(ފަހުބައި)
އައިޝަމް ފަރުވާތެރިކަމާއެކު ލަސްލަހުން ފިޔަވަޅުތައް އަޅަމުން ކުރިއަށް ދިޔައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ހަތިޔާރާއެކު ތިބި ގުރޫޕެކެވެ. އެއީ ތަފާތުކޮށް ތިބި ބަޔެކެވެ. އެމީހުންގެ ކަންފަތުގެ ފޫޅުގަނޑު ކޮނޑާހަމައަށް ހުއްޓެވެ. މޫނު ހިމަވެފައި އިސްކޮޅުން ދިގެވެ. ކޮންމެ މީހެއްގެ ވެސް ހުރީ ކަށިމައްޗާ އެއްވަރުގެ ހިމަ ދިގު ކަރެވެ.
އައިޝަމް މަޑުމަޑުން އެމީހުންނާ ކައިރިވެލިއެވެ. އެމީހުންނަށް ވެސް އައިޝަމް ފެނުނެވެ. ފެނުމާއެކު އިސްވެ އެމީހުން ހަމަލާދޭން ފެށިއެވެ. ރައްދުގައި އައިޝަމް ވެސް ހަމަލާތައް ބަދަލުކުރާން ފެށިއެވެ. އޭނާގެ އަތުގައި އޮތް ދުނިދަނޑިންނެވެ. ކޮންމެ ދުންޏެއްގެ ކޮޅުގައި ނޫކުލައިން ދިއްލޭ ދިރޭރަހަ ކޮޅެއް ހުއްޓެވެ. ކޮންމެ ދުންޏެއް އަމާޒުވަމުން ދިޔައީ އެމީހުން މެއަށެވެ. ދުނި ހެރުމާއެކު އެމީހުންގެ ހަށިގަނޑަށް ނޫކުލަ ފެތުރިގެން ގޮސް ވައިގެ ތެރެއަށް ގެއްލެމުން ދިޔައެވެ.
ފަހަރަކު ފައުޖަކަށް ހަމަލާ ދެމުން އެމީހުން މަރަމުން ގޮސް ތަނުގެ މައި ދޮރާހަމައަށް އައިޝަމަށް ދެވުނެވެ. އޭނާ އެއްފަރާތަކަށް ޖެހިލިއެވެ. މިކާޝްގެ ޚަބަރެއް ބަލައިލަން ބޭނުން ވެގެންނެވެ. އައިޝަމް ފާރު ކައިރީ އިށީނދެލިއެވެ. އޭނާގެ ބޮޑުވާ އިނގިލި ޖައްސައިލީ ކުޑަކަޅުވާއާ ދިމާގައި އުފުލިފައިވާ ތިން ނިޝާނުން އެއްމެ މަތީގައިވާ ނިޝާނުގައެވެ. ކުއްލިއަކަށް ސްކުރީނެއް ގޮތަށް ހުރި ތަނެއް އޭނާގެ މުލައްދަނޑިން ފާޅުވިއެވެ.
"ކޮބާ؟" އައިޝަމް ވައި އަޑުން ވާހަކަދެއްކިއެވެ.
ސްކުރީނުން ފެންނަމުން ދިޔައީ ވަރުބަލިވެފައިވާ މިކާޝްގެ މޫނެވެ. ގާތުގައި އައިރީން ވެސް އިނެވެ. ދެމީހުން ވެސް ތިބީ ވަރުބަލިވެފައެވެ. ގުނބު ހިލިފައެވެ. މާނޭވާ ލެވޭ ވަރުވެފައެވެ.
"މިތިބީ، މިހާރު އިމާރާތުގެ އެތެރޭގަ. ހަމަލާ ދެމުން މިދަނީ. ދޮންބެ ސަމާލުވާތި. އަހަރެން ބުނި ހިސާބަށް ދެވުނީމަ ކިޔައިދިން ގޮތް ހަދާ. ލަސް ނުކުރާތި." މިކާޝް ވެސް ވައި އަޑުން ބުނެލިއެވެ.
އައިޝަމް ސްކުރީނު އޮފް ކޮށްލިއެވެ. އޭނާ ބަލައިލީ ވަށައިގެންވާ މާހައުލަށެވެ. ކުރިމަތީގައި ހުރި ބޮޑު ދޮރާ ދިމާއަށެވެ. އެއީ އުނދަގޫ ހަރުފަތަކަށް ވާނެ ކަމަށް އޭނާއަށް ވިސްނުނެވެ. އެތަނުގައި ފޯރި މެރުމަށްޓަކައި ފޫޓަކުން ފޫޓަކުން މީހަކު ހުރެއެވެ. މުޅި ތަނުގައިވަނީ ސީސީޓީވީ ކެމެރާތައް ހަރުކޮށްފައެވެ. ހިންޏެއް ދުވެލިއަސް ފެންނާނެހެން އަލިކޮށްފައެވެ.
އައިޝަމް ފައިގައިވާ ލަކުނުތަކުން މެދުގައިވާ ލަކުނަށް ފިތައިލިއެވެ. އެއާއެކު އޭނާގެ ފައިތިލި ފޮރުވުނެވެ. އިރުކޮޅެއް ތެރޭގައި ކަކުލާ ހަމައިން ގެއްލުނެވެ. ސިކުންތު ކޮޅެއް ތެރޭގައި މުޅި މީހާ އެކުގައި ގެއްލުނެވެ. ބަލާ މީހުންނަށް އައިޝަމް ނުފެނުނަސް އޭނާއަށް ހުރިހާ މަންޒަރެއް ފެންނަމުން ދިޔައެވެ.
އައިޝަމް އަތަށް ގެނައި ހަރަކާތާއެކު އޭނާ މައްޗަށް އެރިއެވެ. ވައިގެ ތެރޭގައި މަޑުކޮށްލިއެވެ. އޭނާ މިސްރާބު ޖެހީ ދޮރާދިމާގައި ފޯރިއަށް ތިބި މީހުންނާ ދިމާއަށެވެ. އެއީ ދަގަނޑު ހެދުމުގައި ތިބި ބައެކެވެ. މޫނެއް ކަނދުރާއެއް ފާހަގައެއް ނުވެއެވެ. އޭނާ ފުރަތަމަ ހަމަލާ ދިނީ ފޯރިއަށް ތިބި މީހުންގެ މެދުގައިވާ ގުރޫޕަށެވެ. ކުއްލިއަކަށް އެންމެން ސަމާލުވިއެވެ. ނަމަވެސް ހަމަލާ ދެނީ ކާކުކަމެއް އެމީހުންނަކަށް ނޭނގެއެވެ. ފެންނަނީ ފަހަރަކު މީހަކު ބިމާ ހަމަވާތަނެވެ. ކޮންމެ މީހަކަށް ވެސް ވަނީ އެއް ގޮތެކެވެ. ބިންމައްޗަށް ވެއްޓި ވައިގެ ތެރެއަށް ގެއްލިގެން ދަނީއެވެ. ހިނދުކޮޅެއް ތެރޭގައި އެތަނުގައި ތިބި އެންމެންހެން ވައިގެތެރެއަށް ގެއްލިގެން ދިޔައެވެ. އޭރު މުޅިތަނުގެ އަލި ރަތްކުލައަށް ބަދަލުވެ އެލާމުވާން ފެށިއެވެ. އިނގިރޭސިބަހުން އިރުޝާދުތަކެއް ވެސް ދެމުން ދިޔައެވެ.
އައިޝަމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާ ހަމަޖެހިލަމުން މައިދޮރާ ދިމާއަށް ދިޔައެވެ. ކުއްލިއަކަށް ބޮޑު ފޮތިގަނޑެއް ކަހަލަ ކަޅު ކުލައިގެ އެއްޗެއް އައިޝަމްގެ ބޮލާ ދިމާއަށް ތިރިވިއެވެ. އެއިން އައިޝަމް ވަށައިލިއެވެ. އައިޝަމްގެ ބައްޓަމާ އެއްގޮތަށެވެ. އައިޝަމަށް ގުޑުވާލެވޭނެ ގޮތް ވެސް ނުވިއެވެ. އޭގެ މަތިން ބޮޑު ދާގަނޑެއް ކަހަލަ އެއްޗެއް އޮޅައިލިއެވެ. އައިޝަމަށް ސަލާމަތެއް ނުވެވުނެވެ. އިރުކޮޅެއް ނުވަނީސް ތަނުގެ މައި ދޮރު ހުޅުވުނެވެ.
އައިޝަމްގެ ގައިގައި އޮޅައިލައިފައިވާ ފޮތިގަނޑު ވައިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެ ފޮތިގަނޑު މައި ދޮރުން އެތެރެއަށް ވެއްދިއެވެ. އައިޝަމާއެކުގައެވެ. މައިދޮރުން އެތެރެވުމާއެކު ދޮރު ލެއްޕުނެވެ. އެ ދާގަނޑާއެކު އައިޝަމް ގެންދެވުނެވެ. އެއީ ބޮޑު ހޯލެކެވެ. ތަނުގެ މެދުގައި ކުރަހާފައިވަނީ ހުދުކުލައިގެ ބޮޑު ބުރެކެވެ. އެ ބުރުގެ މެދުން ރަތް ކުލައިގެ ދިރޭރަހަތަކެއް ހަރަކާތްތެރިވަމުން ދިޔައެވެ. އައިޝަމް ގެންގޮސް ތިރިކޮށްލެވުނީ އެ ބުރުގެ މެދަށެވެ. އައިޝަމްގެ ގައިގައި އޮޅައިލެވިފައިވާ ފޮތިގަނޑު މައްޗަށް ހިއްލުނެވެ. ނަމަވެސް ލޯތަކަށް އައިޝަމް ވަނީ ނިވާވެފައެވެ. އައިޝަމް އުޅުނީ އެތަނުން ދުއްވާ ގަންނާށެވެ. އެހެނަސް އޭނާއަށް ގުޑުވާ ވެސް ނުލެވުނެވެ. ދެފަޔާއެކު މީހާ ހަރުވީއެވެ. ގުޑި ނުލެވޭނެހެން ބަނދެލެވުނީއެވެ. ހީވަނީ ނުފަންނަ ކަހަލަ ދަގަތްފާނުގެ ރޯނުތަކަކުން ބަނދެލައިފައިވާ ހެންނެވެ.
އައިޝަމާ ދިމާ މަތިން ހުދުކުލައިގެ ސިލިންޑަރެއް ތިރިވިއެވެ. ބަލައިބެލުމަށް އެ ވައްތަރީ އެތެރެ ފެންނަ ބިއްލޫރި ފުޅިއަކާއެވެ. ފުޅީގެ ފުލެއް ނެތެވެ. އެ ފުޅީގެ ތެރެއިން ހުދުކުލައި ދުން އަރައަރާ ހުއްޓެވެ. ފުޅި ރަނގަޅަށް ބިމުގައި ޖެހުމާއެކު އިތުރު ދުންތަކެއް ފުޅީގެ ތެރެއަށް ދޫކޮށްލިއެވެ. ހުދުކުލައިގެ ދުންތަކުގެ ތެރެއިން އައިޝަމް ފާހަގަވާން ފެށިއެވެ. އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. އެ ހިމަ ދިގު ފުޅީގެ ތެރޭގައި އޭނާ ހުންނަ އިރު ފެންނަނީ ނިސްބަތުން ކުޑަކޮށްނެވެ. އައިޝަމް ބަލައިލީ ވަށައިގެންވާ މާހައުލަށެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައިވާ ބޮޑެތި ސްކުރީނުތަކެވެ. ސްކުރީނުތަކުގެ ކުރިމަތީގައި ނުލަފާ ވައްތަރަކަށް ތިބި ހައެއްކަ މީހުން ތިއްބެވެ. އެއިގެ ތެރެއިން އެކަކު ހުރީ ވަރަށް ރުޅި ގަދަވެފައެވެ.
މިކާޝް ބުނެދިން މީހާއަކީ އެއީކަން އައިޝަމަށް ވިސްނުނެވެ. އޭނާ ކިޔައިދިން ސިފަތައް އެމީހާގެ ހުރިކަން ވެސް ފާހަގަކުރެވުނެވެ. އައިޝަމް ފުޅީގެ ތެރޭގައި ހަމަޖެހިލިއެވެ. އޭނާ މަޑުމަޑުން ދެ އަތުގެ ހުދުހަން ފުޅީގެ ބިއްލޫރި ގަނޑާ ދިމާކޮށްލިއެވެ. މޫނަށް ގެނައި ހަރަކާތަކާ އެކު އޭނާގެ އަތުގެ ހުދުހަމުގެ ތެރެއިން ނޫކުލައިގެ އަލިކަމެއް ނުކުތެވެ. އެ އަލިކަން ގޮސް ފުޅީގެ ބިއްލޫރިގަނޑުގައި ޖެހުނެވެ. އެއްވެސް ކަމެއް ނުވިއެވެ. އަނެއްކާ ވެސް އައިޝަމް މޫނަށް ގޮތްތަކެއް ހަދައިލަމުން އަތަށް ބާރުކޮށްލިއެވެ. އަނެއްކާ ވެސް އަތުގެ ހުދުހަމުން އަލިކަމެއް ފާޅުވާން ފެށިއެވެ. ނޫކުލައިގެ އަލިކަން ގަދަ ދަނބުކުލައަށް ބަދަލުވެގެން ދިޔައެވެ. އެ އަލި ރޮނގުތައް ފުޅީގެ ބޭރުގައި ޖެހުމާއެކު ފުޅީގައި ރެނދުއަޅަން ފެށިއެވެ. ފުޅި ފަޅައިގެން ދިޔުމާއެކު އައިޝަމް ބޭރަށް ދެމިގަތެވެ. އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ބާރު އަޑުފައްފަނޑެއް އިވުމާއެކު އޭނާ ބަލައިލިއެވެ. ނުލަފާ ގޮތަކަށް ހުރި އިސްކޮޅުން ދިގު ހައިވާނެއް އޭނާއާ ދިމާއަށް ގުދުވަނީއެވެ. އެ ސޮރުގެ މޫނުމަތި ވައްތަރީ ސާރިދޯޅެއްގެ މޫނާއެވެ. ހަށިގަނޑު ވައްތަރީ އިންސާނަކާއެވެ. ދެލޯ ހީވަނީ ރަތް އަނގުރުގަނޑެއް ހެންނެވެ.
އެއީ ބިޔަ ޖަނަވާރެކެވެ. އައިޝަމް ނުވިސްނާ ހުއްޓާ އެ ސޮރުގެ އަނގަ ހުޅުވާލިއެވެ. އެ ސޮރުގެ އަނގައިގެ ތެރެއިން ބޭރަށް ދޫ ނެރެލިއެވެ. އެއާއެކު އަނގައިގެ ތެރެއިން ސޮނިތައް އޮހިގަތެވެ. އެ ސޮރުގެ ދޫ ދިގުކޮށްލިއެވެ. އައިޝަމް ވަށައިލިއެވެ. ސަލާމަތްވެވޭތޯ އައިޝަމް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ އަތްފައި ވަނީ އެސޮރުގެ ބޮޑު ދުލުން ވަށައިލެވިފައެވެ. އެ ސޮރުގެ ދޫ އެތެރެކުރުމަށް ޓަކައި އަނގަ ހުޅުވާ ބޮޑުކޮށްލިއެވެ. ހަމައެވަގުތު އަނގައިގެ ތެރެއަށް ދުނިދަނޑިއެއް އަމާޒުވިއެވެ. އެއީ މިކާޝްގެ ހަމަލާއެކެވެ. މުޅި އަނގައިގެ ތެރެ ނޫކުލައިން ދިއްލުނެވެ. ހީވީ ނޫކުލައިގެ ބޮމެއް އަނގައިގެ ތެރެއިން ގޮވިހެންނެވެ. އެ ސޮރުގެ ދުލުގެ ބާރު ކެނޑުނެވެ. އައިޝަމް ވެސް ވިއްސައިގެން ދިޔައެވެ. އޭނާ ޖެހުނު ގޮތުން ނިތްކުރި ފަޅައިގެން ދިޔައެވެ. އެއާއެކު ލޭތައް އޮހިގަތެވެ.
އައިޝަމާ ދިމާއަށް އައިރީން ދުވެފައި ދިޔައެވެ. އޭނާގެ ފަހަތުން އައީ ބިޔަ ބޮޑެތި ނަގުލަންދާށީގެ ލަޝްކަރެކެވެ. މިކާޝަށް އެ މަންޒަރު ފެނުނެވެ. އޭނާ ހަމަލާދޭން ފެށީ އެ ބިޔަ ބޮޑު ފައުޖަށެވެ. އައިރީން ދުވެފައި ގޮސް އައިޝަމްގެ ގާތަށް ތިރިވިއެވެ. އޭނާގެ ނިތާ ދިމާއަށް އައިރީންގެ އިނގިލީގައި އޮތް އަނގޮޓީގެ އެސް ދިމާކޮށްލިއެވެ. އެއާއެކު އައިޝަމްގެ ނިތްކުރިން ފަޅައިގެން ދިޔަ ތަން ބެދުނެވެ. އައިޝަމް ލޯ ހުޅުވާލިއެވެ. ކުރިމަތިން މިކާޝް ހަރަކާތްތެރިވާ މަންޒަރު ފެނުމުން އަވަސް އަވަހަށް ތެދުވިއެވެ. އޭނާ ވެސް އެ ލަޝްކަރާ ކުރިމަތިލިއެވެ. އައިރީން ހުރީ އެ މީހުންގެ ފަހަތުގައެވެ. އެ މަންޒަރު ބަލާށެވެ.
އިރުކޮޅެއް ތެރޭގައި މުޅިތަން އަމާންވިއެވެ. ހުރިހާ އަޑުތަކެއް ކެނޑި ހިމޭންވިއެވެ. އައިޝަމު ބަލައިލީ އައިރީންގެ ޚަބަރެއް ނުވުމުން ފަހަތަށެވެ. ނަމަވެސް އޭނާއެއް ނުފެނުނެވެ.
"އައި." އައިޝަމަށް ބުނެލެވުނެވެ.
މިކާޝް ވެސް އެނބުރި ފަހަތް ބަލައިލިއެވެ. އޭނާއަށް ސިހުން ލިބުނެވެ.
"އައިރީން." އައިޝަމް ބާރަށް ގޮވައިލިއެވެ.
މިކާޝް ނިތްކުރީގައި އިނގިލި ޖައްސާލަމުން ބޯ އަރިކޮށްލިއެވެ. އަވަސްވެފައިވާ މަންޒަރުތަކެއް ފަދައިން ކުރިން ހިނގައިފައިވާ ހުރިހާ މަންޒަރެއް ފެންނަމުން ދިޔައެވެ. އައިރީން އެމީހުންގެ ފަހަތުގައި ހުރި މަންޒަރާ ހަމައަށް އޭނާއަށް މަންޒަރުތައް ބަލައިލިއެވެ. އެއަށްފަހު އައިރީންއާ ބަޔަކު ކުރިމަތިލާ އޭނާ އަތުލައިގެން ގެންދިޔަ މަންޒަރު އޭނާއަށް ފެންނަމުން ދިޔައެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ ދަމައިފައި ގެންދިޔަ ތަން ފެނުނެވެ. އައިރީންގެ ޚަބަރެއް ނުވުމުން ދެމީހުން ހާސްވެފައި ތިބި މަންޒަރާ ހަމައަށް ފެނުނެވެ. މިކާޝް އަނެއް ފަރާތަށް ބޯ އަރިކޮށްލިއެވެ. އެއާއެކު އޭނާއަށް ފެނުނީ ހިމަ ދިގު މަގެކެވެ. އެ މަގުގެ މެދުގައި ތިބެ އައިޝަމްއާއެކު ބޮޑު ފައުޖަކާ ހަމަލާ ދެމުން ދިޔަ މަންޒަރެވެ. އެންމެ ފަހުން އައިރީން އޮތް ތަނަށް ދެވުނެވެ. އޭނާގެ ކުރިމަތީގައި އެމީހުން ހޯދަން މަސައްކަތް ކުރާ މީހާ ފާޑަކަށް ހެވިފައި ހުރި މަންޒަރާ ހަމައަށް ފެނުނެވެ.
މިކާޝަށް ފެންނަމުން ދިޔަ މަންޒަރުތައް އޭނާ ދިޔައީ ކިޔައިދެމުންނެވެ. އެހެންވެ އައިޝަމަށް ވެސް އެ މަންޒަރުތައް ސިފަވަމުން ދިޔައެވެ. މިކާޝް އިތުރަށް މޫނަށް ހަރަކާތެއް ގެނައެވެ. ނަމަވެސް އިތުރު މަންޒަރެއް ނުފެނުނެވެ. އެހައި ހިސާބުން މަންޒަރުތައް ހުއްޓުނީއެވެ.
"އިރާދަކުރެއްވިއްޔާ ދޮންތަ ސަލާމަތްވާނެ. ކުރިއަށް ހިނގާ." މިކާޝްގެ އަޑުގައި ހުރީ ހިތްވަރު ދިނުމުގެ ރާގެކެވެ.
މިކާޝްއާއެކު އައިޝަމް ކުރިއަށް ހިނގައިގަތެވެ. ފަރުވާތެރިކަމާއެކުގައެވެ. ހަމަލާއެއް ކުރިމަތިވެދާނެތީ ބަލަމުން ސަމާލުވެގެން ތިބެއެވެ. ތަންކޮޅަކަށް ނުވެދެވެނީސް ބޮޑު ފައުޖަކާ ކުރިމަތިވިއެވެ. އެއީ ބޮއްތަކެއް ފަދަ ފައުޖެކެވެ. ދެމީހުން އެކުގައި ކުރިމަތިލައި އެ ފައުޖުގެ ކިބައިން ސަލާމަތްވިއެވެ.
މިކާޝް ކިޔައިދިން ހިމަ ދިގު މަގު އެމީހުންގެ ލޮލުގައި އަޅައިގަތެވެ. އެހެންވެ އެ މަގަށް ވަނެވެ. އެއީ ވަރަށް ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ރީތި ހިމަ ދިގު މަގެކެވެ. މުޅި ތަނުގައި ހުރީ ޑިޖިޓަލް ސްކުރީންތަކެވެ. ހިނގަން އޮތް މަގުގައި ވެސް ވަނީ ސްކުރީނެވެ. އެ މަގުގައި އެމީހުންގެ ފައި ޖެހުނު އިރަށް މުޅި ތަން އެލާމްވާން ފެށިއެވެ. ރަތްކުލައިގެން ރޮނގުތަކަކާއި ބޮޅުތަކެއް ދުވަން ފެށިއެވެ. އައިޝަމްއާއި މިކާޝް ސަމާލުވެ ތިރިވެލިއެވެ. އައިޝަމްގެ ފަހަތުން މިކާޝް އެނބުރިލިއެވެ. ދެމީހުން ތިބީ ދެ ފަރާތަށެވެ. ހަމަލާއެއް އަންނާނީ ކޮން ދިމާއަކުން ކަން ނޭގޭތީއެވެ. އައިޝަމް އަތްތިލަ ހުޅުވާލިއެވެ. އޭނާގެ އަތުގެ ތެރެއިން ނުކުތް އަލި ބޯޅަ ގޮސް ބިތުގައި ޖެހުމާއެކު އެ ބިތް ފުނޑުފުނޑުވިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އައިރީންއެވެ. އޭނާ އޮތީ މޭޒެއް ކަހަލަ ތަނެއްގެ މަތީގައި ބާއްވާފައެވެ. އައިރީން އޮތީ އެނދުގައި ބެލްޓެއް ވެސް އަޅުވާފައެވެ. އައިރީންގެ ބޮލާ ދިމާގައި ހުދުކުލައިގެ ގައުނެއްގައި ހުރި މީހަކު ހުއްޓެވެ. އެއީ އިސްކޮޅުން ދިގު މީހެކެވެ. ބަލައިބެލުމަށް އިންސާނަކާ ވައްތަރެވެ. އަނެއްކާ ވެސް އައިޝަމް އަތްތިލަ އެ ދިމާއަށް އަމާޒުކޮށްލިއެވެ. އަތްތިލައިން ނުކުތް ބޯޅަތައް ގޮސް ޖެހުނީ ބިއްލޫރި ބިތުގައެވެ. ޖެހުމާއެކު ބިއްލޫރިތައް ފައިބައި ގަތެވެ.
އައިރީން ގާތުގައި ހުރި މީހާއަށް ސިހުން ލިބުނެވެ. އޭނާ ބަލައިލީ އައިޝަމްއާ ދިމާއަށެވެ. އައިޝަމްއާއި މިކާޝަށް އެމީހާގެ މޫނު ފެނުނެވެ.
"އެއީ އޭނާ. ވަރުޔާނޫ. ކުރިމަތިލަމާ، ހަމަލާ ދެމާ." މިކާޝް ވައި އަޑުން ބުނެލިއެވެ.
އައިޝަމްއާއި މިކާޝް އެކުގައި ވަރުޔާނާ ކުރިމަތިލިއެވެ. އެއީ އާދަޔާ ޚިލާފު ބާރުގަދަ މީހެކެވެ. އެކި ސިފަސިފައަށް ބަދަލުވުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. އޭނާ އެކި ފަހަރު އެކި ސިފައަށް ބަދަލުވެއެވެ. އެހެންވެ އެމީހުންނަށް ހަމަލާ ދޭން އުނދަގޫވިއެވެ. ނަމަވެސް އައިޝަމްއާއި މިކާޝް ފަރުވާތެރިކަމާއެކު ވަރުޔާނަށް ހަމަލާ ދެމުން ދިޔައެވެ. ހީވަނީ ކުރިން ތައްޔާރުވެ އެތައް ފަހަރަކު ފަރިތަކޮށްގެން ތިބެ ހަމަލާ ދޭހެންނެވެ. އެތައް ހަމަލާއަކަށްފަހު ވަރުޔާނު އެމީހުންގެ ބާރުގެ ދަށަށް ގެނެވުނެވެ. އައިޝަމް އޭނާގެ ކަރުގައި އަތް އަޅުވާލިއެވެ. މުލައްދަނޑީގެ ތެރެއަށް ބަރުޔާނުގެ ބޯ މަހައިލިއެވެ. މިކާޝް ދުއްވާގަތީ އައިރީން އޮތް އެނދާ ދިމާއަށެވެ. އޭނާ ސަލާމަތްކުރާށެވެ.
"ކޮބާ އަހަރެންގެ ބައްޕަ؟" އައިޝަމް ރުޅިވެރި ރާގެއްގައި ބުނެލިއެވެ.
"އަހަރެން ދޫކޮށްލާ. ދޫކޮށްލާ." ވަރުޔާނު އާދޭހުގެ ރާގުގައި ބުނެލިއެވެ.
"ބައްޕަ ދައްކާ." އައިޝަމް އޭނާ އަތަށް ބާރުކޮށްލިއެވެ.
"ކުރިމަތީ އެ ހުރި ލެބުގައި އޮންނާނެ. ހޭނެތިފަ އެ އޮތީ." ވަރުޔާނު މޫނަށް ތަފާތު ކުލަވަރެއް ގެނައެވެ.
"ބައްޕައަށް ކަލޭ ކީއްކުރީ؟" އައިޝަމް ހިތްހަމަ ނުޖެހުނެވެ.
"ކަލޭ އަހަންނަށް ތިކުރި ކަންތައް އޭނާއަށް ވެސް ކުރީ." ވަރުޔާނު ހޭންފެށިއެވެ.
އެއާއެކު ވަރުޔާނުގެ ފުއްޕާލިއެވެ. އޭނާގެ ހަށިގަނޑު ފުފިގަތެވެ. ބިޔަވެ ބޮޑު އިފުރީތަކަށް ބަދަލުވިއެވެ. އެކަމަށް ސިކުންތެއް ވެސް ނުނަގައެވެ. އައިޝަމް ވިއްސިގެން އެއްލުނެވެ. ވަރުޔާނު ދެ އަތް ފުޅާކޮށްލިއެވެ. އައިޝަމާ ދިމާއަށް މިކާޝް ބަލައިލިއެވެ. އައިޝަމް ލޮލުން އިޝާރާތްތަކެއް ކޮށްލިއެވެ. މިކާޝްގެ ފަހަތުން އައިރީން ވެސް ދުއްވާގަތެވެ. އައިޝަމް އެކަނި ވަރުޔާނާ ކުރިމަތި ލިއެވެ. ހަމަލާތައް ބަދަލުކުރަމުން ދިޔައެވެ. ވަރުޔާނަށް އަތް ހޫރައިލާ ކޮންމެ ފަހަރަކު އެތަނުގެ ބިއްގަނޑުތަކުގައި ޖެހި މުޅިތަން ހަލާކުވެ ކުދިކުދިވާން ފެށިއެވެ.
މިކާޝްއާއެކު އައިރީން އެތެރެއަށް ވަނެވެ. އެއީ ލެބޯޓަރީއެއް ކަހަލަ ތަނެކެވެ. އެތަނުން އިވެމުން ދިޔައީ ހިމަ ތޫލި އަޑުތަކެކެވެ. އައިސީޔޫ އިން އިވޭކަހަލަ އަޑުތަކެވެ. މެޝީންތަކުގެ އަޑުތަކެވެ. މިކާޝަށް ބަލައިލެވުނީ މެޝިންތަކާ ދިމާއަށެވެ. އެއީ ހިމަ ދިގުކޮށް ހަދާފައިވާ ބިއްލޫރި މެޝިންތަކެކެވެ. ހަތް ވަރަކަށް މެޝިން އެތަނުގައި ހުއްޓެވެ. ކޮންމެ މެޝިނެއްގެ ތެރޭގައި މީހަކު އޮވެއެވެ.
"ޒައުލު، އަޔާޒު. ނިޝާން. އިވާން." އައިރީނަށް ވައި އަޑުން ކިޔައިލެވުނެވެ.
"ދަންނަ ބައެއްތަ؟" މިކާޝް ބަލައިލީ އައިރީންގެ މޫނަށެވެ.
"މާލެއިން ގެއްލިގެން ހޯދާހޯދާ ނުފެނުނު މީހުން." އައިރީން ހައިރާން ކަމާއެކު ބަލައިލީ މިކާޝްގެ މޫނަށެވެ.
"މިއޮތީ ބައްޕަ." މިކާޝަށް ދުއްވާގަނެވުނެވެ.
އައިރީން ވެސް އެ ދިމާއަށް ދުއްވާގަތެވެ. އިއުރާޒު އޮތީ މެޝިނަށް ލުމަށް ޓަކައި ތައްޔާރީ ހާލަތުގައެވެ. މެޝިންކައިރީގައި ތައްޔާރަށް ހުއްޓެވެ. މިކާޝް ގޮސް އިއުރާޒުގެ މޫނަށް ބޮސްދިނެވެ. އޭނާގެ ގައިގައި އޮޅުލައިގަތެވެ.
"ބައްޕާ." މިކާޝްގެ ބަޑިފަޅައިގެން ދިޔައެވެ.
އޭރު އައިޝަމް ވަރުޔާނާ ހަމަލާދީ އޭނާ ބަލިކޮށްލިއެވެ. ބިޔަކޮށް އޮތް ވަރުޔާނުގެ އަސްލު ސިފައަށް ބަދަލުވެ އައިޝަމްގެ ބާރުގެ ދަށަށް އޭނާ ގެނެވުނެވެ.
"ކަލޭ ސަލާމަތްވާން އޮތީ އެންމެ ގޮތެއް." ވަރުޔާނު ދަމަމުން ގެނެސް އިއުރާޒު އޮތް މެޝިން ކައިރީގައި ބަހައްޓަމުން އައިޝަމް ބުނެލިއެވެ.
"ބުނޭ. އަހަރެން މަރުވާކަށް ބޭނުމެއް ނޫން." ވަރުޔާނު ހިންދިރުވާލިއެވެ.
"ބައްޕައަށް ހެދިގޮތް ބުނޭ. ބައްޕަ ރަނގަޅު ކުރޭ." މިކާޝް ކުރިމަތިލިއެވެ.
"އިރުކޮޅަކުން ހޭ އަރާނެ. މިހާރު އެ އޮތީ ނިދިފަ. އަހަރެން އުޅުނީ އޭނާ..." ވަރުޔާނު ހުއްޓައިލިއެވެ.
"ކީއްކުރަން؟" އައިޝަމް ހިތްހަމަ ނުޖެހުނެވެ.
"މެޝިނަށްލާން. މެޝިނަށް ލައިފި ނަމަ ދެން ނުއެއް ދިރޭނެ. އޮންނާނީ ކޯމާއެއްގަ." ވަރުޔާނު ބަލައިލީ އިއުރާޒުގެ މޫނަށެވެ.
"ކޮބާ ކަލޭގެ މަގުސަދަކީ؟" އައިޝަމް ހިތްހަމަ ނުޖެހުނެވެ. "ކަލޭ ކީއްކުރަން އަހަރުމެން އާއިލާއަށް ތިހެން ހެދީ؟"
"އަހަރެން.. އަހަންނާ އިއުރާޒަކީ ކިޔެވި ދުވަސްވަރު އެންމެ ވާދަވެރި ދެމީހުން. ރާޒަކީ އަހަރެން ކުލާހުން އެންމެ ވަރުގަދަ އެކަކު. އަހަރުމެން ކިޔެވީ ޖެނެޓިކް ބައޯޓެކް. ހައިބުރައިޑްކޮށް ޖެނެޓިކް މޮޑިފިކޭޝަން ގެންނަން. އޭނާއާ އަހަރެންގެ މަގުސަދަކަށްވީ އެއް ކަމެއް. އިންސާނުންނާ ޖިންނީގެ ޖެނެޓިކް މޮޑިފިކޭޝަން ގެންނަން. އަހަރެން ވެސް މަސައްކަތްކުރީ އެކަން ކުރާން. އެކަމަކު.." ވަރުޔާނު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
"ކިހިނެއްވީ؟" އައިޝަމް ހިތްހަމަ ނުޖެހުނެވެ.
"ރާޒު އެ ދާއިރާއިން މާކުރިއަށް ދިޔައީ. އަހަރެން ހިތުގައި އޭނާގެ މައްޗަށް ހަސަދަވެރިކަން އުފެދުނީ. އޭނާގެ ދަށުން މަސައްކަތްކުރާން އަހަންނަށް މަޖުބޫރުވީ. ދެން އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކަށްވީ." ވަރުޔާނު ބަލައިލީ އިއުރާޒާ ދިމާއަށެވެ.
"ކޮން ކަމެއް؟" މިކާޝް އަހައިލިއެވެ.
"ނަޖުމާ." ވަރުޔާނުގެ ޖުމުލައިން އެމީހުނަށް ލިބުނީ ހައިރާންކަމެވެ.
"މާކުރިން އަހަންނަކީ ނަޖުމާއާ އެކު އުޅުނު މީހެއް. އަހަންނަށް ނަޖުމާ ފެނުނީ އޭނާގެ ބޮޑުބޭބެގެ ދެ ދަރިންނާއެކު އޮއްވާ. އެމީހުން ކުރި ކަންތައް އަހަންނަށް ފެނުނު. އަހަރެން ވެސް އެކަން ތަޖުރިބާކޮށްލަން ބޭނުންވީ. އެ ވަރަށް ތަފާތު ތަޖުރިބާއަކަށް ވެސް ވީ. އިންސީންގެ ސިފައިގައި ގޮސް އެކަން ކުރާން ގަޔާވީ. އެކަމަކު އިއުރާޒްގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވީ." ވަރުޔާނު ދެރަވެ މާޔޫސްވެފައިވާ ގޮތަށް ބަލައިލީ ސީދާ މިކާޝްގެ މޫނަށެވެ.
ކައިރީގައި ހުރި މެޝިނުން އަޑުތަކެއް ކިޔާން ފެށިއެވެ. އެއާއެކު މެޝިނުގެ މަތި ހިއްލުނެވެ. އައިޝަމް ބަލައިލީ މިކާޝްގެ މޫނަށެވެ. އައިޝަމް ގެނައި ކުއްލި ހަރަކާތަކާއެކު ވަރުޔާނު މެޝިނުގެ ތެރެއަށް ކޮށްޕާލިއެވެ. އެއާއެކު މެޝިނުގެ މަތި ޖެހުނެވެ. ވަރުޔާނު ހަޅޭއްލަވާ ގަތެވެ. އޭނާ ތެޅިގަތެވެ. މެޝިނުގެ ތެރޭގައި އެގޮތް މިގޮތަށް ތެޅެމުން ދިޔައެވެ. އެވަގުތު އިއުރާޒުގެ ލޯ ހުޅުވާލިއެވެ. މިކާޝާއި އައިޝަމް އަދި އައިރީން ވެސް އިއުރާޒާ ދިމާއަށް ދުއްވާގަތެވެ.
އިއުރާޒު އެނދުގައި އިށީނދެލިއެވެ. ތިން މީހުން އޮޅުލައިގަތީ އިއުރާޒުގެ ގައިގައެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ.
"ވަގުތެއް ނެތް. އަވަހަށް މިތަނުން ނުކުންނަމާ." އިއުރާޒު އައިޝަމްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
"ކިހިނެއްވީ؟" މިކާޝް އަހައިލިއެވެ.
"އޭނާ އުޅުނީ ބައްޕަ އެ މެޝިނަށް ލައިފަ މިތަން ގޮއްވާލަން. ނަސީބު ރަނގަޅު ކަމުން ދަރިފުޅު މެންނަށް މިތަނަށް އާދެވުނީ." އިއުރާޒު އިޝާރާތްކޮށްލީ ކުރިމަތީގައި ހުރި ގަޑިއަށެވެ.
ޑިޖިޓަލް އެގަޑިން ވަގުތު ގުނަމުން ދިޔައެވެ. ބާކީ އޮތީ އެންމެ ތިރީސް ސިކުންތެވެ. މިކާޝް ކަނާއަތު ބޮނޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި ކަންފަތާ ކައިރިކޮށްލިއެވެ. ހަތަރު މީހުން އެކުގައި ހިނގައިގަތެވެ. އައިޝަމް އަތް ދިމާ ކޮށްލީ ކުރިމަތީގައިވާ ބިތާ ދިމާއަށެވެ. އެ ދިމާއިން ބޮޑު ބާގަނޑެއް ހެދުނެވެ. އިރުކޮޅެއް ނުވަނީސް އެ ބާގަނޑުގެ ތެރެއިން އުޅަނދެއް އައެވެ. ދުއްވަން އިނީ ހިމޭޝްއެވެ. ހުރިހާ އެންމެން އުޅަނދަށް އެރިއެވެ. އޭރު ބާކީ ހުރީ ތިން ސިކުންތެވެ. އުޅަނދަށް މީހުން އެރުމާއެކު ދުއްވާލިއެވެ. އިރުކޮޅެއް ނުވަނީސް މުޅިތަން އެކުގައި ގޮވިއެވެ. ފިޔާތޮށިކުލައައި ދަނބު ނޫކުލައިގެ އަލިފާން މުޅި ތަނަށް ފެތުރި ގަތެވެ.
"ދެން އަހަރުމެންގެ ކުޑަކުޑަ އާއިލާ އުޅޭނީ މިތާ، މާލޭގަ،" ނަޖުމާ ބޮނޑިވެލީ އިއުރާޒުގެ މޭގައެވެ. "މިއަދު އަހަރެން ފަޚުރުވެރިވަން. ރާޒާމެދު. އަހަރެންގެ ދެ ދަރިންނާމެދު."
"އިރާދަކުރެއްވިއްޔާ ދުނިޔެ ދުވަހަކު ވެސް ނުދެކޭ ޓެކުނޮލޮޖީގެ އައު އީޖާދުތަކެއް މި ރާއްޖެއިން އުފައްދާ މި ރާއްޖޭގެ ނަން އަހަރެން ވިދުވާލަދޭނަން،" އިއުރާޒު ފުންނޭވާއެއް ދޫކޮށްލިއެވެ. "ގަދަކަމުން، ނުރުހުމުގައި ޖިންސީ އަނިޔާ ކުރާ މީހުންނަށް އެކަމުގެ އަދަބު ލިބޭނެ ފަދަ އައު ޓެކުނޮލޮޖީއެއް އުފެއްދުމަށް އަހަރެން މަސައްކަތްކުރާނަން."
އިއުރާޒު އިޝާރާތްކޮށްލީ އައިޝަމްއާ ދިމާއަށެވެ. އައިޝަމް ގޮސް އިއުރާޒުގެ ފަހަތުގައި ހުއްޓުނެވެ. އަނެއް ފަރާތުން މިކާޝް ވެސް ގޮސް އެމީހުންގެ ފަހަތުގައި ހުއްޓިލިއެވެ. މަންޒަރު ބަލަން ދުރުގައި ތިބި އައިރީންއާއި މިކާޝްގެ މޫނަށް ބަލައިލަމުން އިއުރާޒު ހިނިތުންވެލިއެވެ. އެ ދެމީހުން ވެސް ކައިރިވެލިއެވެ. ހީވަނީ ފޮޓޯއަކަށް އެންމެން ހުއްޓިލިހެންނެވެ. ފޮޓޯ ފުރިހަމަވެ ނިމުމުނުހެންނެވެ. އެންމެން އެކުގައި ހިނިތުންވެލިއެވެ. އާ އުއްމީދުތަކަކާ އެކުގައެވެ. އާ މިސްރާބަކަށް ރާއްޖެ ގެނައުމުގެ އާއިލީ ވައުދަކާ ވެސް އެކުގައެވެ. ޖިންސީ ޝިކާރައިން ޅަ ދަރިން ހިމާޔަތްކުރުމުގެ އަޒުމާއެކުގައެވެ. އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ތައްޔާރަށް ތިބެގެންނެވެ. ކާޝްގެ ނަން މުޅި ދުނިޔޭގައި ވިދުވާލުމަށް އެއް ރޫޙެއްގައެވެ. (ނިމުނީ)