ އިސްލާހެއް އިތުރުކޮށްފައި އެވެ.

އެ އިސްލާހުގައި ބުނާގޮތުން، ސީއެސްސީން އެކުލަވާލައި އުސޫލެއްގެ ދަށުން، ސިވިލް ސާވިސްގެ ބައެއް މަގާމުތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ މަގާމުތަކެއްކަމަށް ކަނޑައެޅުމަށް ހުރަހެއްނެތް ކަމަށެވެ.