އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި މިއަދު މޫދަށް އެރި އުޅުނު ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާ ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފި އެވެ.
ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެންފުށީ ކައުންސިލްގެ ރައީސަށް ފޯނުންގުޅުއްވައި ހާލަތު އޮޅުންފިލުއްވާފަ އެވެ.
މި ފޯންކޯލުގައި ފެންފުށީ ކައުންސިލްގެ ރައީސް ވަނީ ހާދިސާގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރައްވައި އަދި އުދައެރުމުގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކާއި ގުޅޭ މައުލޫމާތުވެސް ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދުގެ ހިތާމަވެރި ހާދިސާގައި ނިޔާވި ޒުވާނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވިއެވެ. އަދި ފެންފުށީގައި މިދިމާވި ކަންކަމާއި ގުޅިގެން ސަރުކާރަށް ކޮށްދެއްވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މިއަދު ހިނގި ހާދިސާގައި ނިޔާވީ ތ.ދިޔަމިގިލީ އީސާ ޖުނާހު، 23، އެވެ.