ކުޅިވަރު

ހަވާ ބަލަން ދިޔަ ސިޓީގެ ކުރީގެ ޑިފެންޑަރު ލޮލަށް ގެއްލުން

މީލާދީ އާ އަހަރު ފާހާގަ ކުރުމުގެ ގޮތުން ހަވާގެ ކުޅިވަރު ބަލަން ދިޔަ މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު އުމަރު އެލްއެބްދާލީ ލޮލަށް ގެއްލުންވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފި އެވެ.

ތުރުކީގެ ގަލަތަސަރާއީ އަށް މިހާރު ކުޅެމުންދާ ނޯވޭގެ ޑިފެންޑަރުގެ ލޮލަށް ގެއްލުންވީ ހަވާ އަރުވާ މަންޒަރު ބަލަން، އިސްތަންބޫލްގައި އޭނާ ދިރިއުޅޭ ގޭގެ އެޕާޓްމެންޓްގެ ބެލްކނީގައި ހުއްޓާ ބަޑިބޭސް އޭނާ މޫނު މައްޗަށް ޖެހުމުން ކަމަށް ތުރުކީ މިޑިއާ ތަކުން ބުނެ އެވެ. އޭނާގެ ލޮލުގެ ފެނުން ގެއްލިފައެއް ނުވެ އެވެ. އެހެންނަމަވެސް އޭނާގެ ދެ ލޮލަށް ވެސް ވަނީ ހާނިކަ ވެފަ އެވެ.

އިސްތންބޫލްގެ ލިވް ހޮސްޕިޓަލްގައި އޭނާ އަށް އިއްޔަ ވނީ ފަރުވާ ދީފަ އެވެ. އޭނާ ބެލި ލޮލުގެ ހާއްސަ ޑޮކެޓަރު ވަދަތު ކަޔާ ބުނީ، އޭނާގެ ހާލު މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތުގައި އޭގެ އަސަރު ނެތިދާނެތޯ ބުނަން އަދި އަވަސް ކަމަށް ކަޔާ ބުންޏެވެ.

މެންޗެސްޓާ ސިޓީގެ ޓީމުގައި ކުރިން ހިމެނުނު އެލްއެބްދާލީގެ އެއް ލޮލަށް ވނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ. ސިޓީން ސީނިއާ ކެރިއާ ފެށި ނަމަވެސް ވާދަވެރި އެއްވެސް މެޗެއްގައި އެ ކުލަބަށް ކުލެފަ އެއް ނުވެ އެވެ. ފަހުން އޭނާ ހޭދަ ކުރީ ލޯން އުސޫލުން އެހެން ކުލަބުތަކުގަ އެވެ.

ޕްރިމިއާ ލީގްގައި ހަލް ސިޓީއަށް ކުޅުމަށް ފަހު ގަލަތަސަރާއީ އަށް އޭނާ ބަދަލުވީ އޯގަސްޓް ގަ އެވެ.