ވާހަކަ

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 7)

ޒީނާގެ ލޮލުުން އޮހެން ފެށި ކަރުނަތައް އޭނާގެ ކޯތާފަތް މަތީގައި ފިރުކެމުން ދިޔައެވެ. އެމަންޒަރު ބަލަން މިފްޒާލް ހުރީ ޒަހަރުލީ ހިނިތުންވުމަކާއި އެކުގައެވެ.

"ޒީ. ތީ އުފަލުން އަންނަ ކަރުނަތަ؟" ޒީނާގެ ކޯތާފަތުގައި މިފްޒާލްގެ އިނގިލިތައް ހާކައިލަމުން އޭނާ އެހެން އަހައިލީ ޖެއްސުމުގެ ފާޑަށެވެ. އެއްވެސް އެއްޗެއް ނުބުނެ ޒީނާ ގެންދިޔައީ ރޮމުންނެވެ. ހިތަށް ލިބުނު ވޭނާއި ހިތްދަތި ކަމުގެ ސަބަބުންނެވެ.

***

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އަދިވެސް ލިއުޝާގެ ލޮލަށް ނިދީގެ އެއްވެސް އަސަރެއް ނުކުރެއެވެ. ހައިޝަމްގެ ގައިގައި އޮޅުލައިގަނެގެން އޮތް ލިއުޝާގެ ހިތާއި ނަފުސު ވަނީ މުޅިން އެހެން ދުނިޔެއެއް ގައެވެ. ހިތަށް އަރާ ފައިބަމުންދާ ކޮންމެ ވާހަކައަކުން، ލިއުޝާގެ ސިކުނޑިއަށް ދިޔައީ ބުރަކަން ލިބިދެމުންނެވެ. އެ ބުރަކަމާއި ހާސްކަމުގެ އިޙްސާސް އެންމެ ބޮޑަށް އުފުލަމުން ދިޔައީ ލިއުޝާގެ ހުޅުވިފައިވާ ދެލޮލެވެ. އެދެލޯ އެތައް އިރަކު ލިއުޝާއާ އެކު ފުން ޙިޔާލުތަކާއި، ފިކުރުތަކުގެ ތެރޭގައި ހޭދަކޮށްފިއެވެ. ފުންކޮށް ނޭވާއެއް ލަމުން އަނެއްކާ ވެސް ލިއުޝާ ފޯނު ނަގައި ޒީނާއަށް ގުޅިއެވެ. ރިންގުވުން ނޫން އިތުރު ކަމެއް މިފަހަރުވެސް ނުވެއެވެ. ޒީނާ ފޯނަށް ޖަވާބު ނުދޭތީ އެކަމުގެ ހާސްކަން ލިއުޝާއަށް ދިޔައީ އިންތިހާ ދަރަޖައަށް ލިބެމުންނެވެ.

މޫނުމަތީގައި ބާލިސް އަޅައިގެން ޒީނާ ގެންދިޔައީ ހިމޭންކަމާއި އެކު ރޮމުންނެވެ. ޒީނާއަށް މިއަދު ޖެހިފައިވާ ހާލާއި މެދު ހަމްދަރުދީ ވާނެ އެއްވެސް އިންސާނަކު މި ދުނިޔޭގައި ނެތްކަން ޒީނާއަށް ދިޔައީ އިޙްސާސް ވަމުންނެވެ. އެންމެ ގާތް ރަޙުމަތްތެރިޔާގެ ދިރިއުޅުން ބިކަކޮށް، ނެތިކޮށްލާނެ ހިތްވަރު ޒީނާއަށް ލިބޭނެ ބާއޭ އެތައް ފަހަރަކު ޒީނާގެ ހިތްބުނެއެވެ. ނަމަވެސް ކޮންމެ ކަމެއް ވެސް ތަދުބީރު ވެގެން ދާނީ ތަޤުދީރުގައި އޮތް ގޮތަށެވެ. ބައެއް ފަހަރު އަމިއްލަ ޙަޔާތަށް ބޮޑުތި ބަދަލުތަކެއް ގެންނަން ޖެހޭ ހާލަތްތައް ވެސް އަންނާނެއެވެ. ތިމާ ހިތް ނުރުހޭ، ބޭނުންނުވާ ކަންތައް އެއީ ތިމާ ލޯބިކޮށްގެން ކުރަން ޖެހޭނެ ކަންތަކަށް ވެސް ވާނެ ފަހަރު އާދެއެވެ. އެންމެ ފުރަތަމަ އޮންނާނީ ތިމާގެ އަމިއްލަ އުފަލާއި، އަމިއްލަ ދިރުއުޅުމެވެ. އަމިއްލަ އިއްޒަތާއި، ކަރާމާތެވެ. އެކަން އެހެން މީހަކަށް ޤުރުބާންކޮށް، ޒީނާ ދުނިޔޭގެ ކުރިމަތީގައި ފަޟީހަތް ވާކަށް ޒީނާ ބޭނުމެއް ނުވެއެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެއަށް މަރުޙަބާ ކިޔައިފިއެވެ. ލިއުޝާ ޑިއުޓީގައި އިނީ ޒީނާގެ އިންތިޒާރުގައެވެ. ގަޑިން 9 ޖަހައި ބޮޑު އިރުވެސް ޒީނާ ޑިއުޓީއަކަށް ނާދެއެވެ. އެކަމާ ހާސްވި ވަރުން، ލިއުޝާއަށް ޝިޔާދު ގާތުގައި ވެސް ޒީނާގެ ޚަބަރެއް ވިތޯ އެހުނެވެ. ޝިޔާދުގެ ހިތުގައި ލިއުޝާއަށް ހިތްހަމަ ނުޖެހުން އޮތްކަން އެނގޭ ހާލުގައެވެ. ޒީނާ ވީތަން އެނގޭނީ ލިއުޝާއަށް ނޫންހޭ ބުނަމުން، ޝިޔާދު ދިނީީ ރުންކުރު ޖަވާބެކެވެ. އިތުރަށް ޝިޔާދު ގާތު އެއްވެސް އެއްޗެއް ނާހައި، ލިއުޝާ ގޮސް އިނީ އޭނާއަށް ޚާއްޞަކޮށްފައިވާ ކޮޓަރީގައެވެ.

ޑިއުޓީއަށް ދާހިތް ނެތިފައި ޒީނާ ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔައެވެ. ޙަޤީޤަތުގައި ޒީނާއަށް ލިއުޝާއާ ކުރިމަތިލާނެ ހިތްވަރެއް ނެތެވެ. އެ ޤާބިލުކަން ހޯދަން ޒީނާ މަސައްކަތް ކުރިޔަސް، އެކަން އަދި އޭނާއަށް ވަނީ ކާމިޔާބު ނުވެފައެވެ. ކުއްލިއަކަށް ޒީނާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ މިފްޒާލެވެ. ވަގުތުކޮޅަކު ފޯނަށް ބަލަން އިނުމަށްފަހު، ޒީނާ ފޯނު ނެގިއެވެ.

"ކޮބާ؟ މިއަދު ނުދަންދޯ ޑިއުޓީއަށް؟" މިފްޒާލް އެހެން އަހައިލުމުން، ޒީނާ އިށީންނީ އެނދުމަތީގައެވެ.

"އާނ!" ޒީނާ ދިނީ ކުރު ޖަވާބެކެވެ.

"ހެހެ! ތިހާ ފިނޑިވެގެން ނުވާނެ! އަހަރެން މިހުރީ ތިގޭ ދޮރުމަތީގަ. އެބަ ވަންނަން." މިފްޒާލް އެހެން ބުނެ، ފޯނު ކަނޑައިލިއެވެ. ޒީނާއަށް އެއްވެސް އެއްްޗެއް ނުބުނެވެ އުޅެނިކޮށް މިފްޒާލް އެގޮތަށް ކަންތައް ކުރުމުން، ޒީނާ އިތުރަށް ހާސްވިއެވެ. މިކަންތައްގަނޑު ޒީނާގެ މަންމައަށް އެނގެން ބޭނުން ނުވާތީއެވެ. މާ ގިނަ އިރެއް ނުވަނީސް، ދޮރުގައި ޓަކި ދޭން ފެށި އަޑަށް ޒީނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވިއެވެ. ގޮތް ކުޑަ ފާޑަކަށް މިފްޒާލް އެތެރެއަށް ވަނެވެ. އަދި ޒީނާގެ ބުރަކަށީގައި މިފްޒާލް ފިރުމައިލިއެވެ. ފޫހި ގޮތެއް މޫނަށް ހަދައިލަމުން ޒީނާ ބަލައިލީ މިފްޒާލަށެވެ. ހިތްހަމަ ނުޖެހިގެންނެވެ. ނަމަވެސް ބާރަށް އެއްޗެއް ބުނެވޭކަށް ޒީނާއަކަށް ނެތެވެ. އެޔަށްވުރެ، ބޮޑަށް މިފްޒާލްގެ މުށްބާރު މުށުގެ ތެރޭގައި ޒީނާ ވަނީ ތާށި ވެފައެވެ.

"ކީއްވެ ތި އަހަރެންގެ ޓާސްކު ލަސް ކުރަނީ؟" ޒީނާގެ ކޮޓަރިއަށް ވަންނަމުން، މިފްޒާލް ފުރަތަމަ އަހައިލީ އެހެންނެވެ. އެއްވެސް އެއްޗެއް ނުބެނެ ޒީނާ ކޮޓަރީގައި ހުއްޓިލައިގެން ހުއްޓެވެ.

"ކީއްވެހޭ؟" މިފްޒާލްގެ އަޑު ކުޑަކޮށް ބާރު ވުމާއި އެކު، ޒީނާއަށް ބިރުން ތެޅެގަނެވުނެވެ.

"ނޫން މިފްޒާލް! މަންމައަށް އަޑު އިވިދާނެ. އޭރުން.." ޒީނާއަށް އޭނާގެ އިޚުތިޔާރުން ބޭރުން މިފްޒާލްގެ އަތުގައި ހިފައިލެވުނެވެ.

"އޭރުން.." ޒީނާގެ އަތް ހޫރައިލަމުން މިފްޒާލް އަހައިލިއެވެ.

"ދެން ވެސް ރީތިކޮށް އަހަރެން ކުރާ ސުވާލަށް ޖަވާބު ދެންޏާ މިހެން ނުވާނެ. އަހަރެން ބޭނުމީ މިކަން ވަރަށް ޕީސްކޮށް ގެންދަން. އަދި ޒީނާގެ ރީތި ފޮޓޯތައް މި ފޯނުން ޑިލީޓްކޮށްލަން. އެކަންވާ އޮތީ ޒީނާގެ ސަޕޯޓް އަހަރެންނަށް ލިބިގެން. ކުރިން ވެސް ބުނި ގޮތަށް ދެމީހުން އެއް ލަވައެއް ކިޔައިގެން." މިފްޒާލްގެ އަޑު މަޑުވިއެވެ.

"އަހަރެންނަކަށް ނޭނގެ ހަދަންވީ ގޮތެއް. އަހަރެން ވިސްނާ ވިސް.." ޒީނާގެ ވާހަކަ ހުއްޓުވީ މިފްޒާލެވެ.

"ކޮންމެހެން ޒީނާ ނުޖެހޭނެ ތިވަރަށް ވިސްނާކަށް. އަހަރެން ގާތު ވެސް އަހާބަލަ ކަންތައް ކުރަންވީ ގޮތް. އޭރުން މިކަން ސިމްޕަލް ވާނެ." މިފްޒާލް އެހެން ބުނުމުން، ޒީނާ މޭ ޖެހެން ފެށިއެވެ. ނުބައި ބޮޑު ރޭވުމެއް ނޫނީ މިފްޒާލްގެ ދުލުން ބޭރު ނުވާނެކަން އެނގޭތީއެވެ.

"ކޮން ގޮތެއް؟" އަހަން ނުކުރިފައި ވަގުތުކޮޅަކު ހުރެ، ގޮތް ހުސްވެގެން ޒީނާ އެންމެފަހުން އަހައިލިއެވެ. މިފްޒާލް ބަލައިލީ ޒީނާގެ މޫނަށެވެ. އެއާއި އެކު އެދެމީހުންގެ ކަޅި އެކަކު އަނެކަކުގެ ކަޅިއާ އަމާޒުވެގެން ދިޔައެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން މިފްޒާލް ގޮސް ހުއްޓުނީ ޒީނާގެ ކުރިމަތީގައެވެ. ދެމީހުން އެކަކު އަނެކަކު ޖެހޭހާ ގާތުގައެވެ.

"އަހަރެން ބޭނުމީ އަވަސް، ސަޅި ރިޒަލްޓެއް! ބޮޑު ޑުރާމާއެއް ނޫން." މިފްޒާލް އެހެން ބުނެލީ ޒީނާގެ ލޮލަށް ބަަލަމުންްނެވެ.

"ސިމްޕަލްކޮށް ބުނަންޏާ، އަހަރެން ބޭނުމީ ލިއު. އަހަރެންނަށް ލިއު ނުލިބެއްޖިއްޔާ، ދެން އޮންނީ ލިއު އެހެން މީހަކަށް ނުލިބޭ ވަރުކޮށްލުން.. ލިއުގެ މުޅި ލައިފް ކޮށާ މަށައިލުން." މިފްޒާލްގެ ވާހަކަތައް ބިރުވެރިވެފައި، ނުރައްކާތެރިއެވެ. ބިރުން ހުރި ޒީނާގެ ހިތުގެ ތެރޭގައި ބާރު ގުޑުންތަކެއް އަރައިގެން ދިޔައެވެ.

"ތިބުނީ؟" ޒީނާގެ އަޑު ތުރުތުރު އަޅަން ފެށިއެވެ.

"މިބުނީ އަހަރެން ބޭނުމީ ލިއުއޭ. އެކަން ކުރަން އަހަރެން ބޭނުމީ. އަހަރެން ކޮންމެ ގޮތެއް ހަދާފަ ވެސް، ލިއު ހާސިލު ކުރާނަން. އެއީ ފަސްޓު ޕްލޭނަކީ. ދެން އޮތީ ޕްލޭން ބީ. އެއީ އަހަރެންނަށް ލިއު ނުލިބޭ ހާލަތުގައި، ލިއު އެހެން މީހަކަށް ނުލިބޭ ގޮތް ހެދުން." މިފްޒާލްގެ ވާހަކަތައް ސީދާ ވެފައި، އޭނާގެ ރޭވުން ބޮޑެވެ.

"އަހަރެން ކިހިނެއް ހަދަންވީ؟" ޒީނާ އެހެން އަހައިލީ ޖެހިލުންވެ ހުރެގެންނެވެ. މިފްޒާލް ހިފައިލީ ޒީނާގެ އަތުގައެވެ. އަދި ޒީނާގެ މޫނަށް ބަލައިލިއެވެ. އެއާއި އެކު މިފްޒާލްގެ ދޫ ހަރަކާތް ކުރަން ފެށީ ނުބައި، ނުލަފާ ރޭވުމެއްގެ ވާހަކައަކުންނެވެ. މިފްޒާލް ދައްކަމުން ދިޔަ ކޮންމެ ވާހަކައަކުން ޒީނާގެ ހިތުގެ ވިންދު ދިޔައީ ހަލުވި ވަމުންނެވެ. ޒީނާގެ މުޅި ގަޔަށް ދިޔައީ ހޫނު ވަމުންނެވެ.

"އޯކޭ އެއްނު؟ މިއީ މިއަދުގެ ޓާސްކް. އަހަރެން ބޭނުމެއް ނޫން ލަސްކުރާކަށް. މިކަމަކީ އެއް ލަކިން ލިއުގެ ދިރިއުޅުމުގަ ސިއްކަ ޖެހޭނެ ކަމެއް. ހެހެ." މިފްޒާލްގެ ރޭވުން ޒީނާއަށް ކިޔައިދެމުން މިފްޒާލް ހިނިތުންވެލިއެވެ. ޒީނާ ހުރީ ޖެހި ބުދެއްހެން ގަނބު ވެފައި މިފްޒާލްގެ މޫނަށް ބަލާށެވެ.

"އޯކޭ ދޯ؟" މިފްޒާލު އަނެއްކާ ވެސް އަހައިލިއެވެ. ޒީނާގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ.

"އާނ! އޯކޭ." ޒީނާ ކުއްލިއަކަށް ހުރެފައި ބުނެލިއެވެ.

***

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ހެނދުނުގެ ދަންފަޅީގައި އެޕޮއިންޓްމެންޓް ނެގި ހުރިހާ ބަލިމީހުން ބަލައި ނިންމައިލުމަށްފަހު، ކުޑަކޮށް ކަރު ތެތްމާލަމުގެ ނިޔަތުގައި ލިއުޝާ ކެންޓީނަށް ދާން ގޮނޑިން ތެދުވިއެވެ. ކޮޓަރީގެ ދޮރު ހުޅުވައި ބޭރަށް ނުކުންނަން އެޅި ފުރަތަމަ ފިޔަވަޅާއި އެކު، ލިއުޝާގެ ލޮލުގައި އަޅައިގަތީ ޒީނާ އެވެ. ޒީނާ ލުއިކޮށް ހީނލައިގެން ހިނގާފައި އައީ ސީދާ ލިއުޝާއާ ދިމާލަށެވެ. ޒީނާ ވަނީ އާދަޔާ ޚިލާފަށް ގަދައަށް މޭކަޕްކޮށްފައެވެ. އެކަން އެންމެ ފުރަތަމަ ވެސް ލިއުޝާއަށް ފާހަގަ ކުރެވުނެވެ. އެއީ ޒީނާ އުފުލި ހިތާމަތައް ފޮރުވުމުގެ ބޭނުމުގައި އޭނާ ކުރި ކަމެކެވެ.

"ޒީ.. ކޮންތާކު އުޅެފަ ތިއައީ؟ އަހަރެން ހާދަ ގުޅީމޭ! ކީއްވެތަ ފޯނު ނުނެގީ؟ އަނެއްކާ އޯކޭތަ؟" ލިއުޝާގެ ސުވާލު ގޯނިގެ ތުން މޮހެލައި، ޒީނާގެ ކުރިމައްޗަށް އޮއްސައިލިއެވެ.

"ލިއު.. އައިމް ސޮރީ.. ރިއަލީ ސޮރީ. އަސްލު ވަރަށް ބިޒީވެގެން. އެކަން ކިޔާދޭން މިއައީ ވެސް." ޒީނާގެ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއް ލިއުޝާއަށް ކުރުވިއެވެ. ޒީނާ ވާހަކަދައްކާ ރާގުން ހީވަނީ ކަމެއް ސިއްރު ކުރަން އުޅެނީހެންނެވެ. އެކަން ކިތަންމެ ބޮޑަށް ވެސް ލިއުޝާއަށް ފާހަގަކުރެވުނެވެ.

"ފްރީތަ؟" ޒީނާ ހިފައިލީ ލިއުޝާގެ އަތުގައެވެ. ޒީނާ ކިތަންމެ ވަރަކަށް އޭނާގެ "ނޯރމަލް" އުޅުން ދައްކަން އުޅުނަސް، ލިއުޝާއަށް އެކަން ވަންހަނާއެއް ނުވެއެވެ. ކޮންމެ ވެސް ކަމެއް ޒީނާއަށް ވީކަން އެއީ ލިއުޝާއަށް ޔަޤީންވި ކަމެކެވެ. ޒީނާއަށް އައި ބަދަލުތައް ލިއުޝާއަށް ފާހަގަވުން އޭނާއަށް އުނދަގުކަމަކަށް ނުވިއެވެ. ނަމަވެސް އެކަމާއި ގުޅިގެން އިތުރަށް ސުވާލެއް ކުރާކަށް، ލިއުޝާ ބޭނުމެއް ނުވެއެވެ. އެއީ އެއްފަހަރު ޒީނާ ޖަވާބު ދީފައި ވާތީއެވެ.

"އާނ. ބްރޭކެއް މިނެގީ." ލިއުޝާ ހިނިތުންވުމަކާއި އެކު ބަލައިލީ ޒީނާ އަށެވެ.

"ހިނގާބަ!" ޒީނާ ހިފައިލީ ލިއުޝާގެ އަތުގައެވެ.

"ކޮންތާކަށް؟" ލިއުޝާ އިތުރަށްވީ ހައިރާނެވެ.

ޒީނާގެ އަތުގައި ހިފައިގެން ލިއުޝާ ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ލިއުޝާ ހުރީ ވާނުވާއެއްގައެވެ. އެދެމީހުން ގޮސް އެރީ ޓެކްސީއަށެވެ.

"ކޮންތާކަށް ދާން؟" ލިއުޝާ ހިނިތުންވެ ހުރެ، ޒީނާގެ އަތުގައި ހިފައިލީ ކޮންމެވެސް ވަރަކަށް ޖެހިލުންވެ ހުރެއެވެ. ނަަމަވެސް ލިއުޝާ ޖެހިލުންވާނެ ކަމެއް ޒީނާ ނުކުރާނެ ކަމުގެ ޔަޤީންކަން ލިއުޝާއަށް އަބަދު އޮންނާތީ، ލިއުޝާ ހަމަޖެހެލިއެވެ.

ޓެެކްސީގައި އިން އިރުވެސް، ޒީނާ ގެންދިޔައީ ދޭތެރެ ދޭތެރެއިން ފޯނާއި ކުޅެމުންނެވެ. ލިއުޝާއަށް ސިއްރު ސިއްރުން ބަލަމުން، ޒީނާ މަަސައްކަތް ކުރަމުން ދިޔައީ އޭނާއަށް ކުރިމަތިވި މަޖުބޫރީ ހާލަތުގައި، އޭނާގެ ލޯބިވާ ގާތް ރަޙުމަތްތެރިޔާއަށް ބޮޑު ސަޒާއެއް ދިނުމަށެވެ.

ޓެކްސީ ގޮސް މަޑުކޮށްލީ ހ.ލޭކޮކާ ގެސްޓު ހައުސްގެ ކުރިމަތީގައެވެ. ޓެކްސީ އިން ފެއިބުމާއި އެކު، ޒީނާ މަގުގެ ދެކޮޅު ބަލައިލަމުން، ލިއުޝާއާ އެކު ގެސްޓު ހައުސްއަށް ވަންނަން ހިނގައިގަތެވެ.

"ކީއްކުރަން މިތަނަށް؟" ލިއުޝާ ބަލައިލީ ޒީނާއަށެވެ.

"ސަޕްރައިޒެއް." ޒީނާ ގަދަކަމުން ހީނލިއެވެ. ޒީނާގެ ހިތަށާއި މުޅި ހަށިގަނޑަށް އުނދަގޫ ވިޔަސް، ޒީނާ ކެތްތެރިވެ، އޭނާގެ މަސައްކަތާއި އެކު ކުރިއަށް ދިޔައެވެ. ޒީނާ ސިނޑިން އަރަމުން ގޮސް ހުއްޓުނީ 2ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގެ ކުރިމަތީގައެވެ.

"ލިއު މިތާގަ މަޑުކުރޭ! އަހަރެން އެބަ އަންނަން." އެހެން ބުނެ ޒީނާ ފެއިބީ ތިރިއަށެވެ. ލިއުޝާ އެކަނި މާއެކަނި އެތަނުގައި ހުރި އިރު، އޭނާ ގެންދިޔައީ އެގޭގެ އެކިތަންތަނަަށް ކަޅި ހިންގަމުންނެވެ. ކުއްލިއަކަށް ލިއުޝާގެ ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރު ހުޅުވުނެވެ. ލިއުޝާ ދިޔައީ ސިއްސައިގެންނެވެ. އެއްވެސް މީހެއް ފެންނަން ނެތުމުންނެވެ. ދެލޯ ބޮޑުކޮށްގެން، މަޑުމަޑުން ލިއުޝާ ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު، މީހަކު އޭނާގެ އަތުގައި ހިފައި، ކޮޓަރިތެރެއަށް ދަމައިގަތެވެ. (ނުނިމޭ)