ފޮރިން މިނިސްޓްރީ

މަރާމާތަށްފަހު ފޮރިން މިނިސްޓްރީގެ އިމާރާތް ހަވާލުކޮށްފި

ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށްފަހު އެތަން އެ މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކޮށްފި އެވެ. ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތު ކޮށްފައިވަނީ ޗައިނާ އެހީގަ އެވެ.

ފޮރިން މިނިސްޓްރީން ޗައިނާއެކު މި އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރު ޑިސެމްބަރު މަހުގެ އެވެ. މަރާމާތުގެ މަަސައްކަތް ނިންމުމަށްފަހު ފޮރިން މިނިސްޓްރީގެ އިމާރާތް މިއަދު ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ރަމްޒީ ތަޅުދަނޑި ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް އެވެ. އަދި ސަރުކާރުގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލުއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދިޔަ މި މަސައްކަތުގައި، މިނިސްޓްރީ މަރާމާތު ކުރުމުގެ މަސައްކަތްކުރީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.

އެ އިމާރާތް މަރާމާތު ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފޮރިން މިނިސްޓްރީ ހިންގަމުން ގެންދަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީ ހަދާފައިވާ ވަގުތީ އިމާރާތެއްގައެވެ.