ދުނިޔެ

ގާޒާގައި "ރުޅިވެރިކަމުގެ ދުވަހު" ހަމަނުޖެހުންތައް

ގާޒާ (ރޮއިޓާސް) - އިޒްރޭލުން ހިފާފައިވާ ވެސްޓްބޭންކާއި ގާޒާ ސްޓްރިޕްގައި ފަލަސްތީނުގެ ރައްޔިތުން އިއްޔެ ފާހަގަ ކުރީ ރުޅިވެރިކަމުގެ ދުވަހެވެ. ނުވަތަ "ޑޭ އޮފް ރޭޖް" އެވެ.

މިދިޔަ ތިން ހަފްތާ އެއްހާ ދުވަހު ފަލަސްތީނުގެ އާންމުންނާއި އިޒްރޭލުގެ ސިފައިންނާއި ދެމެދު ހިނގާ ހަމަނުޖެހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ހަމަނުޖެހުންތަކަށް ސިޔާސީ ހައްލެއް ހޯދޭތޯ ކުރަމުންދާ މަސައްކަތް ތަކަށް މިއަދުގެ ހަމަ ނުޖެހުން ތަކުގެ ސަބަބުން ހުރަސް އެޅޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތައް ބުނެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއެކު އިއްޔެ ބޭއްވި ހަތަރު ގަޑިއިރުގެ ބައްދަލުވުމަށްފަހު، މައްސަލަތަކަށް ހައްލެއް ހޯދިދާނެ ކަމުގެ އުންމީދު އާވެފައިވާ ކަމާށެވެ.

ފަލަސްތީނުގެ އާންމުންގެ ރުޅިވެރިކަން މައިތިރިކުރުމަށް އިޒްރޭލުން އެޅި ފިޔަވަޅަކީ އަގްސާ މިސްކިތައް ސާޅީސް އަހަރުން ދަށުގެ މީހުންނަށް ނުވަދެވޭގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އިޒްރޭލުން ބުނީ އިއްޔެ ގެނައި މި ބަދަލާއެކު ހުކުރު ނަމާދުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށް ކަމަށެވެ. އެހެން ނަމަވެސް ފަލަސްތީނުން ބުނީ އިޒްރޭލުން އާންމުންގެ ތެރެއަށް ބަޑިޖަހާ އާންމުންގެ 24 މީހުންނާއި ތިން ނޫސްވެރިޔަކުވެސް ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ނިމިގެންދިޔަ ދެތިން އަހަރުގެ ތެރޭގައި ހަމަނުޖެހުން އިތުރު ނުވާ މިންވަރަށް ގާޒާގައި މިހާރު ހަމަނުޖެހުން އިތުރުވެފައި ވަނީ އަގްސާ މިސްކިތަށް ވަނުމަށް އިޒްރޭލުން މުސްލިމުންނަށް ހުރަސް އަޅައި ޔަހޫދީންނަށް ފުރުސަތު ދެމުންދާތީއެވެ. އަދި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރިއަށްގެންދާ ސުލްހައިގެ ވާހަކަތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭތީ އާންމުން ގެ ރުޅިވެރިކަން ވަނީ އިތުރުވެފައެވެ.

މި މަހު ހިނގި ހަމަނުޖެހުން ތަކުގައި މިހާތަނަށް ފަލަސްތީނުގެ ފަންސާސް މީހުން ވަނީ މަރުވެފައެވެ. އިޒްރޭލުން މަރުވެފައި ވަނީ ނުވަ މީހުންނެވެ.