ރައީސް އޮފީސް

އުމަރު ޒާހިރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރު، އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

އުމަރު ޒާހރިު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 84 އަހަރެވެ

އެމަނިކުފާނު ވަނީ ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ އާއި މަޖީދިއްޔާ ސުކޫލުގެ ހެޑްމާސްޓަރު ކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ ކަމާއި ބަނޑޮސް ރިސޯޓްގެ މެނޭޖަރު ކަމާއި އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު ކަމާއި ހޯމް މިނިސްޓަރުގެ ނާއިބު ކަމާއި 1980 ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރާ ހަމައަށް މާލެ މުނިސިޕަލްޓީގެ ރައީސްކަން ކުރައްވާފައެވެ.

ވަރަށް ގިނަ މިނިސްޓްރީތައްވެސް އެމަނިކުފާނު ހިންގަވާފައިވެއެވެ. އެގޮތުން 1983 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމައަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސް ކަމާއި މިނިސްޓަރު އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް ކަމާއި މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް ކަމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ މިނިސްޓަރުކަން ހިމެނެއެވެ. ތިން ފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ ހޯމް މިނިސްޓަރުކަން ކުރައްވާފައެވެ. އެއީ 1983 ވަނަ އަހަރުން 1988 އަށް އަދި 1988 ވަނަ އަހަރުން 1993 ވަނަ އަހަރަށް އަދި 2004 ވަނަ އަހަރުން 2005 ވަނަ އަހަރަށެވެ.

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގެންދަނީ ހެޔޮ އެދުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.