ވިޔަފާރި

ޖާގަ ފުރިގެން ހުޅުމާލޭގައި ވަގުތީ މުދާ ބަހައްޓަން ޖާގަ ދިނުން ހުއްޓާލައިފި

Jan 4, 2021
3

ހުޅުމާލެއަށް ވަގުތީ ގޮތުން ގެންދާ މުދާ ބަހައްޓަން ބިމާއި ކޮންޓެއިނާ ކުއްޔަށް ދޭން، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލި ފުރުސަތު ބަންދު ކޮށްފި އެވެ.

ހުޅުމާލޭގައި މަސައްކަތް ކުރާ ފަރާތްތަކުން ވަގުތީ ގޮތުން ގެންދާ މުދާ ބަހައްޓަން އެޗްޑީސީން ޖާގަ ދޫކުރަން ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަދި މި ފުރުސަތު ހުޅުވާލުމާއެކު ގިނަ ބަޔަކު ވަނީ އެކަމަށް ކުރިމަތިލާފަ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ތަންތަނުން ކުއްޔަށް ދޫކުރަނީ ފޯމު ހުށަހަޅާ ތަރުތީބުން ޖާގަ ހުރި މިންވަރަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް މި ވަގުތު މި ކަމަށް ކަނޑައަޅާފައިވާ ޖާގަ އާއި ބިން ހުރި މިންވަރަކަށް ވުރެ އިތުރަށް ފޯމު ލިބިފައިވާތީ މި ވަގުތަށް ފޯމު ބަލައިގަތުން ހުއްޓާލާފައިވާ ކަމަށެވެ.

އެޗްޑީސީ އިން އިތުރަށް ބުނެފައިވާ ގޮތުގައި ކުރި އަށް އޮތްތަނުގައި އެ ތަންތަނުން ޖާގަ ހުސްވަމުންދާ މިންވަރަކުން ޖާގަ ދެމުން ގެންދާނެ ކަމަށެވެ.

އާބާދީގައި 80،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގެ އިތުރުން އިންޑަސްޓްރިއަލް ގިނަ މަސައްކަތް ތަކެއް ކުރަންވެސް ބޮޑު ސަރަހައްދެއް ދޫކޮށްފައިވެ އެވެ. މި ސަރަހައްދުގައި މަސްވެރިކަމާއި ވަޑާން އަދި ވެލްޓިންގެ އިތުރުން ގުދަން ކުރުން ފަދަ ބޮޑެތި އިންޑަސްޓްރިއަލް ގިނަ މަސައްކަތްތަކެއް ކުރެ އެވެ.