ވާހަކަ

ނޭދެމޭ ވަކިވުމެއް

( އެޕިސޯޑް 6 )

ލިއުޝާ ލާން އުޅުނު ނޭވާ އޭނާގެ އަރު ތެރޭގައި ތާށިވެގެން ދިޔައެވެ. މެސެޖުގައި ލިޔެފައިވާ ކޮންމެ އަކުރެއް ހީވީ ވަކި ވަކިން އައިސް ލިއުޝާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް އަޅައިލިހެންނެވެ. ލިއުޝާގެ ހިތްތެޅޭ ގޮތްވިއެވެ. މިފްޒާލް ކޮށްފާނެ ކަމެއް ހިތަށް ވެސް ނުގެނެވޭތީއެވެ. އަނެއްކާ ވެސް ލިއުޝާއަށް ބަލައިލެވުނީ މިފްޒާލްގެ މެސެޖަށެވެ. އަދި މަޑުމަޑުން ލިއުޝާ ގޮނޑީގައި އިށީންނެވެ.

ޓެކްސީއަށް އަރައިގެން ޒީނާ ދަތުރު ކުރަމުން ދިޔައީ އޭނާގެ ގެއާއި ދިިމާލަށެވެ. ހިތަށް ލިބިފައިވާ ތުރާލާއި އެކު، ޒީނާއަށް ހީވަނީ ދުނިޔޭގެ ދައުރުވުން ހުއްޓިގެން ދަނީހެންނެވެ. ޒީނާގެ މުޅި ޙަޔާތަށް ހީވީ ބޮޑު ރެދެއް އެޅިހެންނެވެ. އެ ފޮޓާ ތަކާާއި، އެ ވީޑިއޯތައް މީސް މީޑިޔާގައި ދައުރު ވާން ފަށައިފި ނަމަ، ޒީނާއަށް އޭނާގެ ދިރިއުޅުން ގެއްލިގެން ދިޔައީ ކަން އޭނާއަށް ޔަޤީންނެވެ. އެކަންތައް ބަރުދާސްތު ކުރާކަށް ޒީނާގެ މަންމަ ދުނިޔޭގައި ނުހުންނާނެކަން ޒީނާއަށް ކަށަވަރެވެ. ކިޔެވި ހުރިހާ ދުވަސްތަކާއި، ދުށް ހުރިހާ ހުވެފެން ތަކެއްގައި ކުލަ ނުޖެހި ފަނޑުވެގެން، ޒީނާގެ ލޯމަތިން ހުރިހާ އުއްމީދެއް ވިއްސިވިހާލި ވާނެއެވެ. އެއީ އޭނާ އެދޭނެ ގޮތެއް ނޫނެވެ. ދިރިހުއްޓައި އެގޮތަށް އެކަންތައް ހިނގާކަން ހަމަހިލާ އެއްވެސް މީހެއް ނޭދޭނެއެވެ.

މެސެންޖާއިން ފޮނުވި ޒީނާގެ ޙަޔާތް އަނިދިރި ވެގެންދާނެ ފޮޓާތަކާއި، ވީޑިއޯ ތަކާއި އެކު ޒީނާއަށް ސަލާމަތްވެވެން އޮތް ގޮތް ވެސް ވަނީ ބުނެދީފައެވެ. ނަމަވެސް އެއީ ޒީނާ ކުރަން ބޭނުން ވާނެ ކަމެއް ނޫނެވެ. ހަދާނެ ގޮތް ހުސްވެފައި ޓެކްސީގައި އިން ޒީނާގެ ލޮލުގެ ބޮލި ވަނީ ތެމިފައެވެ. ކަރުނަތައް އޭނާގެ ލޮލުގެ ތެެރެއަށް އެއްވަމުން ދިޔައީ އޭނާ ހިީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ.

ހަވީރުގެ ފިނި ރޯޅިތަކުން މުޅި ރާއްޖެއަށް މަރުޙަބާ ކިޔައިފިއެވެ. ގޭގެ ބެލްކަނީގައި ލިއުޝާ އާއި ހައިޝަމް ތިބީ ވާހަކަދައްކާށެވެ. ޖެހޭ ފިނި ރޯޅިން ހައިޝަމްގެ ހިތަށް ހަމަޖެހުން ލިބުނަސް، ލިއުޝާއަށް އެ ރޯޅިތައް ސިފަ ވަނީ ތޫފާނެއްގެ ހިލަމެއްގެ ގޮތުގައެވެ. އެއްވެސް އުފަލެއް، ހިތްހަމަ ޖެހުމެއް ލިއުޝާއަކަށް ނުލިބެއެވެ.

"ލިއު. ތިވަރަށް ނުވިސްނަބަލަ!" ބެލްކަނީގައި ހުރި އުނދޯޏެއްގައި ލިއުޝާ އޮތީ ހައިޝަމްގެ އުނގުގައި ބޯ އަޅައިލައިގެންނެވެ. ހައިޝަމްގެ އިނގިލިތައް ގެންދިޔައީ ލިއުޝާގެ އިސްތަށިގަނޑުގެ ތެރޭގައި ދުުއްވަމުންނެވެ. ލިއުޝާ އެއްވެސް އެއްޗެއް ނުބުނެ ބަލައިލީ ހައިޝަމްގެ މޫނަށެވެ. އަދި ގަދަކަމުން ހިނިތުންވުމެއް ދެވޭތޯ ލިއުޝާ މަސައްކަތް ކޮށްލިއެވެ.

"ލިއު. އަހަރެން ލިއުއާ ބެހޭ ގޮތުން ދައްކާ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރާނަމޭ! ޕްރޮމިސް." ހައިޝަމް ހިފައިލީ ލިއުޝާގެ ކަނާއަތުގައެވެ. އަދި ލިއުޝާގެ ކަނާއަތް ނަގަމުން، އޭނާގެ އަތަށް ހައިޝަމް ބޮސް ދިނެވެ. އެއާއި އެކު ލިއުޝާގެ ތުންފަތުން ލުއި ހިނިތުންވުމެއް ދުވެލިއެވެ.

***

"ދަރިފުޅާ! ޒީނާ." ޒުހުދާ އައި ގޮތަށް އައިސް އިށީންނީ ސޯފާގައި އިން ޒީނާއާ ޖެހިގެންނެވެ. ޒީނާގެ މޫނުމަތިން ޒީނާއަށް ބޮޑު ކަމެއް ވެއްޖެކަން، ޒުހުދާއަށް ޔަޤީންވިއެވެ.

"ދަރިފުޅާ ޒީނާ. ކިހިނެއްވެފަތަ ތީނީ؟ އަނެއްކާ.." ޒުހުދާ ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުނީ ކުއްލިއަކަށް ޒުހުދާގެ އަތުގައި ޒީނާ ހިފައިލުމުންނެވެ.

"ނޫން މަންމާ. އޮފީހުގަ މާ ބިޒީ. ވަރަށް ވަރުބަލި." ޒީނާ ޙަޤީޤަތް ސިއްރުކޮށް، މަތި ޖަހަމުން ޒުހުދާގެ ގައިގައި ބައްދައިގަތެވެ. ޒީނާ ދުވަހަކުވެސް ޒުހުދާއަށް ދޮގު ހަދާފާނެހެން ހީނުވާތީ އެކަން ޒުހުދާ ޤަބޫލު ކުރީއެވެ.

***

މިފްޒާލްގެ މުޅިގައިގައި ހިފާފައި ވަނީ ނަފުރަތުގެ ހޫނު އަލިފާނެވެ. ބަދަލު ހިފުމާއި، އަނިޔާވެރިކަން މިފްޒާލްގެ މުޅި ގަޔަށް ދިޔައީ ސަވާރު ވަމުންނެވެ. ދެއަތް ދެއަތަށް ކާއްތަމުން ކޮޓަރީގެ ދެކޮޅަށް ހަރުކޮށް ފިޔަވަޅު ނަގަމުން، މިފްޒާލް ގެންދިޔައީ ދޭތެރެ ދޭތެރެއިން ފޯނަށް ބަލައިލަމުންނެވެ. ކުއްލިއަކަށް މިފްޒާލަށް ފެނުނީ އޭނާގެ ފޯނުގެ ޑިސްޕުލޭ ދިއްލުނު ތަނެވެ. އަވަސް އަވަސް ކޮށް މިފްޒާލް ފޯނު ހުޅުވައި ބަލައިލިއެވެ.

"އާނ! ދާނަން." މެސެޖު ކިޔައިލުމުން މިފްޒާލަށް ލިބުނީ އާދަޔާ ޚިލާފު އުފާވެރި ކަމެކެވެ. ތުންފަތުން ލާނެއް ފާޑަކަށް މިފްޒާލް ހީނލިއެވެ. ދުނިޔޭގެ ދަންތުރައިގައި އިތުރު އިންސިއެއް ޖެހެނީ ކަމުގެ އުފާވެެރި ކުލަވަރުތައް މިފްޒާލްގެ ލޯމަތިން ފެންނަހެން ހީވުމުންނެވެ. ބާރު ބާރަށް ހެމުން ހެމުން މިފްޒާލް ކޮޓަރީގެ އެނދަށް ބާރަކަށް ޖެހިގަތެވެ.

***

"ކޮއްކޮ ހާދަވަރަކަށް ހެނީ؟" މިފްޒާލްގެ ކޮޓަރިއާ ޖެހިގެން އިން މިފްރާހުގެ ކޮޓަރީގައި ތިބީ ހައުލާ އާއި މިފްރާހެވެ. މިފްރާހު ހައިރާންވެ ހުރެ އެހެން ބުނެ، ބަލައިލީ ހައުލާގެ މޫނަށެވެ. ދެ ކޮނޑު އަރުުވައިލަމުން ހައުލާ ދެއްކީ އޭނާއަށް ނޭނގޭ ކަމުގެ އިޝާރާތެކެވެ.

ހައުލާ އާއި މިފްރާހު ދައްކަމުން ދިޔައީ އެމީހުންގެ ކައިވެނީގެ ވާހަކަތަކެވެ. މިފްރާހު ބޭނުން ވަނީ ކައިވެނީގެ ޙަފުލާ ވަރަށް ކުލަގަދަކޮށް ފާހަގަކުރާށެވެ. ނަމަވެސް އެކަމާއި ހައުލާގެ ވިސްނުން ތަފާތެވެ. ހައުލާގެ ވިސްނުމުގައި އެއީ ބޭކާރު ޚަރަދެކެވެ. އެޔަށްވުރެ ބޮޑަށް ޔަތީމު ފަޤީރު ބަޔަކަށް ޞަދަގާތެއް ދިނުން މާ އައުލާކަން ބޮޑުކަމަށް ހައުލާ ދިޔައީ ބުނަމުންނެވެ. އެންމެ ފަހުން މިފްރާހު އެކަން ދޫކޮށްލީ ހައުލާ ބޭނުންވާ ގޮތަށެވެ.

ރޭގަނޑުގެ އަނދިރިކަމުން މުޅި ދުނިޔެ ބައްދައިލައިފިއެވެ. ޒީނާ ރީތިވެގެން ގެއިން ނުކުތީ ހިތާއި ދެކޮޅަށެވެ. އެއީ ޒީނާއަށް މިއަދު ޖެހިފައިވާ ހާލެވެ. ޒީނާގެ އުފަލާއި، މުޅި ދިރިއުޅުމަކީ މީހެއްގެ މުށުގެ ތެރޭގައި ހައްޔަރު ވެފައިވާ ކަމަކަށް މިއަދު ވަނީ ވެފައެވެ. އެއްވެސް ކަމެއް އަމިއްލަ އިޚުތިޔާރުގައި ކުރުމުގެ މިނިވަން ކަމެއް ޒީނާއަކަށް ނެތެވެ.

***

"ލިއު. ފޯނެއް." ލިއުޝާގެ ފޯނަށް ބަލައިލަމުން ހައިޝަމް ބުނެލިއެވެ. ފާޚާނާއިން ނުކުތް ލިއުޝާ އަވަސްކޮށް ހިނގާފައި އައިސް ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ ލިއުޝާގެ ފޯނުގައި ސޭވް ކޮށްފައިވާ ނަމްބަރަކުން ނޫނެވެ.

"ހަލޯ ޑޮކްޓަރ. އަހަރެން މިއޮތް ހަލާކު ވަނީ.." އެ އަޑު ޖެހުމާއި އެކު، ލިއުޝާއަށް އެއީ ޒަޔާންކަން އެނގުނެވެ.

"ޒަޔާން! ކިހިނެއްވީ؟" ލިއުޝާ އައިސް އެނދުގައި އިށީންނީ ހައިޝަމްއާ ޖެހިގެންނެވެ.

"ނޭނގެ! ފާޑެއްގެ އުނދަގު އިޙްސާސެއް ވަނީ. ހިތް ނުތަނަވަސް ވަނީ. ފޫހި ވަނީ.. މަރު ވާން ބޭނުން ވަނީ.." ޒަޔާންގެ އަޑުގައި ވަނީ ކުރަކި ކަމެކެވެ.

"ނޫން ޒަޔާން. ތިހެން ނުބުނޭ! ތީ މާ ބޮޑަށް ވިސްނާތީ ވާގޮތެއް. އަމިއްލައަށް މަރުވުމަކީ އެއްވެސް ކަމެއްގެ ސޮލިއުޝަންއެއް ނޫން. އެއީ ތިމާ މީހާ ގެއްލުމެއްގެ ތެރެއަށް ވައްޓާލާ ކަމެއް. އެކަހަލަ ގޯސް، ބޭކާރު ކަމެއް ނުކުރާތި!" ލިއުޝާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިނުމަށްފަހު ޒަޔާން ފުންކޮށް ނޭވާއެއް ލިއެވެ.

"ޑޮކްޓަރ ތިހެން ބުނީމަ ވެސް ހިތްވަރެއް ލިބެއްޖެ! ބޭނުން ވަނީ ތިކަހަލަ ނަޞޭހަތް ދޭނެ މީހެއް. ތިހެން ވާހަކަދައްކާނެ ރަނގަޅު ޑޮކްޓަރެއް. ޝުކުރިއްޔާ." ޒަޔާން ފޯނު ބޭއްވުމުން ލިއުޝާ ބަލައިލީ އޭނާގެ ގާތުގައި އިން ހައިޝަމަށެވެ.

"އެއީ ޒަޔާން. ޑިޕްރަޝަންގަ އުޅޭ ކުއްޖެއް. އެކަހަލަ ކުދިން ބޭނުން ވާނީ އެކުދިންގެ ވާހަކަތައް އަޑުއަހާ، އެކުދިންނަށް ރަނގަޅު ނަޞޭޙަތް ދޭނެ މީހެއް. އެކުދިންގެ ފަރުވާ އަކީ މީހުންގެ ލޯތްބާއި އަޅާލުން. ހިތްވަރު." ލިއުޝާ އެހެން ބުނެ ބޯ އަޅައިލީ ހައިޝަމްގެ މޭގެ ތެރޭގައެވެ.

***

ދޮރުގައި ޓަކި ދޭން ފެށި އަޑަށް މިފްޒާލް ގޮސް ދޮރު ހުޅުވައިލީ ވަރަށް މަޑުންނެވެ. ޖެހިގެން ތިބި ކޮޓަރީގެ އެއްވެސް މީހަކަށް އަޑު އިވިގެން ނުކުމެދާނެތީއެވެ. މިފްޒާލް ދޮރުހުޅުވައި، ދޮރު ކުރިިމަތީގައި ހުރި ޒީނާއަށް ބަލައިލުމާއި އެކު ހިނިތުންވެލިއެވެ.

"އަވަހަށް ވަދޭ! ޒީ..." ދޮރު ބޮޑަށް ހުޅުވައިލަމުން، މިފްޒާލް ބުނެލިއެވެ. އެ މަންޒަރު ބަލަން ހައުލާ އިނީ ކޮޓަރިން ބޭރުގައި ހުއްޓިލައިގެންނެވެ. ހައުލާ ކޮޓަރިން ނުކުތީ މިފްރާހުގެ އެދުމަށެވެ. ދޮރުގައި ޓަކި ދެނީ ކާކުތޯ ބެލުމަށެވެ. ޒީނާ ގޭތެރެއަށް ވަނެވެ.

"މަރުޙަބާ ޒީ.." މިފްޒާލް ވާހަކަދައްކަމުން ދިޔައީ ޖެއްސުމުގެ ރާގެއްގައެވެ. ޒީނާއަށް ބަލައިލަމުން ހައުލާ ވަރަށް އަވަސްކޮށް ކޮޓަރިއަށް ދެމިގަތެވެ. މިފްޒާލަށް ފެނިދާނެ ތީއެވެ.

"ކާކުތަ އައީ؟" ހައުލާ ކޮޓަރިއަށް ވަނުމާއި އެކު، އެނދުމަތީގައި އޮތް މިފްރާހު ބުނެލިއެވެ.

"ނޭނގެ! މިފްޒާލް ގޮސް ދޮރު ހުޅުވައިފި." ހައުލާ އައިސް އެނދުގެ ފަނޑީގައި އިށީންނެވެ.

***

ލިއުޝާއަށް އެތައް ފަހަރަކު ޒީނާއަށް ގުޅިއްޖެއެވެ. ނަމަވެސް ޒީނާގެ ފޯނުން ޖަވާބެއް ނުދޭތީ ލިއުޝާ ވަނީ ނުހަނު ކަންބޮޑުވެފައެވެ. ޒީނާއަށް ކަމެއްވީ ކަމަށް ހީކޮށް ޒީނާގެ މަންމައަށް ވެސް ލިއުޝާ ގުޅިއެވެ. އެކަމު، ޒުހުދާގެ ފޯނު އޮތީ ނިއްވައިލާފައެވެ. އެ ވިސްނުމާއި ފިކުރުތަކުގެ ތެރޭގައި ލިއުޝާ އޮތީ އެނދުމަތީގައި އޮށޯވެގެންނެވެ. ލިއުޝާގެ ގާތުގައި، ގަދަ ނިދީގައި އޮތް ހައިޝަމަށް ބަލައިލަމުން ލިއުޝާ މަޑުމަޑުން ހައިޝަމްގެ ގައިގައި ބައްދައިގަތެވެ. ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯއެވެ.

***

މުޅި ކޮޓަރިތެރެ ވަނީ ހިމޭން ވެފައެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ޒީނާ ހުއްޓިލައިގެން ހުއްޓެވެ. ޒީނާއަށް ނުލަފާ ގޮތަކަށް ބަލަން މިފްޒާލް އޮތީ އެނދުގައި ޖައްސައިލައިގެންނެވެ.

"ތިހެން ހުންނަނީތަ ކޮޅަށް؟ އާދޭ ގާތުގަ އޮށޯވެލަން.. ހައްހައްހާ." މިފްޒާލްގެ ނުލަފާ ކަމުން ޒީނާގެ ހިތަށް ވެރިވަމުން ދިޔައީ އިންތިހާއަށް ރުޅިވެރިކަމެވެ.

"ކަލޭ ހާދަ ހަޔާތްކުޑައޭ؟" ޒީނާ އެހެން ބުނުމާއި އެކު، އެނދުގައި އޮތް މިފްޒާލް ކުއްލިއަކަށް އެނދުން ފުންމައިގެން ތެދުވިއެވެ. އަދި ދިޔަ ގޮތަށް ގޮސް ކޮޓަރީގައި ކޮޅަށް ހުރި ޒީނާގެ ކަރުގައި ހިފައި، ފާރަށް ތަތްކޮށްލިއެވެ.

"ކަލޭ ދެން އެންމެ އެއްޗެއް ވެސް އަހަރެންނާ ދެކޮޅަށް ބުންޏަސް، ކަލޭ ދުނިޔޭގަ އުޅޭނީ ނުކުޅެދޭ ހާލުގަކަން ވިސްނާތި!" ދަތްކުނޑި ވިކައިލަމުން، މިފްޒާލް ވާހަކަދެއްކީ މަޑުންނެވެ. ނަމަވެސް އިންތިހާ ރުޅިއާ އެކުގައެވެ.

"ކަލޭ ޖެހޭނީ އަހަރެން ބުނާ ގޮތް ހަދަން. އެހެން ނޫނީ... ގޭގޭ ފާރުތަކަށް ވެސް އަރާނެ ކަލޭގެ ވާހަކަ.. ހެހެ!" ކުއްލިއަކަށް ޒީނާގެ ކަރުން އަތް ދޫކޮށްލަމުން މިފްޒާލް ބުނެލިއެވެ. ޒީނާގެ ކަރަށް ވަނީ މިފްޒާލްގެ އަތްތިލަ އެއްކޮށް އަރާފައެވެ. މުޅި އެތަން ހީވަނީ ރަތްކުލަ ޖައްސާފައި އޮތްހެންނެވެ. ކުރުކޮށް އަވަސްކޮށް ނޭވާ ލަމުން ޒީނާ ގެންދިޔައެވެ.

"އަހަރެން ބޭނުމެއް ނޫން މާ ވާހަކަ ގިނަ ކުރާކަށް. ކަލެއަށް އޮތީ ހަމަ އެންމެ ގޮތެއް. އޮންލީ ވަން ޗޮއިސް. ހެހެ." މިފްޒާލްގެ އިނގިލިން ޒީނާގެ ކޮލުގައި ބާރަށް ކޮއްޓައިލަމުން އޭނާގެ ނުބައިކަން އޭނާ ދިޔައީ އިތުރަށް ދައްކަމުންނެވެ.

"ކަލެއަށް ސަލާމަތްވެވެން އޮތީ އަހަރެންނާ އެކު ބައިވެރި ވެގެން. ދެމީހުން އެއްލަވައެއް ކިޔައިގެން." މިފްޒާލްގެ މޫނުމަތިން ފެންނަނީ އޭނާގެ ޖައްބާރުކަމެވެ. މިފްޒާލް ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް ހުއްޓުނީ ޒީނާގެ ކުރިމަތީގައެވެ.

"ޒީނާ.. ޒީ.. ހެހެ! ބުނޭ! ކޮން ގޮތެއް ބޭނުމީ؟ ދުނިޔޭގެ ބަދުނާމު؟ ނޫނީ އަމިއްލަ އިއްޒަތް؟ ޔޫ ޗޫސް ބޭބީ ގާރލް! ހައްހައްހާ.." މިފްޒާލްގެ އަތުން ޒީނާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް ރީތިކޮށްލަމުން، މޫނުގައި ފިރުމައިލިއެވެ. ހަމަ އެއާއި އެކު ޒީނާ އިސްޖެހިއެވެ.

"އަހަރެންނަށް ބަލާފަ ބުނޭ! ކަލޭ ތިހުރީ އަހަރެންނާ އެކު ތަ؟" މިފްޒާލްގެ އަތުން ޒީނާގެ އިސް ނެގިއެވެ. ޖެހިލުންވެ ހުރެ، ޒީނާ އާނއެކޭ ބުނާ ފަދަ ގޮތަކަށް ބޯ ޖަހައިލިއެވެ.

"ތިހެނެއް ނޫން. ރީއްޗަށް ބުނޭ! ޒީނާއަށް އެނގޭނެ އަހަރެން ބޭނުންވާ ގޮތް. ބުނޭ!" ޒީނާގެ އަތުގައި ހިފައި މިފްޒާލް ފިއްތައިލިއެވެ.

"އާނ! އަހަރެން ލިއުޝާގެ ޙަޔާތް ހަލާކުކޮށްލާނަން!" ޒީނާ އެހެން ބުނުމާއި އެކު، ޒީނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. (ނުނިމޭ)