މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑުން ލިވަޕޫލާ އަރާ ހަމަ ކޮށްފި

އެސްޓަން ވިލާ ކޮޅަށް ބުރުނޯ ފެނާންޑޭޒް ކާމިޔާބު ކުރި ޕެނަލްޓީން، 2-1 ން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން، ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ހަމަހަމަ ކޮށްފި އެވެ.

ލިވަޕޫލް ތަފަތު ވަނީ ހަމަ އެކަނި ފައިދާ ގޯލުން ކުރި ލިބޭތީ އެވެ. ފެނާންޑޭޒް ޕެނަލްޓީން ކާމިޔާބު ކުރި ލަނޑަކީ، މި ސީޒަންގައި އޭނާ ޖެހި 15 ވަނަ ގޯލެވެ. ޕޯޗްގީޒުގެ މިޑްފީލްޑާ ޔުނައިޓެޑަށް ލަނޑު ކާމިޔާބު ކޮށް ދިނީ ވިލާގެ ބާޓްރެންޑް ޓްރައޯރޭ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިންތާ ތިން މިނެޓް ފަހުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، އެންތޮނީ މާޝިއަލް ޔުނައިޓެޑަށް ލީޑް ނަގައިދިނެވެ.

ޕޮއިންޓްގެ ގޮތުން ޔުނައިޓެޑާ ލިވަޕޫލް މިވަގުތު އެއްވަރުވި ނަމަވެސް، ސައުތުހެމްޓަން އާ ދެކޮޅަށް ހޯމަ ދުވަހު ކުޅޭ މެޗުން މޮޅު ވެގެން ލިވަޕޫލަށް ޔުނައިޓެޑާ ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް ގާއިމު ކުރެވޭނެ އެވެ. ނަމަވެސް ޔުނައިޓެޑް އަތުގައި އެހެން މެޗެއް އެބައޮތެވެ. އަންގާރަ ދުވަހު ބާންލީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ޖަނަވަރީ 17 ގައި އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ތާަވަލުގެ އެއް ވަނައިގައި އެކަނި ރަސްކަން ކުރެވޭނެ އެވެ.

ޔުނައިޓެޑުގެ ޓީމުން ފެނުނު، މަސައްކަތުގެ ރޫހާ މެދު ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝޔާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ. ޔުނައިޓެޑަށް ތައުރީފް ކުރާނެ ކިތަންމެ ހާލަތެއް މެޗުގެ ތެރެއިން އޭނާއަށް ހޯދޭނެ އެވެ. މެޗުގެ ފަހު ވަގުތުގައި ވިލާގެ މަޓީ ކޭޝް ފޮނުވާލި ހަމަލާ ކީޕަރު ޑޭވިޑް ޑެހެއާ ދިފާއު ކުރުމާއި ކިއެނަން ޑޭވިސް ފޮނުވާލި ޝޮޓް އެރިކް ބައީ ބްލޮކް ކުރުމަކީ ތައުރީފު ހައްގު ކަންތައްތަކެވެ.

އައިވަރީ ކޯސްޓްގެ ޑިފެންޑަރު އެރިކް ބައީގެ އެ ބްލޮކަށް ޔުނައިޓެޑްގެ ކުޅުންތެރިން މެޗަށް ފަހު އޭނާއަށް މެޗުގެ ބަތަލެއްގެ ދަރަޖައިގައި މަރުހަބާ ކީތަން ފެނުނެވެ.