ލައިފްސްޓައިލް

އަންހެނުން ހަޅޭއްލަވާވަރުން މަރުވީކަމަށް ހެދި ފިލައިފި

އިންޑިޔާގެ ބިހާރުގެ ފިރިހެނަކު އަމިއްލައަށް މަރުވީ ކަމަށް ހެދިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅެފި އެވެ. އޭނާ މަރުވީ ކަމަށް ހެދުނީ އަންހެނުން އަމުރުކޮށް އަބަދު ފައިސާގެ މައްސަލަތަކާއި ގޭގެ މައްސަލަތަކުގައި އޭނާއަށް އެއްޗެތި ގޮވާ ވަރުން ކެތް ނުވެގެންނެވެ.

މި މީހާ ގެއްލިގެން އާއިލާއިން ފުލުހުންނަށް އެންގުމުން ފުލުހުން ވަނީ އެމީހާ ހޯދާފަ އެވެ. އަދި އެގޮތަށް މީގެ ފަހުން ނުހެދުމަށް އިންޒާރުކޮށް ގެއަށް ދާން ހުއްދަ ދީފަ އެވެ.

ޕްރަދީޕް ރާމް ކުމާރު، 37، އަކީ ބިހާރްގެ ކައިމޫރް ޑިސްޓްރިކްޓްގެ ވަޒަންވެރިއެކެވެ. އޭނާ ގެއްލުނީ އާ އަހަރުގެ ކުރީ ދުވަހު އޭނާގެ ގެއިންނެވެ. އޭނާ އެ ރޭ ނިދާފައި އޮތް ކޮޓަރީގެ އެނދުގަ އާއި ތަޅުންގަނޑުގައި ވަރަށް ބައިވަރު ލޭ ހުއްޓެވެ. ނަމަވެސް ގޭގެ މީހުންނަކަށް އޭނާއަށް ނުފެނުނެވެ.

އެހެންވެ އޭނާގެ އަންހެނުން ކުމާރީ ޕްރަތީބާ، 33، ފުލުހުންނަށް ރިޕޯޓު ކުރީ އެވެ. ކުމާރީއަކީ ސްކޫލެއްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. ފިރިމީހާ ގެއްލިގެން ފުލުހުންނަށް ގުޅައި އޭނާގެ ފިރިމީހާ މަރާލާފައިވާ ކަމަށް ޔަގީން ކުރެވޭ ކަމަށް ކުމާރީ ބުނި ކަމަށް ވެއެވެ. އެއީ އޭނާ ނިދާފައި އޮތް ކޮޓަރިންނާއި އެނދުގައި ވަރަށް ބައިވަރު ލޭތައް އޮތީމަ އެވެ.

އެހެންވެ ފުލުހުން މަސައްކަތް ފެށީ އެ ފިރިހެންމީހާގެ މަރާލާފައިވާ މަސްގަނޑު ހޯދުމަށެވެ. އެގޮތުން އެ ހިސާބުގަނޑުގެ ކޯރުތަކާއި ޖަންގަލިތައް އަދި ގަސްތައް ގިނައިން ހެދިފައި ހުރި ތަންތަން ބަލާ ފާސް ކުރި އެވެ. ނަމަވެސް އެއްވެސް ތަނަކުން އެ ފިރިހެންމީހާގެ ހަށިގަނޑެއް ނުފެނުނެވެ.

ފުލުހުންނަށް މި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ފުރަތަމަ ފެނުނީ ލޭގެ ނިޝާންތައް ހުރި ހުސް ފުޅިއެއް އެ ފިރިހެންމީހާ އުޅޭ ގެއާއި ބައި ކިލޯމީޓަރެއްހާ ދުރުން މަގުމަތިން ފެނުނު ހިސާބުންނެވެ. އެ ފުޅީގައި ވެސް ކޮންމެވެސް ވަރަކަށް ލޭ ހުއްޓެވެ. އެހެންކަމުން ފުޅީގައި ހުރި ލެއާއި އެނދާއި ތަޅުންގަނޑުގައި ހުރި ލޭ ޓެސްޓް ކުރިއިރު އެ ދެ ލޭ ދިމާވެ އެވެ. އެހިސާބުން މިއީ ފޭކް މަރެއް ކަން ފުލުހުންނަށް ޝައްކުވާން ފެށީ ކަމަށް ފުލުހުންގެ އިސް އޮފިސަރު އިންޑިޔާ ނޫހަކަށް ބުނެފައި ވެއެވެ.

"އެނދުގައި ހުރި ލޭ ތައް ވެސް ހުރީ އެއްޗަކުން އޮއްސީމަ ހުންނަ ގޮތަކަށް،" މިދިޔަ ހޮނިހިރު ދުވަހު މީޑިއާ އާ ވާޙަކަ ދައްކަމުން ފުލުހުންގެ އިސް ވެރިޔާ ބުނެފައި ވެއެވެ.

ފުލުހުންނަށް ފަހުން އެ ފިރިމީހާ އެ ހިސާބާ ކައިރީގައި އޮތް އެހެން އަވަށަކުން ވަނީ ފެނިފަ އެވެ. އަދި އެމީހާއާ ސުވާލު ކުރުމުން އޭނާ ވަނީ އެކަންތައް ވީ ގޮތް ކިޔައިދީފަ އެވެ.

ފިރިހެންމީހާ ފުލުހުން ކައިރީ ބުނީ އަންހެނުންގެ ނުލަފާ ކަމުންނާއި ރަހުމު ކުޑަކަމުން އޭނާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށެވެ. އަންހެނުން އަބަދު އޭނާއާ ދިމާލަށް ހުތުރު ބަހުން މުޚާތަބުކޮށް ހަޅޭއްލަވާ ކަމަށް ފިރިހެންމީހާ ބުންޏެވެ.
އެހެންވެ އެއްގަމު މަސް ވިއްކާ ފިހާރައަކުން ބަކައްޓެއްގެ ލޭ ގަނެގެން ފުޅިއަކަށް އަޅައި އެނދަށާއި ތަޅުންގަނޑަށް އެ ލޭތައް އަޅައި އޭނާ މަރާލާފައިވާ ކަމަށް ދޭހަވާ ގޮތަކަށް ބަހައްޓާފައި ފިލީ ކަމަށް ފިރިހެންމީހާ ބުންޏެވެ
.
މީގެ ފަހުން އެގޮތަށް ކަންތައް ނުކުރުމަށް ފުލުހުން ވަނީ އެ ފިރިހެންމީހާއަށް އިންޒާރު ދީފަ އެވެ. އަދި އޭނާގެ ފިރިމީހާ އާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރަން އަންހެންމީހާ އަށް ވެސް ކައުންސިލިން ދިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.