ލައިފްސްޓައިލް

ހަވާއީ މަތިން އުދުހުނު ނޫކުލައިގެ އެއްޗެއް އެންމެން ހައިރާންކޮށްލައިފި

އެމެރިކާގެ ހަވާއީގައި ދިރިއުޅޭ ގިނަ ބަޔަކަށް ނޫކުލައިގެ ގަދަ އައްޔެއްހުރި އޮބްޖެކްޓެއް ފެނި ހައިރާންކަން ލިބިއްޖެ އެވެ. އޮހާއޯ މަތިން މި އުދުހެނިކޮށް ވަރަށް ގިނަ ބަޔަކަށް ފެނި ފޮޓޯ ނަގައި މޫވީ ވެސް ކޮށްފައި ވެއެވެ. އެ ރަށުގެ މީހުން ބުނެފައި ވަނީ އޭތި އުދުހެމުން ގޮސް އެންމެ ފަހުން ކަނޑަށް ވެއްޓިފައިވާ ކަމަށެވެ.

ހަވާއީ ނިއުސް ނައު ގައިވާ މި ޚަބަރު ބުނާ ގޮތުގައި ޔޫފޯއެއް ކަހަލަ މި އެތި އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ވީޑިއޯތަކުން ފެންނަނީ ވަރަށް ވަރުގަދަ އައްޔެއްހުރި ނޫކުލައިގެ އެއްޗެއް އުދުހެމުން ގޮސް ކަނޑަށް ވެއްޓި ފެންގަނޑު އެކި ފަރާތްފަރާތަށް އަރައިގެންދާ ތަނެވެ.

ބައެއް މީހުން ބިރުން 911 އަށް ވެސް ގުޅިކަމަށް ވެއެވެ. އެމެރިކާގެ ފެޑެރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަނާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ އެއްވެސް އެއާކްރާފްޓެއް ގެއްލިގެން ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.

މި މަންޒަރު ވީޑިއޯކުރި މިސްޓީނާ ސާޕޭ އެ ވީޑިއޯކުރި ވަގުތު "އުޑުމަތީގައި ކޮންމެވެސް އެއްޗެއް އެބަ އުދުހެއޭ. އެއީ ކޯޗެއްހޭ،" ބުނާ އަޑު އިވޭ ކަމަށް ވެސް ހަވާއީ ނިއުސް އިން ބުނެފައި ވެއެވެ.

މޯރިއާ ކިޔާ އަންހެނަކު ބުނީ ޕްރިންސަސް ކަހާނޫ އެސްޓޭޓް މަތިން އެ އުދުހިފައި ދިޔައީ ވަރަށް ބާރު ސްޕީޑުގައި ކަމަށެވެ.

"އަހަރެން ފިރިމީހާއަށް ގޮވާފައި މަތިން އެ ދަނީ ކޯޗެއްތޯ އެހުމުން އެމީހުންވެސް ބުނި ނޭނގެޔޭ ކޯޗެއްކަމެއް،" މޯރިއާ ބުނެފައި ވެއެވެ.
ގިނަ ބަޔަކު މިއީ ޔޫފޯ އެއް ކަމަށް ގަބޫލުކުރިޔަސް މޯރިއާ، 38، ބުނީ އޭނާއަކީ ޔޫފޯ ގަބޫލުކުރާ މީހެއް ނޫން ކަމަށެވެ. ނަމަވެސް ނޫކުލައިގެ ގަދަ އައްޔެއް ހުރި އެ އެތި ފެނިފައި އޭނާގެ ފިރިމީހާ އާއި ދަރިން ވެސް ކާރަށް އަރައިގެން އޭތި ދިޔަ ދިމާލަށް ދުއްވި ކަމަށާއި އެ ގޮސް ވެއްޓުނީ ކަނޑަށް ކަމަށް މޯރިއާ ބުންޏެވެ.

އެމެރިކާގެ އޭވިއޭޝަން އިދާރާ އިން ވެސް ބުނެފައިވަނީ ޔޫފޮއެއް ފާޑު އެއްޗެއް އުޑުމަތިން ފެނިގެން ވަރަށް ގިނަ މީހުން އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ދިމާލުން އެއްވެސް އެއާކްރާފްޓެއް ދަތުރުކުރިކަން ރެކޯޑްތަކުން އެނގެން ނެތްކަމަށާއި އަދި އެއާކްރާފްޓެއް ގެއްލިގެން ވެސް ރެކޯޑް ކޮށްފައި ނުވާ ކަމަށެވެ.