މާޒިޔާ

މާޒިޔާގެ "ހޫނު ގޮނޑި" ޕްރެޝަރާއި ޑިމާންޑް ބޮޑު

ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި މާޒިޔާ ވާދަ ކުރަން ފެށީވެސް ތަފާތަކާއެކު އެވެ. ކުލަބު ބިނާ ކުރުމާއި އަމިއްލަ ފައިމައްޗަށް ތެދު ކުރުމުގެ ވިސްނުމެއްގަ އެވެ. ފަހަރަކު ހަރުފަތަކުން ހަރުފަތަކުން އަރައި ރާއްޖޭގެ އެންމެ މައްޗަށް ދިއުމަށެވެ. ފުރަތަމަ ޑިވިޝަންގައި މާޒިޔާގެ ފުރަތަމަ ފަސް އަހަރު ވޭތު ކުރީ ކުލަބު ހަމަ އިސްކޮޅަށް ދެމިލުމުގެ މަރުހަލާގެ ގޮތުގަ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ ސަގާފަތެއް ރާއްޖޭގެ މުޅި ފުޓްބޯޅައިގައި އޮތް ދުވަސްވަރުގައި މާޒިޔާއިން އެންމެ އަސާސީ ކަމެއްގެ ގޮތުގައި ބެލީ ކުޅުންތެރިންނަށް ބަރާބަރަށް ހަމަ މުސާރަ އަދާ ކުރެވި ކުލަބު ވަކި ހިސާބެއްގައި ބޭއްވުމަށެވެ. ރާއްޖޭގެ ވިޔާފާރި ބުރޭންޑް، ވީބީގެ ނަމަށް ނިސްބަތްވި ކުލަބު ވެއްޓިގެން ދިޔައީ މާޒިޔާގެ ކުރިމަތީގަ އެވެ. އެހެންނަމަވެސް މާޒިޔާ ދެމިއޮތީ ކެތްތެރި ކަމާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ހަމަ އިސްކޮޅަށް ދެމިލައި، ރާއްޖޭގެ އެންމެ އުހަށް ވާސިލު ވުމުން، މާޒިޔާގެ ވިސްނުމާއި ޓާގެޓާއި ތަސައްވަރުވެސް ބަދަލު ވެއްޖެ އެވެ. ކުރިމަތިލާ ކޮންމެ މެޗަކުން ކޮންމެ މުބާރާތަކުން މޮޅު ނޫން އެއްޗެއް މާޒިޔާ މިހާރު ބޭނުމެއް ނުވެ އެވެ. މާޒިޔާގެ ޓާގެޓް މަތިވެ އެ ޓީމަށް އަންނަ ކޯޗެއްގެ ކިބައިން ވަކި ކަންކަމަކަށް އޮންނަ ޑިމާންޑް ބޮޑެވެ. މިހާރު މެޗަކުން މޮޅު ނުވެއްޖެނަމަ، ދަނޑަށް މެޗު ބަލަންދާ މާޒިޔާގެ އިސްވެރިންގެ ރިއެކްޝަންތައް އިތުރު ވެއެވެ. މާޒިޔާގެ ކޯޗް ކަމުން މުހައްމަދު ނިޒާމް، މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދިނީ އެކަހަލަ ހާލަތެއްގެ ތެރޭގަ އެވެ. އޭގެ ކުރީ ރޭ، ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ އެއްވަރު ވުމަކީ، އެ ކުލަބުގެ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބަލައި ގަނެވުނު ކަމެއް ނޫނެވެ.

ކޯޗް ނިޒާމްއަށްވެސް ވެލެންސިއާގެ މެޗުގެ ނަތީޖާ ގަބޫލެއް ނުކުރެވުނެވެ. އެ މެޗުގައި އޭނާ ބޭނުންވި ގޮތަށް ޓީމު ކުޅެފައި ނުވުމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރި އެވެ.

"މާޒިޔާގެ ކުޅުންތެރިންނަށް އަމިއްލައަށް ނެގުނު އެއްޗެއް އެހާ ބޮޑަށް ޑިފެންސިވް ވެގެން ކުޅުން," ވެލެންސިއާގެ މެޗުގެ ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ނިޒާމް ބުނެފައި ވެއެވެ. "އެއްގޮތަކަށްވެސް ޑިފެންސިވް ކޮށް ކުޅޭކަށް ނޫން ނުކުތީކީއެއް. އެއީ ބޭނުންވި ގޭމް ޕްލޭނެއްވެސް ނޫން. ބޭނުންވި ގޮތަކަށްވެސް ނޫން ކުޅެފައި އެހުރީކީ."

އެ މެޗުގެ ނަތީޖާ އެގޮތަށް ދިޔަސް، ނިޒާމް ހުރީ އޭނާގެ ޒިންމާއާއެކު ކުރިއަށް ދާންކަން، އެ ޕްރެސްގައި އޭނާ ފަހުން ދެއްކި ވާހަކައިން މާނަ ކުރެވެ އެވެ. "މިހެން ވެދާނެ ކްމްޕްޓޭޓިވް ލީގެއްގައި މެޗުތަކެއް ކުޅޭއިރު. ދެން ޖެހޭނީ މީތި ބަދަލު ކުރަން ޖެހޭ މަސައްކަތް ކުރަން."

އެކަން ބަދަލު ކުރުމަކީ، ކޯޗް ބަދަލު ވުން ހެއްޔެވެ. ކުއްލިއަކަށް މާޒިޔާގެ ކޯޗް ކަމުން ނިޒާމް އިސްތިއުފާ ދިނުން އެއީ، އަމިއްލަ އަށް ބޭނުން ވެގެން ނިންމި ނިންމުމެއްތޯ ސުވާލު އުފެދެ އެވެ. މާޒިޔާގެ މެނޭޖުމެންޓުން އެކަމަށް ޕްރެޝަރު ކުރީ ތޯ، މީވެސް ހުރި ސުވާލުތަކެވެ.

ނިޒާމްގެ ކޯޗިން ކެރިއާގައި މިދިޔަ ފަސް އަހަރުގެ ތެރެއިން ހަތަރު އަހަރަކީ، ފާހަގަ ކުރެވޭ ހަތަރު އަހަރެވެ. ޓީސީ ގޮވައިގެން 2015 އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފަށައި، 2018 ވަނަ އަހަރާ ހަމައަށް ދެ މުބާރާތެއް ފިޔަވައި އެހެން ހުރިހާ މުބާރާތެއްގެ ގަދަ ދޭއްގައި ހިމެނުނެވެ. ކުޅުދުއްފުއްޓާއި އައްޑޫގައި 2015 ވަނަ އަހަރު ބޭއްވި ޕްރެޒިޑެންޓް ކަޕާއި 2017 ވަނަ އަހަރު މާލޭ ލީގް ފިޔަވައި އެހެން ހުރިހާ މުބާރާތެއްގެ ގަދަ ދޭއްގެ ތެރޭގައ ޓީސީ ވާދަ ކުރި އެވެ. ރާއްޖޭގެ ޗެމްޕިއަނަކަށް ޓީސީ ހަދައި ދިނެވެ. ކޮމްޕްޓިޝަން ފޯމެޓަށް ބޭއްވި ބޭރުގެ މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ދިވެހި ކުލަބުގެ ޝަރަފު ޓީސީއަށް ހޯދައިދިނެވެ. އެއީ މިފަހުގެ ތާރީހްގައި ދިވެހި ކޯޗެއް އެފެންވަރުގެ ޑޮމިނޭޓެއް ދެމެހެއްޓި ފުރަތަމަ ފަހަރެވެ.

މާޒިޔާގެ ކޯޗް ކަމުން، ނިޒާމް އިސްތިއުފާ ދިން އިރު، އެ ޓީމު އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ. ލީގްގެ އެންމެ މެޗަކުން ހިތްހަމަ ނުޖެހޭ ނަތީޖާއެއް ނުކުތުމަކީ، ކޯޗް އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ހެއްޔެވެ. ކޯޗް އިސްތިއުފާ ހުށަހެޅުމުން، އެ ނަތީޖާ އާ މެދު ކެތްތެރިވެ މަގާމުގައި ދެމިހުންނަން ކޯޗަށް ބާރު އެޅުމުގެ ވިސްނުންތަކެއް މާޒިޔާއިން ނުގެން ގުޅުނީ ކީއްވެގެންތޯވެސް އުފެދޭ ސުވާލު އެބައޮތެވެ.

ކޯޗް ކަމުން ނިޒާމް އިސްތިއުފާ ދިނުމުގެ ކުރިން މެނޭޖުމެންޓަށް އެކަމުގެ އިޝާރާތެއް ދީފައިވޭތޯ އާއި އެކަމާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކާ ގުޅޭ ގޮތުން، އިއްޔަ މާޒިޔާގެ އާ ކޯޗް ރިސްޓޯ ވިޑަކޮވިޗް ކޯޗް ކަމަށް ހަމަޖެއްސުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުވާލު ކުރުމުން ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބް، ވިދާޅުވީ ކުރީގެ ކޯޗް ވާހަކަ އަކީ ކުރީގެ ޗެޕްޓާއެއް ކަމަށެވެ.

"މި އިވެންޓަކީ ކުރީގެ ކޯޗާ ބެހޭގޮތުން ވާހަކަ ދައްކަން އޮތް އިވެންޓެއް ނޫން،" ވައްހާބް ވިދާޅުވި އެވެ. "އެއީ ކުރީގެ ޗެޕްޓާއެއް މިހާރު."

މާޒިޔާގެ 25 އަހަރުވީ ތާރީހްގައި އެ ޓީމު ހެދިބޮޑުވެ ރާއްޖޭގެ އެންމެ އުހަށް ވާސިލު ވުމުން، އެ ޓީމުގެ ޑިމާންޑްތައް ކޮންމެ ގޮތެއްވިޔަސް ބޮޑު ވާނެ އެވެ. ޑޮމެސްޓިކް ލެވަލްގައި ރާއްޖޭގެ އެންމެ މައްޗަށް ދެވުނަސް މާޒިޔާގެ ކޯޗްގެ މަގާމު ފަސޭހައެއް ނުވެ އެވެ. އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ވުމަކީވެސް މާޒިޔާގެ ތަސައްވުރެކެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗްގެ މަގާމު ނެގުމަށް ފަހު މިހާރު ރާއްޖޭގައި އޮތް އެންމެ ޕްރެޝަރު ބޮޑު ކޯޗިން ވަޒީފާ އަކީ މާޒިޔާގެ ކޯޗްގެ މަގާމުކަން ބުނުމުގެ ޖާގަ އެބައޮތެވެ. އާ ކޯޗް ސާބިއާގެ ރިސްޓޯ ވެސް ހުރީ، އޭނާ އަށް އޮތް ޕްރެޝާރާ މެދު ރަނގަޅަަށް ހޭލުންތެރި ވެގެންނެވެ.

"ޕްރެޝަރު ނެތް ފުޓްބޯޅައެއް އެއީ އަހަރެންގެ ނަޒަރުގައި އޮތް ފުޓްބޯޅައެއް ނޫން އަހަރެމެން ދިރިއުޅެން ޖެހޭނީ އެ ޕްރެޝަރުގައި އެއީ ވަރަށް މުހިންމު ކަމެއް،" މާޒިޔާގައި އޭނާ ކުރިމަތި ވާނެ ޕްރެޝާ އާ ބެހޭގޮތުން ސުވާލު ކުރުމުން ރިސްޓޯ ވާހަކަ ދެއްކި އެވެ.

"ކޮންމެ ގޭމަކީ މުހިންމު މެޗެއް. އެ ޕްރެޝާ އަބަދުވެސް އޮންނާނެ. ކުޅުންތެރިންގެ މެދުގައިވެސް އެ ޕްރެޝާ އޮންނާނެ. އެމީހުންގެ ތެރެއިންވެސް، ބޭރުން ވެސް. އަދި ހާއްސަ ކޮށް އެ ކުލަބެއްގައި ވަރުގަދަ ޓީމެއް އޮންނަންޏާ އެ ޕްރެޝަރު ބޮޑު ވާނެ. ސަބަބަކީ އެ ޓީމެއްގެ ފަރާތުން ގިނަ ކަންކަމަށް މީހުން އުންމީދު ކުރާނެ. އެހެންވީމަ އަބަދުވެސް އެ ޕްރެޝާ އޮންނާނެ. އަހަރެމެން ދިރިއުޅެނީ އެ ޕްރެޝަރު ގައި."