ޓޫރިސްޓް އެރައިވަލް

އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އައީ 1916 ޓޫރިސްޓުން

Jan 2, 2021

މިއަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އައީ 1916 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބު ދައްކާ ގޮތުން އިއްޔެ ރާއްޖެ އައިސްފައިވަނީ 1916 ޓޫރިސްޓުންނެވެ. އަހަރު ފެށި އިރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާއިރު އިއްޔެ އެ މިނިސްޓްރީން ވަނީ އަހަރުގެ ފުރަތަަމަ ޓޫރިސްޓަށް މަރުހަބާ ކިޔާފައެވެ.

އަދި އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭތީ އެ އިހުތިފާލާ ގުޅޭ ހަރަކާތްތައް ވެސް ވަނީ ފަށާފަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ 555،213 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު މިދިއަ ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން އައިސްފައިވަނީ 174،282 މީހުންނެވެ. މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 46،065 މީހުން އައިސްފައިވެއެވެ. އިޓަލީން 45،645 މީހުން އައިއިރު އިންޑިއާއިން 44،268 މީހުން އައިސްފައިވެއެވެ. އަދި ޔޫކޭއިން 38،285 މީހުން އައިިއިރު ކުރިން އެންމެ ބޮޑު މާކެޓެއް އޮތް ޗައިނާއިން އައިސްފައިވަނީ 34،074 މީހުންނެވެ. ހަވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ޖަރުމަނުން 32،072 މީހުން އައިސްފައިވާއިރު ފްރާސްއިން 24،033 މީހުން އަދި އެމެރިކާއިން 16،754 މީހުން މިދިޔަ އަހަރު ރާއްޖެ އައިސްފައިވެއެވެ.