ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑާ، ޑެލީ އަލީ ޓީމު ދޫކޮށްލަން، ބޭނުން ނުވާކަން އެ ކުލަބުން ހާމަ ކޮށްފި އެވެ.
ހޯޒޭ މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން އަލީއަށް، ޓީމުން އެކަށީގެންވާ ފުރުސަތު ނުލިބޭތީ އޭނާ ޓީމު ދޫކޮށްލާ ވާހަކަ ވަނީ ގަދަ ވެފަ އެވެ. ހާއްސަ ކޮށް ޓޮޓެންހަމްގައި ކުރިން އަލީ އަށް ކޯޗް ކޮށްދިން މައުރީޝިއޯ ޕޮޗެޓީނޯ، ޕީއެސްޖީގެ ކޯޗް ކަމާ ހަވާލުވި ފަހުން، މިހާރު ފަށާފައިވާ ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި އަލީ ޕީއެސްޖީއަށް ބަދަލު ވާން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ.
މޮރީނިއޯގެ އެއް މިޑްފީލްޑާ ޖިއޮވާނީ ލޮސެލްސޯގެ ފަލަމަސްގަނޑަށް އަނިޔާވުމުން، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ވަނީ ޖެހިފަ އެވެ. އަލީގެ މުހިންމުކަން އަނެއްކާ ވެސް ޓީމަށް ބޮޑުވީ އެވެ.
ލޮސެލްސޯ އަށް އަނިޔާ ވުމުން، މޮރީނިއޯ ވަނީ ލީގް ކަޕްގެ ކުއާޓާ ފައިނަލުގައި މިދިޔަ މަހު ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ފުރަތަމަ 11 އިން އަލީއަށް ފުރުސަތު ދީފަ އެވެ.
މިދިޔަ ބުދަ ދުވަހު ފުލަމް އާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ފުރަތަމަ 11 އިން ވެސް އަލީ އަށް ފުރުސަތު ދޭ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް މެޗު ފަށަން ތިން ގަޑިއރަށް ވެފައި ވަނިކޮށް މެޗު ކެންސލަް ކުރަން ޕްރިމިއާ ލީގުން ނިންމީ ފުލަމްގެ ޓިމަށް ކޮވިޑްގެ އަސަރު ކުރުމުންނެވެ.
އެހެންނަމަ، އެ މެޗު ވެގެން ދާނީ ލީގްގެ ފުރަތަމަ ހަފުތާގައި އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުން ލީގްގެ މެޗެއްގައި ފުރަތަމަ 11 އިން އަލީ އަށް ފުރުސަތު ދޭނެ ފުރަތަމަ މެޗަށެވެ. އެހެންމަވެސް ހޮނިހިރު ދުވަހު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި މޮރީނިއޯ ވަނީ އަލީގެ ބަދަލުގައި ހެރީ ވިންކްސް އަށް ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ.