މެންޗެސްޓާ ޔުނައިޓެޑް

އިންސްޓަގްރާމް ޕޯސްޓަކާ ހެދި ކަވާނީ ސަސްޕެންޑް

އިންސްޓަގްރާމްގައި ޖެހި ޕޯސްޓަކާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑްގެ އުރުގުއޭގެ ފޯވަޑް އެޑިންސަން ކަވާނީ ތިން މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

ނޮވެމްބަރު މަހު ސައުތުހެމްޓަން އާ ދެކޮޅަށް ކުޅުނު މެޗުގައި، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ދެ ލަނޑު ޖެހި މެޗަށް ފަހު ރައްޓެއްސަކު އެކަން ފާހަގަކޮށް މަރުހަބާ ކިއުމުން، ޝުކުރު އަދާ ކޮށް ކަވާނީ އެކުވެރިޔާ އާ މުހާތަބު ކުރުމުގެ ގޮތުން ސްޕެނިޝް ބަހުން ބޭނުން ކޮށްފައިވާ ލަފުޒަކީ "ނެގިރީޓޯ" އެވެ.

މިއީ އިނގިރޭސި ވިލާތުގައި ނަސްލީ ތަފާތު ކުރުމުގެ ގޮތުން ބޭނުން ކުރާ ޓާމެކެވެ. އެހެން ނަމަވެސް ދެކުނު އެމެރިކާ އާއި ކެރީބިއަން ސަރަހައްދުގައި އާންމުކޮށް އެ ލަފުޒު ބޭނުން ކުރެ އެވެ. އެއީ އުރުގުއޭގައި ދިރިއުޅޭ އެފްރިކާ ދަރިކޮޅުގެ މީހުންނާ މުހާތަބު ކުރުމުގެ ގޮތުންވެސް ބޭނުން ކުރާ ލަފުޒެކެވެ. އަދި ގާތްކަން ހާމަ ކުރުމުގެ ގޮތުން ވެސް އެ ލަފުޒު ބޭނުން ކުރެ އެވެ.

އިނގިރޭސި އެފްއޭއިން އެކަން ތަހްގީގު ކުރުމަށް ފަހު ސަސްޕެންޝަންގެ އިތުރުން 100،00 ޕައުންޑުން ކަވާނީ ޖޫރިމަނާ ކުރުމަށް ވެސް ނިންމި އެވެ. އޭނާއަށް ގެއްލޭނެ ތިން މެޗަކީ އެސްޓަން ވިލާ މެޗު، މެންޗެސްޓާ ސިޓީ މެޗު އަދި ވަޓްފޯޑް އާ ދެކޮޅަށް ކުޅޭ މެޗެވެ. މެންޗެސްޓާ ޔުނައިޓެޑުން ވަނީ ކަވާނީއަށް ކުރި ޖޫރިމަނާގެ ފައިސާ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ހަރަދު ކުރާ ފަންޑަށް ލުމަށް ހުށަހަޅާފަ އެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކަވާނީ ބޭނުން ކުރި އިބާރާތަކީ ނަސްލީ ގޮތުން ދިމާ ކުރުމުގެ ގޮތުން ބޭނުން ކުރި އިބާރާތެއް ނޫން ކަމަށެވެ. އަދި އޭނާ ބޭނުން ކުރި އިބާރާތުގެ ސަބަބުން އެކަން ނުބައި ކޮށް ނެގިދާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވިފައި ނެތް ކަމަށެވެ.

"އޭނާ އިހްލާސްތެރި ކަމާއެކު ގަބޫލު ކުރަނީ އޭނާގެ ގާތް ރަހުމަތްތެރިޔަކު މަރުހަބާ ކިއުމުން އޭނާ ޕޯސްޓް ކުރި އިބާރާތަކީ ގާތްކަން ހާމަ ކުރުމުގެ ގޮތުން ބޭނުން ކުރި ރަނގަޅު އިބާރާތެއްގެ ގޮތުގައި." ޔުނައިޓެޑްގެ ބަޔާނުގައި ވެއެވެ.