ނަރުދޫ

ނަރުދޫއަށް އުދަ އަރައި ގެއްލުން ވެއްޖެ

Jan 2, 2021
1

ށ. އަތޮޅު ނަރުދޫއަށް އުދަ އަރައި ގޭގެއަށް ލޮނު ވަދެ ގެއްލުންތައް ވެއްޖެ އެވެ.

އެ ރަށަށް ރޭގަ އާއި މިއަދު ހެނދުނު އުދަ އަރައި މުޅި ރަށުގެ އެކި ހިސާބުތަކަށް ލޮނުގަނޑު ދެމިގެންފައިވާއިރު ވަރަށް ގިނަ ގޭގެއަށް ލޮނު ވަދެ ބައެއް ގޭގޭގެ ހިފާގެންގުޅޭ އެއްޗެއްސަށާއި ދިރިއުޅުމަށް ބޭނުންކުރާ އެހެނިހެން ސާމާނަށް ގެއްލުވުމުންގެ ސަބަބުން އާންމު ދިރިއުޅުމަށް ވަނީ ބުރޫ އަރާފަ އެވެ.

ނަރުދޫގެ އާބާދީ ގާތްގަނޑަކަށް 800 މީހުނާ ގާތްކުރާއިރު އެ ރަށުގައި 82 ގެ ހުންނަ ކަމަށް ވެއެވެ.

އުދައާއެކު ލޮނުގަނޑު ނަރުދޫގެ ރަށުތެރެއަށް ދެމިގަނެ ދިޔަ ބޮޑުވެފައިވާތީ ނަރުދޫގެ ރައްޔިތުން ނުކުމެ ދަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން މިއަދު ހެނދުނުއްސުރެ ފަށާފަ އެވެ. ބައެއް ހިސާބުތަކުގައި ކަކުލުން މައްޗަށް ލޮނު ބޮޑުވެފައި ވެއެވެ.

ނަރުދޫއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލްތައް އަދި ސާފުވެފައެއް ނުވެއެވެ. ނަރުދޫގެ ހާލަތާގުޅޭ މައުލޫމާތާއި ފޮޓޯތައް އަަވަސް ނިއުސް ޑްރޮޕް އަށް ފޮނުވޭނެ އެވެ.

ނަރުދުއަށް އުދަ އަރާފައިވާއިރު މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި މިހާރު ރާއްޖޭގެ ރާޅުގެ އުސްމިން ހުންނާނީ ދެފޫޓާއި ހަ ފޫޓްގަ އެވެ. އަދި ބުނީ ރާއްޖޭގެ އުތުރާއި މެދު އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށާއި އުތުރާއި މެދު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ.