ދުނިޔެ

ޗައިނާ - މޮރިޝަސް އެފްޓީއޭއަށް އަމަލު ކުރަން ފަށައިފި

ޗައިނާ-މޮރިޝަސް ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި އެވެ. މަސްރަހު ދިރާ ސާކުރާ މީހުން ދެކޭ ގޮތުގައި އެފްރިކާ ބައްރުގައި ޗައިނާއިން ވިޔަފާރި ބައްޓަންކުރާ މޮޑެލަކަށް މި އެއްބަސްވުން ވެގެން ދާނެ އެވެ.

ޗައިނާއާ މޮރިޝަސްއާ ދެމެދު "ފްރީ ޓްރޭޑް އެގްރީމަންޓް" (އެފްޓީއޭ) އެއް އެކުލަވާލުމަށްޓަކައި 2017 އިން ފެށިގެން އައީ މަޝްވަރާކޮށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، މި އެއްބަަސްވުމުގައި ދެ ގައުމަށް ސޮއި ކުރެވޭވަރުވީ 2019 އިގަ އެވެ. މި އެއްބަސްވުމުގެ ދަށުން މޮރިޝަސް އަށް 8،547 އުފެއްދުމަކުން ޑިއުޓީ ފްރީވާނެ އެވެ.

މިއީ އެފްރިކާ ބައްރަށް ނިސްބަތް ކުރެވޭ ގައުމަކާއެކު ޗައިނާއިން މިހާތަނަށް އެކުލަވާލި މިފަދަ ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން މޮރިޝަސްގެ ވިޔަފާރިވެރިންނަށް ޗައިނާގެ ބިޔަ މާކެޓް ހުޅުވިގެން ދާނެ އެވެ. ޗައިނާއިން އެތައް ބައިވަރު މުދަލެއް މޮރިޝަސްއަށް އެތެރެ ކުރާއިރު، މަދު މިންވަރެއް މެނުވީ މޮރިޝަސްއިން ޗައިނާއަށް އެތެރެ ނުކުރެވޭ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

އެއްބަސްވުމުގައި ޝަރުތުކޮށްފައި ވަނީ މަރުހަލާތަކަށް ބަހާލައިގެން އަމަލު ކުރުމަށެވެ. އެގޮތުގައި މޮރިޝަސްއިން ޗައިނާއަށް އެތެރެކުރާ ބާވަތްތަކުން ޑިއުޓީ ފްރީ ކުރަން ނިންމާފައި ވަނީ ވަކި މުއްދަތެއްގެ ތެރޭގައި ވަކި މިންވަރަކަށެވެ. އެގްރީމަންޓްގައި ސޮއިކުރާ ވަގުތުން ފެށިގެން ޑިއުޓީ ރޭޓްތަކަށް ބޮޑެތި ލުއިތަށް ދިނުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ސާވިސް އިންޑަސްޓްރީގައި ދެ ގައުމަށް އެއްބާރު ލެވިދާނެ ސެކްޓަރުތައް ވެސް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ފައިނޭންސް، ޓެލެކޮމިއުނިކޭޝަން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ޕްރޮފެޝަނަލް ސާވިސަސް، ކޮންސްޓްރަކްޝަން އަދި ސިއްހަތު ހިމެނެ އެވެ. މިއީ އެއްބަސްވުމުގައި ހިމެނޭ މަދު މިންވަރެކެވެ.

މިއީ އެފްރިކާގައި ވިޔަފާރި ކުރެވިދާނެ މޮޑެލެއް ކަމަށް ޗައިނާއިން އުންމީދު ކުރެވެ. ޗައިނާ އެދެނީ އެފްރިކާ ބައްރުން ވިޔަފާރި ބައިވެރިން އިތުރުވުމަށެވެ.

ޗައިނާ - މޮރިޝަސް ތާރީޙުން

  • 1972 - ޗައިނާ-މޮރިޝަސް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުން
  • 1983 - ޗައިނާ-މޮރިޝަސް އިގްތިސޯދީ، ޓެކްނިކަލް އަދި ވިޔަފާރީގައި އެއްބާރުލުމަށް ޖޮއިންޓް ކޮމިޝަނެއް
  • 1994 - ޗައިނާ-މޮރިޝަސް ޑަބަލް ޓެކްސް ސިޔާސަތު ދޫކޮށްލުމަށް އެއްބަސްވުން
  • 1996 - ޗައިނާ-މޮރިޝަން އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމަށް އެއްބަސްވުން
  • 2003 - މޮރިޝަސްގައި ވާވޭ ގާއިމުވުން
  • 2005 - ޗައިނާ-މޮރިޝަސް ބައިލޭޓެރަލް ލޭބާ ކޯޕަރޭޝަން
  • 2016 - ބޭންކް އޮފް ޗައިނާގެ ގޮތްޕެއް މޮރިޝަންގައި ހުޅުވުން
  • 2017 - ޗައިނާ-މޮރިޝަސ ފްރީ ޓްރޭޑް އެގްރީމަންޓް ވާހަކަތައް
  • 2019 - ފްރީ ޓްރޭޑް އެގްރީމަންޓް ސޮއިކުރުން
  • 2021 - ފްރީ ޓްރޭޑް އެގްރީމަންޓަށް އަމަލުކުރަން ފެށުން


މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ޗައިނާއިން މޮރިޝަސް އިހުތިޔާރު ކުރުމުގައި އޮތީ އެންމެ ސަބަަބެއް ނޫނެވެ. މޮރިޝަސްއާ ޗައިނާއާ ދެމެދު ދިގު ތާރީހެއް ވެސް އެބަ އޮތެވެ. ދެގައުމު ގުޅުން ބަދަހިކޮށްފައި ވަނީ 1972 ގަ އެވެ. އަނެއްކޮޅުން، ބީޖިންގައި އެންމެ ފުރަތަމަ އެމްބަސީއެއް ހުޅުވި އެފްރިކާ ގައުމަކީ މޮރިޝަސް އެވެ.

މޮރިޝަސްގެ ހިންގުން މިހާރު އޮތް ގޮތުން ޗައިނާއަށް ބޮޑު ފައިދާއެއް ވެސް ނެގިދާނެ އެވެ. ޗައިނާގެ ކުންފުނިތަކުން މޮރިޝަސްގައި އުފެއްދުމަކީ އިގުތިސޯދީ ގޮތުން ދެގައުމަށް ފައިދާކުރާނެ ކަމެއް ނަމަވެސް އެއީ ޗައިނާ ކުންފުނިތަކަށް ވެސް ބޮޑު ލުޔަކަށް ވާނެ އެވެ.

ދުވަސްކޮޅެއް ފަހުން މިއެއްބަސްވުން ކިޔާލައި ނަޒަރުހިންގާލާ މީހަކަށް ފެންނާނީ އެފްރިކާ ތެރެއަށް ވަނުމަށް ޗައިނާއިން ބޭނުންކުރާ ފާލަމަކަށް މޮރިޝަސްވަމުން އަންނަ ތަނެވެ.