ލައިފްސްޓައިލް

އެންމެ ހަނދާންގަދަ ކުއްޖާގެ ރެކޯޑް ޕާކިސްތާން ކުއްޖަކަށް

ވޯލްޑް މެމޮރީ ޗެމްޕިއަންޝިޕް 2020 ގެ ވަރަށް ފުރިހަމަ އެއްވަނަ ޕާކިސްތާނުގެ ކުއްޖެއް ކަމަށްވާ އެމާ އާލަމް ހޯދައިފި އެވެ. ދުނިޔޭގެ 13 ގައުމެއްގެ 300 އަށް ވުރެ ގިނަ ކުދިން ބައިވެރިވި މި މުބާރާތުގައި އެމާ ވަނީ ވަރަށް ގިނަ ކުރީގެ ރެކޯޑްތައް ވެސް މުގުރާލާފަ އެވެ.

ޓީމް ޕާކިސްތާނުގައި އެމާގެ އިތުރުން ދެން ބައިވެރިވީ ސައީދާ ކީސާ ޒެހްރާ، އަބީރާ އާތިރް އަދި ސައިދު ނަބީލް ހަސަން އެވެ. މި ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކުރީ އެ ޓީމުންނެވެ. އެ ޓީމު އެކި ކެޓަގަރީތަކުން 13 މެޑަލް ހާސިލްކޮށް ވޯލްޑް ރެކޯޑްގެ ހަތަރު ރެކޯޑެއް މުގުރާލާފައި ވެއެވެ.

އެމާ ބުނީ މި މުބާރާތް ކާމިޔާބު ކުރެވުނީ ދެ އަހަރު ދުވަހު ކޯޗާއެކު އިންސްޓިޓިއުޓްގައި ކުރި ބުރަ މަސައްކަތުން ކަމަށެވެ. ދެ އަހަރު ތެރޭ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މުބާރާތަށް ޕްރެކްޓިސް ކުރަމުންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އިންސާނުންގެ ހަނދާން ކުރުމުގެ ބައިގެ ބާރު ގަދަކަމާ ހެދި އަދިވެސް އަހަރެން ހައިރާންވޭ. ސިކުނޑީގައިވާ މައުލޫމާތު ރައްކާކުރާ ސްޓޯރޭޖް އަކީ ވަރަށް އަދަޔާޚިލާފު ތަނެއް،" އެމާ ބުންޏެވެ.

މި މުބާރާތް ނޫނަސް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވި އެމާ ވަނީ އެއްވަނަ ހޯދާފަ އެވެ. އަދި ދުނިޔޭގެ ރެކޯޑްގެ ތިން ރެކޯޑެއް އޭނާ މުގުރާފައި ވެއެވެ.

އެމާ މުގުރި ރެކޯޑްތަކުގެ ތެރޭގައި 15 މިނިޓް ތެރޭ 218 ނަން ހަނދާން ބެހެއްޓުމުގެ ރެކޯޑް ހިމެނެ އެވެ. އަދި 195 ތާރީހު (ފިކްޝަނަލް) ފަސް މިނެޓް ތެރޭ ހަނދާން ބެހެއްޓުމުގެ ރެކޯޑް ވެސް ހިމެނެ އެވެ. އެމާގެ ތިން ވަނަ ރެކޯޑަކީ 15 މިނިޓް ތެރޭ 410 ބަސް ހަނދާން ބެހެއެޓުމުގެ ރެކޯޑެވެ.

މި މުބާރާތުގައި އެމެރިކާ، އިނގިރޭސި ވިލާތް، ޗައިނާ (ހޮންގް ކޮންގް އާއި މަކާއޯ)، ކެނެޑާ، ސައުތު ކޮރެއާ، ވިއެޓްނާމް، އިންޑިއާ، މެލޭޝިއާ، އަލްޖިރިއާ، ލީބިޔާ، ގަތަރު އަދި އިރާގުން ބައިވެރިވި އެވެ.