ކުޅިވަރު

ޓީމު ޒުވާންކޮށް ޓެނިހުގެ ސްކޮޑަށް ބޮޑު ބަދަލެއް

ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ފަހި ކޮށްދީ ޓެނިހުގެ ގައުމީ ސްކޮޑު ބޮޑު ބަދަލެއް ގެނެސްފި އެވެ.

މިފަހަރު އެކުލަވާލި ސްކޮޑަކީ، މި ފަހުގެ ތާރީހްގައި ޓެނިހުގައި ހިމެނުނު އެންމެ ޒުވާން ސްކޮޑެވެ. މީގެ ކުރިން 35 އަހަރުން މަތީގެ ކުޅުންތެރިންވެސް ގައުމީ ޓީމުގައި ވާދަ ކުރުމުގެ ފުރުސަތު އޮވެ އެވެ. އެސޯސިއޭޝަނުން ވަނީ މިފަހަރު އެ ފުރުސަތު ބަންދުކޮށް ޒުވާން ކުޅުންތެރިންނަށް އިސްކަން ދީފަ އެވެ. އެގޮތުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ގައުމީ ޓީމުގެ ސިލެކްޝަން މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު މިފަހަރު ވަނީ ހުއްޓުވާފަ އެވެ.

ސްކޮޑަށް އަލަށް ގިނަ ކުޅުންތެރިންތަކެއް ވަނީ އިތުރު ވެފަ އެވެ. ޓެނިސް އެސޯސިއޭޝަންގެ ސީނިއާ އޮފިޝަލަކު ބުނީ، ގައުމީ ޓީމަށް އައި އެންމެ ބޮޑު ބަދަލަކީ ޓީމުގެ ކުޅުންތެރިންގެ އުމުރު ފުރައަށް އައި ބަދަލު ކަމަށެވެ.

"މީގެ ހިމެނޭނެ 12 އަހަރު 15 އަހަރު ކުދިންވެސް ޒުވާން ކުޅުުންތެރިން ޓީމަށް އިތުރު ކުރުމަކީ ކުރިމަގަށް ބަލާއިރު ރަނގަޅު ނިންމުމަކަށް ވާނެ." އޮފިޝަލް ވިދާޅުވި އެވެ.

ގައުމީ ސްކޮޑަށް މިފަހަރު އެރި، އެންމެ ޒުވާން ކުޅުންތެރިޔަކީ އުމުުރުން 12 އަހަރުގެ އާރާ އާސާލް އާޒިމް އެވެ. އޭނާ ވަނީ އަންހެން ކެޓަގަރީން ސެލެކްޝަން މުބާރާތުގެ އެއް ވަނަ ހޯދާފަ އެވެ. ޓެނިހުގެ ގައުމީ ޓީމުގައި އެއް އާއިލާއަކަށް ނިސްބަތްވާ ކުޅުންތެރިންވެސް ގިނަ އެވެ.

އެއް ވަަނަ ފިރިހެން ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) ގެ އިތުރުން އޭނާގެ ބޭބެ އަހްމަދު ފާރިޒް ފަޒީލުވެސް މިފަހަރު ގައުމީ ޓީމުގައި ހިމެނުނެވެ. ފާރިޒް ޓެނިހުގެ ތެރެއަށް އެނބުރި އައީ ގިނަ ދުވަހު ދުރުގައި ހުރުމަށް ފަހު އެވެ. އަންހެން ކުޅުންތެރިޔާ ޒޭނާ އަބްދު ރަޝީދު އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޒިޔާން އަބްދު ރަޝީދުވެސް ގައުމީ ޓީމުގައި ވަނީ ހިމެނިފަ އެވެ.

ޓެނިހުގެ ގައުމީ ސްކޮޑް

ފިރިހެން:
އަބްދުﷲ ފާއިހް ފަޒީލު
އަހްމަދު އައިހަމް ޝިޔާމް
ދާއިން މުހައްމަދު އަމީން
އަލީ ފާރިސް މުހައްމަދު
އަހްމަދު ފާރިޒް ފަޒީލް
ޒިޔާން އަބްދުލް ރަޝިދު

އަންހެން
އާރާ އާސާލް އާޒިމް
ސަރާ އަހްމަދު އަކުރަމް
ޒޭނާ އަބްދުލް ރަޝިދު
އަޔާނީ މޫސާ ކަލީމް
އައިޝަތު ތާރާ ނައީމް
އައިޝަތު ޔޫމިން ނިޔާޒު