ބޮލީވުޑް

"ޝާންދާރް" ފްލޮޕްވެ، ޝާހިދު ރަތަށް

Oct 29, 2015
1

ޒުވާން ދެތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި އާލިއާ ބަޓް ލީޑްރޯލުން ފެނިގެންދާ "ޝާންދާރް" މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށްފައިވާއިރު، އުންމީދުކުރިވަރާއި ގާތަށްވެސް މިފިލްމު ހިނގާފައި ނުވާއިރު ވަނީ ފްލޮޕްވެފަ އެވެ.

މިއީ ވަރަށް މަޖާ އަދި ޒުވާން ލޯބީގެ ފިލްމަކަށް ވާތީ މުނިފޫހިފިލުވުމުގެ ހުރިހާ ރަހައެއް މި ފިލްމުގައި ވަރަށް ފުރިހަމައަށް ހުންނާނެ ކަމަށް ބެލުނުންތެރިން އުންމީދުކުރި ނަމަވެސް މިފިލްމަށް ފުރަތަމަ ހަފްތާގައި ލިބުނު އާމްދަނީ އަކީ މާޔޫސްވާންޖެހޭ ވަރުގެ ދަށް އަދަދެކެވެ.

ފިލްމުގެ ނާކާމިޔާބީއާއެކު އަޑުގަދަކޮށްފައި ޓްވިޓާ ފަތަހަކުރަމުން އައި މިފިލްމުގެ ލީޑްދެތަރިން ގެއްލިގެން ގޮސްފައިވާއިރު، "ޝާންދާރް" ރިލީޒްކުރުމުގެ އެއް ދުވަސްކުރިން މިދެތަރިން ޓްވިޓާގައި ވަރަށް ހިންގާލާފައި ފިލްމު ޕްރޮމޯޓްކުރުމަށް އުޅުނެވެ.

އެގޮތުން މިފިލްމަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ފިލްމުގެ މުޅި ޓީމަށް "ޝޮކެއް" ލިބިފައިވާއިރު ޝާހިދު އާއި އާލިއާ އަށް ވަނީ ބޮޑު މާޔޫސްކަމެއް ލިބިފަ އެވެ.

އެގޮތުން މިދިޔަ އަހަރު ނުކުތް "ހައިދަރް" އާއެކު ޝާހިދުގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފަށާފައިވާއިރު، "ޝާންދާރް" ކާމިޔާބުވުން އޭނާގެ ކެރިއަރަށް ވަރަށް މުހިންމެވެ.ނަމަވެސް މިފިލްމުގެ ނާކާމިޔާބީވުމުގެ އިތުރުން އޭގެ ނޭދެވޭ އަސަރު ޝާހިދުގެ ކެރިއަރަށް ކުރަން ފަށާފައިވާކަމުގެ މަލަމަތި މިހާރު ފެންނަމުން އަންނާތީ އެކަމާ ޝާހިދު ހުރީ އިންތިހާއަށް ކަންބޮޑުވެފައި ކަމަށް ނޫސްތަކުގައިވެ އެވެ.

ސަބަބަކީ "ޝާންދާރް" އަކީ މިއަހަރު ނުކުންނާނެ ފިލްމުތަކުގެ ތެރެއިން ވިޔަފާރީގެ ގޮތުން ވެސް ކާމިޔާބުވާނެ ފިލްމަކަށް ގިނަބަޔަކު ބުނަމުން އައިސްފައިވާތީ ޝާހިދު ވަނީ އޭނާއަށް ލިބުނު ތިން ފިލްމެއްގެ ހުށަހެޅުމުގައި ސޮއިކުރުން "ޝާންދާރް" ރިލީޒްވުމަށްފަހު ކުރުމަށް ފަސްކޮށްފަ އެވެ. ނަމަވެސް "ޝާންދާރް" އަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމުން އެހެން ފިލްމުތަކުން ލިބިފައި ހުރި ފުރުސަތުތައް ގާތްގަނޑަކަށް މިހާރު ޝާހިދުއަށް ގެއްލިފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

އެހެން ފިލްމުތަކެކޭ އެއްގޮތަށް މިފިލްމުވެސް ނާކާމިޔާބު ވުމުން އެކަކު އަނެކަކު ކުށްވެރިކުރުމުގެ ކަންތައް ގަނޑު ފެށިފައިވާއިރު، ޝާހިދު ވަނީ މިފިލްމުގެ އޭނާ ކުޅުނީ އެއްވެސް ގޮތަކަށް އޭގެ ވާހަކަ އޭނާއަށް ކަމުދިޔުމުން ނޫންކަމަށާއި ފިލްމުގެ ޕްރޮޑިއުސަރު މަދޫ މަންތެނާ އާއި އޭނާއާ އޮންނަ ގާތްގުޅުމެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ފިލްމު ނާކާމިޔާބު ވުމުން ލިބިފައި ހުރި ފުރުސަތުތައް ގެއްލުމުގެ ބިރު ޝާހިދަށް އޮތްއިރު، ޝާހިދުގެ ބައްޕަ މިފަދަ ތާކުންތާކު ނުޖެހޭ ފިލްމެއް ކުޅެގެން ގިނަ ބަޔަކު އޭނާގެ ބައްޕައަށް ޖޯކު ޖަހަމުން އައުމުގެ ސަބަބުން ވެސް އިންތިހާ އަށް ޝާހިދު ހުރީ ހިތްހަމަނުޖެހިފަ އެވެ.

ކޮންމެގޮތެއް ވިޔަސް މިފިލްމުގެ ވާހަކަ ކަމުނުދާކަން އެނގިހުރެ، ފިލްމުކުޅެން ސޮއިކުރީ ޝާހިދެވެ. ނަމަވެސް ފިލްމު ނާކާމިޔާބުވުމުން އެކަންތައް ފިލްމު އުފެއްދި ފަރާތުގެ ބޮލުގައި އެޅުވުމުގެ ބޭނުމެއް ނެތެވެ.

ފިލްމު ރިލީޒްކުރި ދުވަހު ބޮޑު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބުނު ކަމުގައި ވިޔަސް ދެވަނަ ދުވަހުން ފެށިގެން ފިލްމުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.މިފިލްމުގެ ވިޔަފާރި ފުރަތަމަ ހަފްތާ ބަންދުގައި އެހާ ބޮޑަށް ދަށްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ފާޑުކިޔުންތެރިން ފިލްމަށް އިންތިހާއަށް ފާޑުކިޔާފައި ވުމުން ފިލްމު ބަލަން މީހުން ސިނަމާތަކަށް ނުވަނުމެވެ. އަދި "ކުއީން" ފަދަ މޮޅި ފިލްމުގެ އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ވިކާސް ބަލް ޑައިރެކްޓްކޮށްފައިވާ ފިލްމެކޭ ބުނާވަރުވެސް ނުވާކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އުންމީދުކުރި ގޮތަށް މިފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީ މާބޮޑު ނޫންކަމުގައި ވިޔަސް، މިފިލްމު ވަނީ މިހާތަނަށް ނިކުތް ޝާހިދު ކަޕޫރުގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެބޮޑު އާމްދަނީ އެއް ލިބިގެން ދިޔަ ފިލްމެވެ.

ޑެސްޓިނޭޝަން ވެޑިންގެ ގޮތުގައި ބިނާކޮށްފައިވާ މިފިލްމަކީ ނިދަން އުނދަގޫ ދެމީހަކު ބައްދަލުވެ، އެކަކު އަނެކަކު ދެކެ ލޯބިވެ އެލޯބި އިންތިހާއަށް އުފުލިގެންދާ ގޮތެވެ. މިފިލްމުގެ މުހިންމު ރޯލުން ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރާއި އެއްބަފާ ކޮއްކޮ ސަނާ ކަޕޫރު ފެނިގެންދެ އެވެ.