ހަބަރު

ފިރާގުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވެވި މައްޗަންގޮޅީ ދޭދަރުގޭ އިސްމާއިލް ފިރާގު އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އިސްމާއިލް ފިރާގަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓް އެންޑް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި ފާތިމަތު މުހައްމަދު ސޯލިހްގެ ފިރިކަލުންނެވެ.

ފިރާގު އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ރޭ އޭޑީކޭ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރަކީ 59 އަހަރެވެ. އޭނާ ވަނީ 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވަވާފައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސެކްރެޓަރީ ކަމެވެ. އޭގެފަހުން އެ މިނިސްޓްރީގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރު ކަމާއި، ޕްރޮގްރާމް އެނަލިސްޓްކަން ކުރައްވާފައިވެއެވެ. އޭގެފަހުން ހިދުމަތް ކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ކަމާއި ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކަމުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރު ކަމާއި ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކަމުގެ މަގާމު އަދާކުރައްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނާޖީ އެންޑް ވޯޓާގެ ޑިރެކްޓަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ.

އަވަހާރަވީއިރު ފިރާގުގެ ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. ފިރާގުގެ މައްޗަށް ކަށުނަމާދުކުރުން އޮތީ، މިއަދުގެ މެންދުރު ނަމާދަށްފަހު ފުރުގާން މިސްކިތުގައެވެ. ކަށުނަމާދުގައްޔާއި ޖަނާޒާގައި ރައިސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.