ހަބަރު

ކުއްލި ހާލަތު އިތުރުކުރުމުން މާޗް ހައެއްގައި އިންތިހާބު ނުބޭއްވޭނެ

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު އިތުރުކުރުމާ ގުޅިގެން، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އިސީ)އިން ބުނެފި އެވެ.

މި އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ.

އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

މިހާރު އިންތިހާބު ބާއްވަން ލަފާކޮށްފަ ވަނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށް ވާއިރު އީސީން ތަކުރާރުކޮށް ބުނަމުން އަންނަނީ މާދަމާގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ނަމަވެސް، އިންތިހާބު ބޭއްވުމަށް އިދާރީ ހުރިހާ ތައްޔާރީތައް ނިންމައި، އިންތިހާބު ބޭއްވުމާ ގުޅޭގޮތުން އެޗްޕީއޭއާއެކު މަޝްވަރާކުރަމުން އަންނަނިކޮށް، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު އަވަސް އަށް ވިދާޅުވީ، ކުއްލި ހާލަތު އިތުރުކުރުމުން، މިހާރު އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި ދެން އިންތިހާު ނުބޭއްވޭނެ ކަމަށެވެ.

"މީގެ މާނައަކީ، މިހާރު އިންތިހާބު ބާއްވަން އަޅުގަނޑުމެން ކަނޑައެޅި ތާރިހުގައި އިންތިހާބު ދެން ނުބޭއްވޭނެ. މާޗް ހައެއްގައި ދެން އިންތިހާބެއް ނުބޭއްވޭނެ. ދެން ބުދަ ދުވަހު އޮންނަ [އީސީގެ] ބައްދަލުވުމުގައި އަޅުގަނޑުމެން ދެން ކުރިއަށްދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާންކޮށްފައިވާއިރު، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައި އެވެ.

މާޗް މަހު އިންތިހާބު ބޭއްވުމަށްޓަކައި، އެންމެ ލަސްވެގެން މާދަމާ ކުއްލި ހާލަތު އުވާލަންޖެހެނީ، އެހެން ގާނޫނުތަކުން ލާޒިކުރާ މުއްދަތުތަކެއް ހުންނާތީ ކަމަށް އެ ކޮމިޝަނުން އިތުރަށް ބުނެފައިވެ އެވެ.

މިގޮތުން، ވޯޓުލާ މީހުން ރީރަޖިސްޓާ ކުރުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުން ފަދަ ކަންކަމަށް މަދުވެގެން 45 ދުވަސް ބޭނުންވާއިރު، ކެމްޕެއިނަށް ވެސް މަހެއްހާ ދުވަސް ދޭން ގާނޫނުން ލާޒިމްކުރެ އެވެ.

އަދި އެއީ އިންތިހާބަށް މުވައްޒަފުން ނަގައި ތަމްރީން ކުރުމަށް ބޭނުންވާ 15 އަށް ވުރެ ގިނަ ދުވަސް ނުހިމަނައި އެވެ.

ކޮވިޑް-19 އިގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ނުދެވުމަކީ ވެސް އިންތިހާބު ބޭއްވުމަށް އީސީއަށް ކުރިމަތިވެފައިވާ އިތުރު ހުރަހެކެވެ

އިތުރަށް ވިދާޅުވީ އެ ފުރުސަތު ފަހިކޮށް ނުދީ އިންތިހާބު ބާއްވައިފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންތިހާބު ބާތިލު ކުރުމުގެ ފުރުސަތު ވާދަކުރާ ކެންޑިޑޭޓަކަށް ފަހިވެގެން ދާނެ ކަމަށެވެ.

އެ މުއްދަތުތަކަށް ބަލާއިރު، މިހާރު ޗުއްޓީގައި އޮތް މަޖިލިސް އަންނަ މަހު އަލުން މަސައްކަތްތައް ފަށާއިރު، ކުއްލި ހާލަތުގެ ތެރޭގައި އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރުން ނޫނީ، ގާނޫނުގައި އިންތިހާބު ބާއްވަންޖެހޭ ތާރީހު އިތުރުކޮށް، އަނެއްކާވެސް ކައުންސިލް އިންތިހާބު އިތުރަށް ފަސްކުރަން ޖެހޭނެ އެވެ.