އެމްއެންޑީއެފް

ސިފައިން ތައްޔާރުކުރި ވައިބަރު ސްޓިކާ ނެރެފި

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ފަރުމާކުރި ވައިބަރު ސްޓިކާ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ނެރެދެއްވައިފި އެވެ.

މި ސްޓިކާތައް ނެރެދެއްވާފައިވަނީ ކަޅުތުއްކަލާކޮށީގައި މާލޭ ފަޔާ ސްޓޭޝަނުން އިންތިޒާމުކޮށްގެން އެ ސްޓޭޝަންގެ ސިފައިންނަށް ބޭއްވި ބްރޭވް ހާޓް ފަޔާ ފައިޓާސް ޗެލެންޖް 2020 ގެ ތެރެއިންނެވެ. މި ސްޓިކާތައް ފަރުމާކޮށްފައިވަނީ އެފްއާރުއެސްގައި މަސައްކަތްކުރައްވާ ވޮރަންޓް އޮފިސަރު 3 އާސިމް ރަޝީދު އާއި ސްޓާފް ސާޖަންޓް ފާރޫގު އިސްމާއީލް އެވެ.

ޖުމްލަ 24 ސްޓިކާ ހިމެނޭ މި ސްޓިކާ ޕެކޭޖުގައި ހިމެނޭ ސްޓިކާތަކުން ދައްކައިދޭނީ އެފްއާރުއެސްއާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުމާއި އަލިފާން ނިއްވުމާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެފްއާރުއެސްގެ އިމާޖެންސީ ނަންބަރުތަކާއި ތަފާތު ހޭލުންތެރިކަމުގެ މެސެޖުތަކެވެ.

މިއީ އާންމު ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމާއި އެފްއާރުއެސްގެ ހިލޭ ގުޅޭ ނަންބަރު 118 އިސްތިހާރު ކުރުމުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ފަރުމާކުރެވުނު ސްޓިކާ ތަކެކެވެ. މި ސްޓިކަރތައް މިއަދުން ފެށިގެން އާންމުންނަށް ބޭނުން ކުރެވޭނެއެވެ.