ބޭރު ކުޅިވަރު

ރޮނާލްޑޯއާ ވާދަނުކުރަން: މެސީ

ދުނިޔޭގެ ފުޓްބޯޅައިގައި މިދިޔަ 10 ވަރަކަށް އަހަރު އެންމެ ބޮޑު ބަހުސަކަށް ވެފައިވަނީ ބާސެލޯނާގެ ލަޔޮނަލް މެސީ އާއި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ކުރެ މޮޅީ ކާކުތޯ ކުރާ ސުވާލުގެ ބަހުސެވެ.

މި ސުވާލު އެންމެ ފަހުން މެސީއާ ކުރުމުން އޭނާ ބުނީ ރޮނާލްޑޯއާ ވާދަނުކުރާ ކަމަށެވެ.

"ތިއީ މީހުން ދައްކާ ވާހަކަ. އަހަންނަކީ ރޮނާލްޑޯއާ ވާދަކުރާ މީހެއްނޫން. އަހަރެން ހީކުރަނީ އޭނާ ވެސް އަހަންނާ ވާދަ ނުކުރާނެ ކަމަށް. އަހަރެން ބޭނުންވަނީ އަހަރެންގެ ޓީމަށް ކާމިޔާބު ލިބުން،" މެސީ ބުންޏެވެ.

ފަޔަށް ލިބުނު އަނިޔާއަކަށް މެސީ ފަރުވާ ހޯދަމުންދާއިރު ރޮނާލްޑޯ ވަނީ އޭނާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި އަށް ގޯލު ޖަހައިފަ އެވެ.

އަނެއްކޮޅުން ކުރިއަށް އޮތް ފީފާ އެވޯޑް ނައިޓަކީ ވެސް މި ދެ ކުޅުންތެރިންގެ ވާދަވެރިކަމާމެދު އިތުރު ބަހުސްތަކެއް ކުރެވޭނެ ދުވަސްވަރަކަށްވާނެ އެވެ. މި ފަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯ އަށް ލިބިއްޖެނަމަ މިއީ ޖެހިޖެހިގެން އޭނާ މި އެވޯޑް ހޯދާ ތިން ވަނަ ފަހަރަށްވާނެ އެވެ. މިއީ މިހާތަނަށް މެސީ ހޯދާފައިވާ ޝަރަފެކެވެ. މި އެވޯޑް މެސީ މިހާތަނަށް ހޯދާފައިވަނީ ހަތަރު ފަހަރު އެވެ. މިހެންވެ ރޮނާލްޑޯ އަށް އެވޯޑް ލިބިއްޖެނަމަ މެސީއާ އެއްވަރުކުރެވޭނެ އެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ މި އެވޯޑް އެންމެ ފުރަތަމަ ހޯދީ 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުންނެވެ. އޭގެ ފަހުން އާޖެންޓީނާގެ ކެޕްޓަން މެސީ ވަނީ ޖެހިގެން އައި ހަތަރު އަހަރު މި އެވޯޑް ހޯދައިފަ އެވެ. އަދި މިދިޔަ ދެ އަހަރު އެވޯޑް ގެންދިޔައީ ރޮނާލްޑޯ އެވެ.