މާރިޔާ އަހުމަދު ދީދީ

ސިފައިންގެ ފަސް މީހަކުން ތިން މީހަކަށް އިތުރު ތަމްރީން

މިދިޔަ އަހަރުގެ ތެރޭގައި ސިފައިންގެ ކޮންމެ ފަސް މީހެއްގެ ތެރެއިން ތިން މީހަކު ކޮންމެވެސް އެއް ދާއިރާއަކުން ތަމްރީނުކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިން ނެރޭ އައްޑަނަ މަޖައްލާއަށް މި ހަފްތާގައި ލިޔުއްވި ލިޔުއްވުމުގައި މިނިސްޓަރު ވަނީ ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތާއި ގުޅޭގޮތުން ލިޔުއްވާފައެވެ. އެކަމަނާ ވިދާޅުވީ ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުވމަކީ މި ސަރުކާރުގެ މުހިންމު ވައުދެއް އަދި އަމާޒެއް ކަމަށެވެ. އެ ދާއިރާއިން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2020 ވަނަ އަހަރު ސިފައިންގެ ކޮންމެ ފަސް މީހެއްގެ ތެރެއިން ތިން މީހަކު ކޮންމެވެސް އެއް ދާއިރާއަކުން ތަމްރީނުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މުޅި ދުނިޔެއާ ރާއްޖެ، ކޮވިޑް19ގެ ބަލިމަޑުކަމާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، މުޅި އަހަރު ނިންމާލަން ޖެހުނު ނަމަވެސް ގައުމީ ހިދުމަތުގައި އިތުރު އަހަރެއް ހަޔާތުން ހޭދަކުރެވުނުކަމުގެ ހިތްހަމަޖެހުމާއި ހިނިތުންވުން ސިފައިންނަށް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ އުފާވަނީ ފާއިތުވެގެން ދިޔަ އަހަރަކީ ސިފައިންގެ އިޖްތިމާއީ ހިދުމަތް ނުހަނު ފުޅާދާއިރާއެއްގައި ހިންގި، ރައްޔިތުންގެ އިތުބާރާއި ލޯބި ސިފައިންނަށް އިތުރުވެގެން ދިޔަ އަހަރަކަށް، މިދިޔަ އަހަރު ވެފައިވުމުން. ސިފައިންގެ ގާނޫނީ އޮނިގަނޑަށް ޒަމާނާ ގުޅޭ ބޮޑެތި ބަދަލުތަކެއް ގެނައުމާއި ޒަމާނީ އާލާތްތަކަށް އަހުލުވެރި ލަޝްކަރެއްގެ ގޮތުގައި ދެމިތިބުމަށް ސިފައިންނަށް އުގަންނާދިނުމުގެ ސިލްސިލާ ތަމްރީންތަކާއި ކޯސްތައް މިދިޔަ އަހަރުން ވަނީ ކުރިއަށް ގެންދެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ސިފައިންގެ ފޯސް ފެންނަނީ ޕްރޮފެޝަނަލް ފޯސް އެއްގެ ގޮތުގައި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވަނިކޮށް ކަމަށެވެ.