ތ. ދިޔަމިގިލީގައި ބޭއްވި، 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަތިވަރު ހޯދައިފި އެވެ.
"ފަތިސް ފޮޅި ފުޓްސަލް ކަޕް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެމްޕިއަންކަން މަތިވަރު ޓީމުން ހޯދީ، ފައިނަލުގައި މިއަދު ހވީރު ލޭނާރުގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައިގެންނެވެ. މުބާރާތް ހާއްސަ ކޮށްފައި ވަނީ 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުޅުންތެރިންނަށެވެ. މުބާރާތުގައި ހަތަރު ޓީމު ވާދަ ކުރި އެވެ. އެއީ މަތިވަރު އާއި ލޭނާރުގެ އިތުރުން ތީރާއި ތަރި އެވެ.
މުބާރާތުގެ ފުޓްސަލް ކިންގު ނުވަތަ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ލޭނާރު ޓީމުގެ ޝައިބާން ޝަފީގް އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް އޭނާ އެވެ.
މުބާރުތުގެ އެންމެ މޮޅު ހަ ކުޅުންތެރިން ނުވަތަ ޑްރީމް ޓީމުގައި ހިމެނުނީ، ތީރުގެ މުހައްމަދު މީޝަމް، އަހްމަދު އައުސަމް ހުސައިން އާއި ލޭނާރުގެ މުހައްމަދު ރިއުމަން އަދި ޝައިބާން އެވެ. ދެން ހިމެނެނީ ތަރިގެ މުހައްމަދު ސަލަފް ސާލިމް އަދި މަތިވަރު ޓީމުގެ މިންހާލް މުހައްމަދު ޔޫސުފް އެވެ.
މިދިޔަ އާދިއްތަ ދުވަހު ފެށި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. "ފަތިސް ފޮޅި ފުޓްސަލް ކަޕް" އިންތިޒާމު ކުރާ ފަރާތުން ވަނީ އަންނަ އަހަރުގެ މުބާރާތް އިތުރަށް ފުޅާ ކުރަން ނިންމާފަ އެވެ.