ރަސްމީ ރެކޯޑްތަކުގައި އެމީހާގެ އައިޑެންޓިޓީ އަކަށް ބަލަނީ އެ މީހެއްގެ ފިންގަޕްރިންޓްސް އެވެ. ނަމަވެސް ފިންގަޕްރިންޓްސް ނެތިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ބަންގްލަދޭޝްގެ އާއިލާއަކަށް ދިމާވެފައި ވަނީ މި މައްސަލަ އެވެ. އެ އާއިލާއަށް އުފަންވި ތިން ޖެނެރޭޝަންގެ މީހުންގެ ވެސް އިނގިލިތަކުގެ ކުރީ ބަދަ ނެތެވެ. މާނައަކީ ފިންގަޕްރިންޓެއް ނެތެވެ. މި ޒަމާނުގައި ގިނަ ގައުމުތަކަށް އެތެރެ ވެވެނީ ވެސް އެއާޕޯޓުގައި ހުންނަ މެޝިނަކުން ފިންގަޕްރިންޓް ރީޑް ކޮށްގެންނެވެ. ވީމާ މި އާއިލާ އަށް ދަތުރުފަތުރު ކޮށް އުޅުމުގައި ވެސް ވަރަށް މައްސަލަތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
އަޕޫ ސާކިރް އާއި އެ އާއިލާގެ ފިރިހެން ހުރިހާ މެމްބަރުންގެ ވެސް ޖެނެޓިކް މައްސަލައެއްގެ ސަބަބުން އެމީހުން އުފަންވާއިރު ވެސް އިނގިލީގެ ކުރީ ބަދަ ނުހުންނަނީ އެވެ.
މި ބައްޔަށް ޑޮކްޓަރީ ބަހުން ކިޔަނީ އެޑާމާޓޮގްލިފީ އެވެ. މި ބަލި ހުންނަ މީހުންގެ ފަޔާއި އަތުގެ އިނގިލިތަކާއި އަތް ތިލައިގެ ހުދު ފުށާއި ފައިގެ ދަށްފުށުގައި ހުންނަ މައްސަލަތަކެއްގެ ސަބަބުން އެތަނުގައި އުފެދެން ޖެހޭ ގޮތަށް ހަންގަނޑު އުފެދިފައެއް ނުހުރެ އެވެ. މިއީ މި އާއިލާއަށް ވަރަށް ބޮޑެތި ތަކުލީފުތައް އުފުލެން ޖެހޭ ކަމަކަށް ވަނީ ވެފަ އެވެ.
އަޕޫގެ ކާފަ ޒަމާނުގައި ފިންގަޕްރިންޓް ނެތުމަކީ އެއްވެސް މައްސަލައަކަށް ނުވެ އެވެ. ނަމަވެސް މިޒަމާނުގައި އެއާ މުޅިން ތަފާތެވެ.
ބީބީސީގައިވާ ރިޕޯޓަކަށް ދިން އިންޓަވިއު އެއްގައި އަޕޫ ބުނީ މިއީ މައްސަލައަކަށް ވެދާނެކަމަށް ކާފަ މެން ޚިޔާލު ވެސް ކޮށްފައި ވާނެހެނެއް ހިއެއް ނުވެ އެވެ.
ބަންގްލަދޭޝް އިން 2008 ގައި އާ އައިޑެންޓިޓީ ކާޑުތަކެއް ތައާރަފްކުރި އެވެ. އަދި މި ކާޑު ދޫކުރުމުގައި އުޅުނު ސަރުކާރުގެ މުވައްޒަފުންނަކަށް އަޕޫގެ ބައްޕަ އަމަލް އަށް އައިޑެންޓިޓީ ކާޑު ދޫކުރާނެ ގޮތެއް އެ ދުވަސްވަރު ނޭނގުނެވެ. ޑޭޓާބޭސް އަށް ބޮޑުވާއިނގިލީގެ ނިޝާން ބޭނުންވާތީ އެވެ.
ފަހުން އަމަލް އަށް ކާޑު ހަދައިދީފައި ވަނީ "ނޯ ފިންގަޕްރިންޓް" ސްޓޭމްޕެއް ޖަހާފަ އެވެ. އޭގެ ފަހުން 2016 ގައި އެ ގައުމުގެ މީހުންނަށް ސިމް ކާޑެއް ވެސް ގަނެވެނީ ފިންގަޕްރިންޓް މެޗު ކޮށްގެންނެވެ.
އަޕޫ ބުނި ގޮތުގައި އޭނާ ސިމް ކާޑެއް ގަންނަން ދިއުމުން އެ އެތަނުގައި ތިބި މީހުން އޭނާގެ ފިންގަޕްރިންޓް ރީޑް ކުރަން އުޅެ އުޅެ އެކަމެއް ނުވި އެވެ. ކޮންމެ ފަހަރަކު ފިންގަޕްރިންޓް ރީޑްކުރަން އިނގިލި ބައިންދާއިރަށް ސޮފްޓްވެއާ ގަނޑުވަނީ އެވެ. އެހެންވެ އާއިލާގެ އެންމެން ވެސް މިހާރު ބޭނުންކުރަނީ އޭނާގެ މަންމަގެ ފިންގަޕްރިންޓް ޖަހައިގެން ނަގާފައިވާ ސިމް ކާޑުތަކެވެ.
ބަންގްލަދޭޝްގެ ޑޮކްޓަރަކު ވަނީ މި އާއިލާއަށް ދިމާވެފައިވާ ބަލި ދެނެގަނެފަ އެވެ. އަދި ސްވިޒަލެންޑްގެ ހަމުގެ ޚާއްސަ ޑޮކްޓަރަކު މި މީހުންގެ ކޭސް ބެލުމަށްފަހު ބުނެފައި ވަނީ މި ބަލި ޖެހުމުގެ ސަބަބުން އަތާއި ފައިން ދާ ހިއްލާލެއް މަދުވެފައި ހަންގަނޑު މާ ބޮޑަށް ކުރަކިވުމުގެ މައްސަލަ ދިމާވާނެ ކަމަށެވެ.
މި އާއިލާއަށް ދިމާވެފައިވާ މައްސަލަ ގިނަ ބަޔަކަށް އޮޅުން ފިލުވައިދޭން މަސައްކަތް ކޮށްކޮށް އެމީހުން ތިބީ ވަރުބަލިވެފަ އެވެ.
އަމަލް ބުނީ މިއީ އޭނާ އަމިއްލައަށް ކޮށްގެން އުޅޭ ކަމެއް ނޫން ކަމަށާއި އޭނާއަށް އާއިލީ ގޮތުން ވާރުތަވެފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން އޭނާ އަށާއި އޭނާގެ ފިރިހެންދަރިންނަށް ވަރަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
އަމަލް އާއި އޭނާގެ ދަރިފުޅު އަޕޫ އަށް މިހާރު އާ އައިޑެންޓިޓީ ކާޑެއް ލިބިއްޖެ އެވެ. އެ ކާޑު ހަދައިދިނީ ރެޓިނާ ސްކޭން އާއި ފޭޝަލް ރެކޮގްނިޝަން ފީޗާ ބޭނުންކޮށްގެންނެވެ. އެ ކާޑު ހަދައިދިނީ އެމީހުންގެ ހާލަތު ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅީމަ އެވެ. ނަމަވެސް އަދިވެސް ސިމް ކާޑެއް އެ މީހުންނަކަށް އަމިއްލަ ނަމުގައި ނުގަނެވޭނެ އެވެ. ޑްރައިވިން ލައިސަންސެއް ވެސް ނުނެގޭނެ އެވެ. އަދި ޕާސްޕޯޓް ހެއްދުން ވެސް ވާނީ ވަރަށް އުނދަގޫ އަދި ދިގު މަރުހަލާ އަކަށެވެ.