ލޯބިވެރިޔާއަށް ކައިވެންޏަށް ދައުވަތުދޭ ވަގުތަކީ ނުވަތަ މެރިޖް ޕްރޮޕޯޒަލް އަކީ ދެ ލޯބިވެރިޔެއްގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ވަގުތުކޮޅެވެ. އެ ވަގުތުކޮޅު ވަރަށް ހަނދާން ނައްތާ ނުލެވޭ ވަރުގެ ތާރީހީ ކަމެއްގެ ގޮތުގައި ފާހަގަ ކުރަން ބައެއް މީހުން ބޭނުންވެ އެވެ. ނަމަވެސް އޮސްޓްރިޔާގެ މި އަންހެންމީހާއަށް އެ ވަގުތުކޮޅު ވެގެންދިޔައީ ވަރަށް ބިރުވެރި ތަޖުރިބާ އަކަށެވެ.
ފިރިހެނަކު އޭނާގެ ލޯބިވެރިޔާގެ ޕްރޮޕޯޒްކުރަން ގެންދިޔައީ ފަރުބަދައިގެ ކުރިއަށެވެ. އެތަނުގައި ބަހައްޓައިގެން އެމީހާ ޕްރޮޕޯޒް ކުރުމުން އޭނާގެ ލޯބިވެރިޔާ އާނއެކޭ ވެސް ބުންޏެވެ. އަދި އާނއެކޭ ބުނިތާ މާ ގިނައިރެއް ނުވެ އަންހެންމީހާ ވަނީ ފަރުބަދަ މަތިން 650 ފޫޓު ތިރިއަށް ވެއްޓިފަ އެވެ.
ނަސީބަކުން 32 އަހަރުގެ އަންހެންމީހާ މިހާ މަތިން ވެއްޓިވެސް ފުރާނަ ސަލާމަތްވި އެވެ. އޭނާ ވެއްޓުނީ ކޯރެއް ތެރެއަށް ކަމަށް ވެފައި ކޯރަށް ވަރަށް ބޯކޮށް ސްނޯ ފައިބައިފައި ވުމުންނެވެ.
އެމީހުން ސަލާމަތްކުރި ޕޮލިސް އޮފިސަރު ބުނީ އަންހެންމީހާ ވެއްޓެން ދާން ފެށުމުން ފިރިހެންމީހާ އޭނާގެ އަތުގައި ހިފަން ކުރި މަސައްކަތުގައި ބެލެންސް ކަޓައިގެން އޭނާވެސް ވެއްޓެން ގޮސް ވަކި ހިސާބަކުން ތަނެއްގައި ހިފެހެއްޓި އެތަނުގައި އެލިފައި އޮތީ އެވެ. އޭނާ އާއި އަންހެންމީހާ ސަލާމަތްކުރީ ފުލުހުންގެ ރެސްކިއު ޓީމަކުން ހެލިކޮޕްޓަރެއްގެ އެހީގަ އެވެ.
ކަން ދިމާކުރި ގޮތުން އަންހެންމީހާ ވެއްޓުނުތަން އެހިސާބުން ދަތުރުކުރި މީހަކަށް ފެނުނީ އެވެ. އޭނާ އެހެން މީހުންގެ ސަމާލު އެކަމަށް ގެނައުމުން ގިނަ ބަޔަކު އެއްވެ ވެއްޓުނު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ އެވެ.
މި ދެ މީހުން ފަރުބަދައިގެ ކުރިއަށް ޓްރެކިން ކޮށްގެން އެރީ ހަމަ މި ޕްރޮޕޯޒަލް ތާރީހީ ކަމަކަށް ހެދުމަށެވެ. އެމީހުން ބޭނުންވި ގޮތަށް މިކަންތައް ވެގެން ދިޔައީ އެމީހުން ދުވަހަކުވެސް ހަނދާން ނުނެތޭވަރުގެ ކަމަކަށެވެ.
މި ހާދިސާގައި ފިރިހެންމީހާގެ މައިބަދައިގައި ވަނީ ރެނދުލާފަ އެވެ. އަދި އަންހެންމީހާ އަށް ވެސް އެކިވަރުގެ އަނިޔާވެ ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.