އެތުލެޓިކޯ މެޑްރިޑް

ސުއަރޭޒްގެ ލަނޑުން އެތުލެޓިކޯ މަގާމު ދަމަހައްޓައިފި

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގެ ފަހު ވަގުތުގައި، ލުއިސް ސުއަރޭޒް ކާމިޔާބު ކުރި ލަނޑުން، އެއް ވަނަ މަގާމު އެތުލެޓިކޯ މެޑްރިޑް ދަމަހައްޓައިފި އެވެ.

މެޗު އެއްވަރުވި ނަމަ، އެއްވަނައިގައި އޮންނާނީ ވާދަވެރި ރެއާލް މެޑްރިޑެވެ. އެހެން ނަމަވެސް ސުއަރޭޒް ވަނީ މެޗުގެ 90 ވަނަ މިނެޓްގައި ޔޯއާ ފެލިކްސް ތަނަވަސް ކޮށްދިން ފުރުސަތަކުން އެތުލެޓިކޯ މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީއެތުލެޓީން އިންނެވެ. އެ ޓީމުގެ ލަނޑު 41 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާކޯސް ޔުރެންޓޭ އެވެ. ދެ ވަނަ ހާފުގެ ފަހު ކޮޅު އަލްވޭޒްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ 63 ވަަނަ މިނެޓްގައި އެ ޓީމުގެ ޑިފެންޑަރު ލަގާޑިއާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

އަލްވޭޒްއިން ނަތީޖާ ހަމަހަމަ ކުރީ، 84 ވަނަ މިނެޓްގައި އެތުލެޓިކޯގެ ޑިފެންޑަރު ފިލިޕޭ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ބާސެލޯނާ ވެސް ވަނީ ހުއެސްކާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ފަސް ވަނަ އަށް ޖެހިލާފަ އެވެ. ބާސާގެ ލަނޑު ކާމިޔާބު ކުރީ ފްރެންކީ ޑިޔޯންގް އެވެ.