ދުނިޔެ

ޖެކް މާ ވީތަނެއް ނޭނގި އިންޓަނެޓް އުތުރިއަރަނީ

ޖެކް މާ ކޮބައި ހެއްޔެވެ؟ މުޅި އިންޓަނެޓްގައި އޮތީ މި ސުވާލެވެ. އިންސާނުންނަށް ކުޅަދާނަނޫންހައި ކަމަކަށް އެއޮތީ ގޫގުލް އެވެ. ގޫގުލް ކުރެން އަހާށެވެ. އެކަމަކު، ޖެކް މާ ވީތަނެއް ބުނެދޭކަށް މިފަހަރު ގޫގުލްއަކަށް ވެސް ނޭނގުނެވެ.

އަލީ ބާބާ ގުރޫޕްގެ ބާނީ، ޖެކް މާ އަކީ މީޑިއާއާ ވަރަށް ދޯޅު ބޭފުޅެކެވެ. އެކަމަކު ޓްވީޓެއް ވެސް ނުކުރައްވާތާ ދެމަހަށް ވުރެ ގިނަ ދުވަސްވީ އެވެ.

ޗައިނާގެ މަޝްހޫރު ބިލިއަނަރު، ޖެކް މާ ވީ ތަނަކާ ބެހޭ ގޮތުން އިންޓަނެޓްގައި ސުވާލުކުރެވެން ފެށީ "އެފްރިކާސް ބިޒްނަސް ހީރޯޒް" ގެ ނަމުގައި އޭނާ ހިންގަވާ ޓެލެންޓް ޝޯގެ ފައިނަލް އެޕިސޯޑަށް ވަޑައިނުގަތުމުންނެވެ. ޖެކް މާ އަކީ ފައިނަލް އެޕިސޯޑްގެ ޖަޖެކެވެ.

އާންމުންގެ މޫނުމަތިން ޖެކް މާ ގެއްލުނުއިރު، ޖެކް މާ އަށް ވެދާނެ ގޮތަކާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. މަސްރަހު ދިރާސާކުރާ މީހުންގެ ބުނާ ގޮތުގައި، ޖެކް މާ ގެއްލިދާނެ ކަމަށް ހީވި ކިތަންމެ ފަހަރެއް ހިނގައްޖެ އެވެ.

ޖްކް މާ އެންމެ ފަހުން ކުރެއްވި ޓްވީޓް

ޖެކް މާ ގެއްލިފައި މިވަނީ މާލީ އިދާރާތަކާއި ބޭންކްތައް ހިންގާ ގޮތާ ރުހިވަޑައިނުގެން ދެތިން އެއްޗެއް ވިދާޅުވިފަހުންނެވެ. އޭނާ ވިދާޅުވީ ބޭންކްތަކުން ކުރާ ކަމަކީ ރަހުނުންބެހެއްޓުން ކަމަށާއި އެކަމުގައި ވެސް ފުރަތަމަ އިސްކަންދެނީ ބޭންކްތަކަށް ލިބޭ ފައިދާއަށް ކަމަށެވެ.

ޖެކް މާ ވިދާޅުވި ގޮތުގައި އަންނަ ޖީލުތަކަށްޓަކައި މާލީ ނިޒާމު، ޒަމާނަށް ފައްތަން ވަނީ ޖެހިފަ އެވެ.

ޖެކް މާ ހިންގަވާ ޓެލެންޓް ޝޯ - އެފްރިކާސް ބިޒްނަސް ހީރޯޒް އަށް ދެއްވި މެސެޖެއް

ޖެކް މާ ހިންގަވާ ވިޔަފާރީގެ ސައްހަކަމާ މެދު ޗައިނާގެ އޮފިޝަލުން ސުވާލު އުފައްދަން ފެށީ އެއަށް ފަހު އެވެ. ވާދަވެރިންނަށް ފުރުސަތުގެއްލޭ ގޮތަށް ވިޔަފާރި ބައްޓަންކުރައްވާ ކަމަށް ތުހުމަތުކުރި އެވެ. އޭނާގެ އޭންޓް ގުރޫޕުން ހިއްސާ ބާޒާރަށް ވަނުމަށް ކުރި މަސައްކަތްތައް ވެސް ވަނީ ހުއްޓުވާފަ އެވެ.

ޖެކް މާ ވީތަނަކާ ބެހޭ ގޮތުން ސުވާލުކުރުމުން އަލީބާބާ ގުރޫޕްގެތަރުޖަމާން ކިޔައިދެއްވީ ޖެކް މާގެ ޓައިމްޓޭބަލް އޮތް ގޮތެވެ. ވިދާޅުވީ ބިޒީކަމުން ކެމެރާ ކުރިމައްޗަށް ނިކުމެވަޑައިގަންނަވަން ވަގުތު ނެތީ ކަމަށެވެ.

ގޫގުލްއަށް މިވަރުވެސް ނޭނގުނެވެ.