ޑުބާއީގެ ވަލީ އަހުދު ޝެއިހު ހަމްދާން ބިން ރާޝިދު އަލް މަހްތޫމް ދާދި ފަހުން ފިރިހެން ގްރޫޕްކާއެކު ބައިސްކަލް ދުއްވާލަން ނުކުމެވަޑައިގެން އުޅުއްވަނިކޮށް ނަގާފައިވާ ވީޑިއޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އެބަ އުޅެ އެވެ.
ވަލީއަހުދުގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުން ޝެއާ ކުރެއްވި މި ވިޑިއޯގައި ފެންނަނީ ވަލީއަހުދުގެ ބައިސްކަލާ އެއްވަރަށް ވަރަށް ބޮޑު ދެ އޮސްޓްރިޗް ދުވަމުން ދާ ތަނެވެ. ބަލާ ބެލުމަށް ހީވަނީ އެ ދެ އޮސްޓްރިކް ވަލީއަހުދާ ވާދަޔަށް ރޭސް ޖަހަނީ ހެނެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް މި ވީޑިއޯ މަޖާވެގެން އުޅެނީ އެހެންވެ އެވެ.
ވަލީއަހުދު ޝެއާ ކުރެއްވި ވީޑިއޯގައި އެމަނިކުފާނާއި އިތުރު ފިރިހެނުންތަކެއް ބައިސްކަލުގައި ވަރަށް ބާރަށް ދުއްވާފައި ދާތަން ވެސް ފެނެ އެވެ. ދެން ފެންނަނީ ބޮޑު ދެ އޮސްޓްރިޗް އެ ބައިސްކަލާ އެއްވަރަށް ދުވާ ތަނެވެ.
ޝެއިގް ހަމްދާނަކީ މިކަހަލަ ވަރަށް މަޖާ އަދި ހިތްގައިމު ވީޑިއޯތައް އަބަދުވެސް ޝެއާ ކުރައްވާ ބޭފުޅަކަށް ވާތީ އެމަނިކުފާނު ފޮލޯކުރާ މީހުން ސޯޝަލް މިޑިއާގައި މިހާރު ވަރަށް ގިނަ އެވެ. އެހެންވެ މި ވީޑިއޯ އަށް ވެސް އެހާ ބޮޑު ތަރުހީބެއް ލިބުނީ އެވެ.
ވީޑިއޯ ޝެއާ ކުރިތާ ކުޑަ ވަގުތުކޮލެއްގެ ތެރޭގައި ހަތަރު ލައްކަ ވިއުޒް ލިބުނެވެ. އަދި ގަޑިތައް ފާއިތުވީ ވަރަކަށް ވީޑިއޯ ބެލި މީހުން ވަރަށް ބާރު ސްޕީޑުގައި އިތުރުވަމުން ދިޔަތަން ފެނިފައި ވެއެވެ. އަދި ވީޑިއޯ އަށް ގިނަ ބަޔަކު ތަފާތު ކޮމެންޓްތައް ވެސް ކޮށްފައިވެއެވެ. އަދި މިއީ އާ އަހަރު ފެނުނު ވަރަށް ހިތްގައިމު ވީޑިއޯއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރި އެވެ.