ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އަބޫދާބީގެ ވަލީއަހުދު އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލްވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އަބޫދާބީގައި ވަލީއަހުދުގެ ރަސްމީ ގެކޮޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ވަލީއަހުދު ވަނީ ދެ ގައުމުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. ރައީސް ސޯލިހް ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި އެހެން ގައުމުތަކާ ގުޅިގެން ޔޫއޭއީއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ ކަމުގައެވެ. އަދި އެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމުގައި ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި އިޖާދީ ވިސްނުންތައް ބޭނުންކޮށްގެން ޔޫއޭއީގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ.
ރައީސް ވަނީ ޔޫއޭއީގެ އެހީތެރިކަން ފާހަގަ ކުރައްވާ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ޔޫއޭއީގެ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި، ހިނގަމުންދާ މަޝްރޫއުތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫއޭއީގެ ވަލީއަހުދު ވިދާޅުވީ، އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ގައުމުން ދެމި އޮންނާނެ ކަމުގައެވެ. އަދި މަސްވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެ ގައުމުން ތައްޔާރަށް އޮތް ކަމަށެވެ.
1970 ގެ ފަހުކޮޅުން ފެށިގެން ޔޫއޭއީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ.