ވާހަކަ

ހާލަތު

ދިރިއުޅުމަކީ އަޑިގުޑަން ގިނަ ރާސްތާއެކެވެ. އެކި މީހުންނަށް ކުރިމަތިވާނީ އެކި ކަމެވެ. އެކި ގޮތެވެ. މާދަމާ ކަންތައް ވާނެ ގޮތް އެކަކަށް ވެސް ނޭނގޭނެއެވެ. ސިކުންތެއްގެ ތެރޭގައި މުޅި ދުނިޔެ އެ ފުށް މިފުށަށް ޖެހިދާނެއެވެ. ވިސްނުމާއި ފިކުރުގެ މިސްރާބު ބަދަލުކުރާން މަޖުބޫރު ވެދާނެއެވެ. ފިރުމުންތަކާއި އޯގާތެރިކަމުގެ އަތްތައް ގެއްލިދާނެއެވެ. ހުރިހާ ކަމަކަށް ވެސް މެދުވެރި ވާނީ އެންމެ ކަމެކެވެ. މަދު ވަގުތު ކޮޅެކެވެ. އެއީ ހާލަތެވެ. ހާލަތުގެ އަތުން ދިރިއުޅުމުގައި ފިރުމާލާނީ ކޮން ވަގުތެއްގައި ކަމެއް ނޭނގޭނެއެވެ. ހާލަތުގެ އަތްތިލައިގެ ފިރުމުން ވޭނަކަށް ވާނީ ކިހިނެއް ކަމެއް ނޭނގޭނެއެވެ.

އަހަންނަށް ވެސްވީ އެހެންނެވެ. ހާލަތު އަހަރެން ގެންގޮސް ދޫކޮށްލީ މަރާއި ދިރުމާ ދެމެދުގައިވާ ހަނިހަނި ގޯޅިއަކަށެވެ. އަހަންނަށް މަޖުބޫރުވީ ހާލަތަށް ފެތޭށެވެ. ހާލަތަށް އަޅުވެތި ނުވާށެވެ. ލިބުނީ މަދު ވަގުތުކޮޅެކެވެ. ކުޑަ ފުރުސަތެކެވެ. އިންސައްތައެއްގެ ބައި ކުޅަބަޔެވެ. އެއީ މަރާއި ދިރުމެވެ. އާއެކެވެ. އަހަރެންގެ ވާހަކަ ފެށެނީ މިހައި ހިސާބުންނެވެ. ނަމަވެސް، މިއީ މި ވާހަކައިގެ ނިމޭ ހިސާބު ވެސް މެއެވެ.

ދަރިއަކަށް ޓަކައި އަހަރެން ވެސް ފޮނި އުއްމީދުތަކެއް ކުރީމެވެ. ހުވަފެންތަކެއް ދުށީމެވެ. ރޭވުންތަކެއް ރޭވީމެވެ. ކާވެންޏަށް ފަސް އަހަރު ފުރުނުއިރު ވެސް ދަރިއަކަށް އޮތް މަގާމު އޮތީ ހުހަށެވެ. ދެމަފިރިންގެ ދެމެދުގައި އުފެދޭ ކުދިކުދި މައްސަލަތައް ފެންމަތިވުމުގެ އަސްލަކަށް ވެސްވީ އެކަމެވެ. ބައެއް ފަހަރަށް ފަރީޝާއަށް ޝައްކުގެ ނަޒަރުން އަހަންނަށް ބެލެން ވެސް ފެށުނީ އެހެން ވީމައެވެ. ޑޮކުޓަރުންނަށް އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވުމުންނެވެ.

"ﷲގެ ތަނަވަސް ރަހުމަތުން އަހަރުމެންގެ އުއްމީދުތައް ފުރިހަމަވާނެ އަދި." އަހަރެންގެ މޭގައި ބޯ އަޅައިގެން އޮވެ ފަރީޝާގެ ހިމަހޯލި އިނގިލިތަކުން މޭގައި ފިރުމަމުން ބުނެލިއެވެ.

"ދެން ކީއްވެ މިހެން ވާންވީ؟ އަހަންނަށް ޑޮކުޓަރުން އެ ދައްކާ ވާހަކައެއް ގަބޫލެއް ނުކުރެވޭ." ފަރީޝާގެ އިސްތަށިގަނޑުގައި އަހަރެންގެ އިނގިލިން ފުނާ އަޅަމުން ބުނެލީމެވެ.

"ހަގީގަތުގައި ހުރިހާ ވެސް އެއްޗަކީ ހިތް. މީހާގެ ހިތް ހަމަޖެހުމާ ދިރިއުޅުމުގެ އުފާތަކާއި ވާނީ ގުޅި ލާމެހިފަ." ފަރީޝާ ހިނިތުންވެލިއެވެ.

"މާނައަކީ؟" އަހަންނަށް ވިސްނައިލަން އުނދަގޫވިއެވެ.

"ޑޮކުޓަރު ބުންޏެއްނު. މާބޮޑަށް ހާސްވެ ކަންބޮޑުވުމާ، ކަންކަމާ ފިކުރު ބޮޑުވުމާއި މާ ބޮޑަށް ސްޓްރެސް ވުމަކީ ވެސް އެކަމަށް ހުރަސް އެޅޭ ކަންކަމޭ. އޯވާ ސްޓްރެސް ވުމަކީ ހޯމޯން އިންބެލެންސްވުމަށް މެދުވެރިވާ ކަންކަމޭ. އަދި އެކްސާސައިޒް ނުކުރުމަކީ ވެސް،" ފަރީޝާ ލަފުޒުތަކަށް ބާރުލަމުން ބުނެލިއެވެ. "އަހަންނަށް ވެސް މިކަމާ މާ ބޮޑަށް ވިސްނޭ. ފިކުރު ކުރެވޭ. މަގުމަތިން ކުއްޖަކު ފެނުނަސް ބެލޭ. ހިތުގައި ޖެހޭ."

"ނުވިސްނަމޭ ބުނާކަށް ވެސް ނުވާނެ. އަހަންނަށް ވެސް ތާބައަދު ކުރެވޭ ފިކުރަކީ ތީ. މިކަމާ އުޅޭތާ ތިން އަހަރު ވަނީވިއްޔާދޯ! ޑޮކުޓަރުންނަށް ދެއްކިއްޖެ. ބޭސް ކުރެވިއްޖެ. އެކަމަކު ނަތީޖާއެއް ނުފެނުނު. ލިބުނުހާ ލާރިއެއް ހުސްވީ މިކަމަށް. މިހާރު އުއްމީދު ކެނޑޭވަރު ވެއްޖެ. މާޔޫސްވާ ގޮތް ވެއްޖެ." އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"އެބައޮތް ގޮތެއް؟" ފަރީޝާ ލަސްލަހުން ބުނެލިއެވެ.

"ކޮބާ؟" އަހަންނަށް އަވަސް އަވަހަށް އަހައިލެވުނެވެ.

"ޔާސިރު ދެވަނަ ކާންވެންޏެއް ކުރުން." ފަރީޝާ އަޑުގައި ކުރެހުނެވެ.

"ތީ ފަރީ ހިތުން ރުހުމުން ބުނި ވާހަކައެއްތަ؟" އަހަންނަށް އަހައިލެވުނެވެ.

"ހިތުގައި އަތް އަޅައިފަ ވެސް އަހަރެން ބޭނުންވަނީ ދިރިއުޅުން ބާއްޖަވެރިވާނެ މަގެއް ކޮށަން." ފަރީޝާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބުނެލިއެވެ.

ފަރީޝާގެ ވިސްނުމާ އަހަންނަށް އެއް ބަހެއް ނުވެވުނެވެ. ދެވަނަ ކާވެންޏެއް ކޮށްފިނަމަ ދެން ކަންތައް ވެގެންދާނެ ގޮތް އަހަންނަށް ވިސްނޭތީއެވެ. ދެވަނަ ކާވެންޏަކާއެކު ބާކީވެގެންދާނީ ކާކުކަން ވެސް ވިސްނޭތީއެވެ. އެކާވެންޏަށް ދަރިން ލިބިއްޖެ ނަމަ ފަރީޝާއަށް ކުރާނެ އަސަރާއި އަޅާނެ ވޭން ވެސް އިހުސާސް ކުރެވޭތީއެވެ. އޭނާ ބާކީވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ނޫނަސް ޑޮކުޓަރުން ދައްކަނީ އުއްމީދީ ވާހަކަތަކެކެވެ.

"އަހަރެން ދަތުރު ފެށީ އެކީގައި ކުރިއަށްދާން. ދިރިއުޅުމުގެ ދަތުރު ދެބައިވާއިރަށް ޓްރާންޝިޓް ޕޮއިންޓަށް ފަރީ ބާކީކޮށް ދޫކޮށްލައިފަ އަހަރެން އުފާކުރާކަށް ނޫން." ފުން ނޭވާއެއް ދޫކޮށްލަމުން ދެ ލޯ މަރައިލީމެވެ.

ހަފުތާއެއް ފަހެވެ. ތަންކޮޅެއް ލަހުން ގެއަށް އާދެވުނު ދުވަހެކެވެ. ޓައީއަށް ދޫކޮށްލަމުން އަތުގައި ހުރި ދަބަސް ސޯފާގައި ބަހައްޓައިލީމެވެ. އެއް ފައިން އިސްޓާކީނު ދަމައިގަތް އިރަށް ކަންފަތުގައި ޖެހުނު އަޑާއެކު ދެ ލޯ ބޮޑުވިއެވެ. ހައިރާންވެ ހުރެ، އިވެމުން ދިޔަ އަޑާމެދު ވިސްނައިލީމެވެ. އެއީ ފަރީޝާގެ އަޑުކަން ޔަގީންކުރެވުނުވެ. އަވަސް އަވަސް ކޮށްލައިގެން ކޮޓަރިއާ ދިމާއަށް ދެވުނެވެ. ދުވެފައިދާ ކަހަލަ ގޮތަކަށެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދާއެކު މޭގެ ތެޅުން އަވަސްވަމުން ދިޔައެވެ. އޭރުވެސް ފަރީޝާގެ އަޑު އިވެމުން ދިޔައެވެ.

އަހަރެން ކޮޓަރިއަށް ވަދެ ފާޚާނާއާ ދިމާ ބަލައިލީމެވެ. ފަރީޝާ ފާޚާނާއިން ނުކުންނަނީއެވެ. އަނގަމަތި އަތުގެ ނުފުށުން ފޮހެލަމުންނެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ މޫނަށެވެ. އޭނާގެ ބޮލުގެ އިސްތަށިތައް ހުރީ މޫނުގައި ތަތްވެފައެވެ. ބައެއް އިސްތަށި ވަޔާ ވިހުރެމުން ދިޔައެވެ. ފަރީޝާ ވެސް ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން މޫނުމަތީގައި ހިނިތުންވުމެއް ކުރަހާލިއެވެ. ލޮލާއި މޫނުމަތީގައި އެ ހިނިތުންވުން އަތްގަދަކޮށްލިއެވެ.

"ރަނގަޅަށްތަ މި ވިސްނުނީ؟" އަހަންނަށް ދުވެފައި ކަހަލަ ގޮތަކަށް ފަރީޝާއާ ދިމާ ދެވުނެވެ.

"އާނ! އަހަންނަށް ޝައްކު ވެގެން އަމިއްލައަށް ކިޓެއް ގަނެގެން ދެފަހަރަކު ޗެކު ވެސް ކޮށްފިން،" ފަރީޝާ އަހަރެންގެ ގައިގައި ބައްދާލިއެވެ. "އަލްހަމްދުﷲ، ދެ ފަހަރު ވެސް ޕޮޒިޓިވް."

"އަލްހަމްދުﷲ. ﷲ އަހަރުމެންގެ ދުޢާ އިޖާބަކުރައްވައިފި،" އަހަންނަށް ހަމުދަށް އަތްނެގުނެވެ. "ވަރަށް، ވަރަށް އުފާވެއްޖެ."

އެ ދުވަސް ވެގެންދިޔައީ ހަޔާތަށް ލިބުނު އުފާވެރި ދުވަސްތަކުގެ ތެރެއިން އެއް ދުވަހަށެވެ. އެތައް ދުވަހެއްގެ ފޮނި އުއްމީދުތަކުގައި ކުލަޖެހުނު ދުވަހަށެވެ. އާއެކެވެ. އެއީ އަހަރުމެންގެ އަލަތު ދަރިފުޅު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު ލިބުނު ދުވަހެވެ. ކިޓްތަކުން ފެނުނު ނަތީޖާ އިތުރަށް ޔަގީންކުރާން ހަމަ އެރޭ ޑޮކުޓަރަށް ދައްކާ ޓެސްޓު ކުރީމެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. އެއް ޚަބަރެކެވެ.

ދަރިއަކަށް ޓަކައި ކުރި އިންތިޒާރުގެ ނިމުމެއް އަންނަންވާއިރަށް ޒިންމާތައް އިތުރުވެ ދިރިއުޅުމުގެ ބުރަ، ބަރު ދުވަސްތަކާ ކުރިމަތިލާން ޖެހުނެވެ. ވަޒީފާގެ މަސްއޫލިއްޔަތު ގިނަވެ ޒިންމާތައް އިތުރުވެގެން ދިޔައެވެ. ގެއަށް ވަދެވޭ ވަގުތު މަދުވެ އަބަދު މަސައްކަތުގައި އުޅޭން މަޖުބޫރުވިއެވެ. އެކަމާ ފަރީޝާ ޝަކުވާއެއް ނުކުރެއެވެ. ބަހެއް ނުބުނެއެވެ. ގެއަށް ވަންނަ އިރު މަރުހަބާ ކިޔަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ދައްކަނީ ފޮނި އުއްމީދުތަކުގެ ވާހަކައެވެ. ބަނޑަށް ވާ ގޮތްތަކުގެ ވާހަކައެވެ. މާބަނޑުވުމުން ކުރެވޭ އިހުސާސްތަކުގެ ވާހަކައެވެ. ދަރިފުޅާމެދު ދެކެމުންދާ ހުވަފެންތަކުގެ ވާހަކަތަކެވެ.

ބަނޑަށް އަތް ނުފޯރާ ވަރުވެގެން ދިޔަ އިރު ވެސް އޭނާގެ މަސައްކަތަކަށް ލުޔެއް ބޭނުމެއް ނުވިއެވެ. އަރާމުކުރާކަށް ބޭނުމެއް ނުވިއެވެ. އަހަރެން އަމިއްލައަށް ކަންކަން ކުރާން އުޅުނަސް އެކަން މަނާކުރާނީ އޭނާއެވެ. ދޮވެ އިސްތިރި ކުރުމާއި ގޭތެރެ ފޮޅާ ސާފުކުރަނީ ފަރީޝާއެވެ. ކެއުމަކަށް ކެއްކުމަކަށް ބަދަލެއް ނާދެއެވެ.

"ފަހު ސްކޭނުކުރާން އެޕޮއިންޓްމަންޓް ހަދައިފަ އޮންނާނީ. މިރޭ ތަންކޮޅެއް އަވަހަށް ދާނަން. އަށެއް ޖަހާކަންހާއިރު ޑޮކުޓަރު ބައްލަވަން ފައްޓާނެ." ފޯނުން ގުޅައި ފަރީޝާއަށް ތައްޔާރުވުމަށް އިރުޝާދު ދިނީމެވެ.

އަހަންނާއި ފަރީޝާ ތިބީ ޑޮކުޓަރު ކޮޓަރީގައެވެ. ސްކޭނު ކުރަން ހާއްސަކޮށްފައިވާ އެނދުގައި ފަރީޝާ އޮށޯވެލުމުން އަހަންނަށް ޑޮކުޓަރު ދެއްކި ގޮނޑީގައި އިށީނދެލީމެވެ. ފަރީޝާ އަހަންނާ ދިމާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. ބަދަލުގައި އަހަރެން ވެސް ހިނިތުންވެލީމެވެ.

"އަލަތު ދަރިފުޅުތޯ؟" ސާފު ދިވެހި ބަހުން ޑޮކުޓަރު ސުވާލުކޮށްލިއެވެ.

"އާދެ،" ޖަވާބުދިނީ އަހަރެންނެވެ. "ކިހިނެއްތޯވީ؟"

"އަހައިލީ. އަލަތު ދަރިފުޅުވީމަ ޖިންސު ބަލަން ޝައުޤުވެރިވާނެ. އެކަމަކު، ކުރިން ޖިންސު އެނގިފަ އޮތީމަ ސަސްޕެންސެއް ނުހުންނާނެ. މި ބުނީ ކުރެވޭ އިންތިޒާރަށް ބަދަލު އާދެއޭ،" ޑޮކުޓަރު ހިނިތުންވެލިއެވެ. "އެކަމަކު ތައްޔާރީތައް ވުމަށް ވެސް ފަސޭހަވޭދޯ ކުރިން ޖިންސު އެނގިފައި އޮތުމުން. ހަމައެއާ އެއްވަރަށް މައްސަލަތައް ވެސް ކުރިމަތިވެފައި އޮންނަނީ. ކުރިން ޖިންސު އެނގުމުން ވިހެއުމުގެ ކުރީން ޑިވޯސްއާ ހަމައަށް ގޮސް ވެސް އެބަހުރި. ރާއްޖޭގައި މި ޒާތުގެ ކަންކަން އެބަ ހިނގާ. އެހެންވެ މިހާރު އެކަން ވެސް މަނާކަމެއް ކަމަށް ނިންމާން ޖެހެނީ ވެސް."

"އަޅުގަނޑުމެންނަށް ޖިންސު މުހިއްމެއް ނޫން. ބޭނުންމީ ކުއްޖެއް. ދަރިއެއް. ބޭބީއެއް." އަހަރެން ބަލައިލީ ސީދާ ފަރީޝާގެ މޫނަށެވެ.

އެއީ އަހަރުމެން އަބަދުވެސް ދައްކާ ވާހަކައެކެވެ. ކޮންމެ ކަހަލަ ކުއްޖަކު ލިބުނަސް އަހަރުމެންގެ ފަރުވާލެއް ނެތެވެ. ބޭނުންވަނީ ދަރިއެކެވެ. ދަރީންނެވެ.

"ބޭބީ ތްރީޑީކޮށް ދައްކާލާނަން." ފަރީޝާގެ ބަނޑުގައި ޖެލް ހާކައިލަމުން ޑޮކުޓަރު އިޝާރާތްކޮށްލީ ކުރިމަތީގައި ހުރި ސްކުރީނަށެވެ.

"ކުލަވާނެތޯ؟" ދަރިފުޅު ދެކޭ ހިތުން އަހަރެންގެ ކެތްތެރިކަން ކޮޅުން ލިޔެވެ.

"މިއޮތީ މޫނުކޮޅު، އަތްފައި؟" ދަރިފުޅުގެ އެކި ގުނަވަންތައް ވަކިވަކިން ދައްކަމުން ޑޮކުޓަރު އޮޅުން ފިލުވާދިނެވެ.
"މައްސަލައެއް ނެތް. ހަމަ ނޯމަލްކޮށް ފެންނަނީ." ޑޮކުޓަރު ހިނިތުންވެލިއެވެ.

ދެހަފުތާ ފަހެވެ. ހޮސްޕިޓަލުގެ މާބަނޑުމީހުންނަށް ހާއްސަ ބައިގައި އަހަންނަށް ހިނގައިގަލަ ހިނގާލައި ހުރެވުނެވެ. އަލަތު ދަރިފުޅުގެ ރުއިމުގެ އަޑު އަހައިލާ ހިތުންނެވެ. ދަރިފުޅު ދެކިލާ ހިތުންނެވެ. ލޯބިން ބޮސްދޭ ހިތުންނެވެ. އިނގިލިތަކުގައި ފިރުމާލާ ހިތުންނެވެ. އިރުކޮޅުކޮޅުން ފަރީޝާގެ ހާލަތު ބަލައިލެވެއެވެ. ނަރުހުން ވެސް އޭނާއަށް ވާނުވާ ބުނެދެއެވެ. އަހަންނަށް ކެތްކުރެވެނީއެއް ނޫނެވެ. ނަމަވެސް އެނޫން ގޮތެއް ނެތެވެ. އެގޮތުގައި އެތައް އިރެއް ފާއިތުވެ ދިޔައެވެ.

އިރުގަނޑެއް ފަހެވެ. ލޭބަރ އިންވެސްޓިގޭޓިވް ޔުނިޓުން ފަރީޝާގެ އެހީތެރިޔާއަށް ގޮވާލިއެވެ. އަހަރެން ދުވެފައި ކަހަލަ ގޮތަކަށް އެދިމާއަށް ދިޔައީމެވެ. ފަރީޝާއަށް ފެންލިބި އިރުގަނޑެއްވީ އިރު ވެސް ނުވިހެވުމުން ދެމައިންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރާއެކު ސިޒޭރިއަން ހެދުމަށް ޑޮކުޓަރުން ލަފާދިނެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ދެމީހުން ވެސް މުހިއްމެވެ. އެހެންވެ ތުރުތުރުއަޅާ ހާލު އަހަރެން ފޯމުގައި ސޮއި ކުރީމެވެ. ފަރީޝާ ސިޒޭރިއަން ހެދުމުގެ މަސައްކަތްތައް ކުރިއަށް ދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށް ނިމުމާއެކު އެކަމާ ނަރުހުންނާއި ޑޮކުޓަރުން އަވަދިނެތި ހަރަކާތްތެރިވާން ފެށިއެވެ.

އަނެއްކާ ވެސް އިންތިޒާރުގެ ވަގުތުތައް ގުނާން ޖެހުނީއެވެ. ހިތް އަތަށް ލައިގެން ދެކޮޅަށް ހިނގައިލަ ހިނގައިލާ ހުރެވުނެވެ. އިރުއިރު ކޮޅާ ނޭފަތް ފޮޅައިލެވެއެވެ. މޫނުމަތީގައި އަތް ޖައްސާލެވެއެވެ. ފަރީޝާގެ އެހީތެރިޔާއަށް ގޮވާލުމުން ދުވެފައި ކަހަލަ ގޮތަކަށް އަހަރެން އެދިމާއަށް ދިޔައީމެވެ. ޑޮކުޓަރުން އަހަރެންގެ ކޮނޑުގައި އަތްބާއްވާލިއެވެ. ކެތްތެރިވުމަށް އެދި ތަކުރާރުކޮށް ނަސޭހަތް ދިނެވެ. ވެގެން އުޅެނީ ކީއްކަމެއް އަހަންނަކަށް ނުވިސްނެއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ސުވާލުގެ ނަޒަރުން ޑޮކުޓަރާ ދިމާއަށް ބަލައިލެވުނެވެ.

"ވެގެން އުޅޭ ގޮތެއް ސާފުކޮށް ބުނެދެއްވަން ވީނުންތޯ؟" އަވަސްއަވަހަށް ބުނެލެވުނެވެ.

އަހަންނަށް ލިބުނީ ހިތި ހަބަރަށްވުރެ ހިތި ޚަބަރެކެވެ. ހަޖަމުކުރާން ދަތި ޚަބަރެކެވެ. އަހަންނަށް ހީވީ ދެފަރާތުން މީހަކު ބޮލުގައި ތަޅައި ގަތްހެންނެވެ. އެއް ކަންފަތުގެ ތެރެއިން ހިކި ހޯލިގަނޑެއް ކޮށްޕާ ގަދަކަމުން އަނެއް ކަންފަތުން ނެރުނެހެންނެވެ. ބޮލުގެ ދެފަރާތުން ދެ ފާރު ޖައްސާ ފިއްތަމުން ދިޔަހެންނެވެ. ހިނދުކޮޅަކަށް މުޅި މަންޒަރު ހުއްޓި އިވެމުން ދިޔަ އަޑުތައް ކެނޑުނެވެ. ކަޅި ޖަހައި ނުލައި އިނދެވުނެވެ. ހީވީ ނޭވާ ހާސްވެ މީހާ ކުޑަވެ ވެލި ފުކަކަށް ބަދަލުވިހެންނެވެ. ކުރެވުނީ އެކަހަލަ އިހުސާސްތަކެކެވެ.

ދެތިން ފަހަރު ޑޮކުޓަރު އަހަންނަށް ގޮވާލިހެން ހީވިއެވެ. ނަމަވެސް އަހަންނަށް އެއްވެސް އަޑެއް ނީވެއެވެ. އެއްވެސް މަންޒަރެއް ނުފެނެއެވެ. ހުރިހާ މަންޒަރެއް ހުންނަނީ ހުދުވެ ފުސްވެފައެވެ. މީހަކު އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ހޭވެރިކަންވީ އެހައި ހިސާބުންނެވެ. ޑޮކުޓަރު އިނީ އަހަރެންނާ ދިމާއަށް ބަލާށެވެ. އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

ޑޮކުޓަރުގެ ނަސޭހަތާއެކު އަހަންނަށް ހަމަ ނޭވާ ދޫކޮށްލެވުނެވެ. ހަމައަކަށް އެޅުނީ އެތައް އިރަކުންނެވެ. އަރުބުޑުގައި ހިތި ރަހަ ލިޔަސް ބައެއް ކާނާ ޖެހޭނީ ދިރުވާލާށެވެ. ހާލަތަށް ޓަކައި ކެތްތެރިކަން އިސްކުރާށެވެ. އަހަރެން ކުރި ފޮނި އިންތިޒާރުގެ ނަތީޖާ ލިބުނީ މަންޒަރުގައި ކުރެހި ގޮތަކަށް ނޫނެވެ. ނަމަވެސް އެ ހަގީގަތާ ކުރިމަތިލީމެވެ. މަރާއި ދިރުމުގެ މެދަށް ވަދެ ކޮޅަށް ތެދުވީމެވެ. ކިތައްމެ ބޭނުން ނުވިނަމަވެސް އެ ހިތި ހަގީގަތް އަހަރެން ގަބޫލުކުރީމެވެ.

އަލަތު ދަރިފުޅު އަތަށް އެރިއެވެ. އަހަންނަށް ބެލުނީ ދަރިފުޅުގެ މޫނަށެވެ. އެއީ ސީދާ އަހަރެންގެ ދެ ލޮލެވެ. ފަރީޝާގެ މޫނެވެ. އޭނާގެ ތުންފަތެވެ. ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ކޯތާފަތަށް އޮހިގެން ދިޔައެވެ. ގަދަކަމުން ހިންދިރުވާލެވުނެވެ. ގެއްލިގެން ދިޔައީ އެ ދަރިފުޅު އެންމެ ބޭނުންވާނެ މީހާއެވެ. ދަރިފުޅަށް ޓަކައި އެންމެ ބޮޑު ގުރުބާނެއްވި މީހާއެވެ. އާއެކެވެ. ފަރީޝާ އެދިޔައީ އަހަރެންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދީފައެވެ. ނަމަވެސް އަހަރެން ރޮއްވާލާފައެވެ. ހިތް ކުދިކުދި ކޮށްލާފައެވެ. ދަރިފުޅާއެކު ދުނިޔެއަށް އެކަނި ކޮށްލާފައެވެ. ޒިންމާތަކަކުން ކޮނޑު ބަރުކޮށްފައެވެ.

އެކި މީހުންގެ ދިރިއުޅުމުގައި ޖެހޭނީ އެކި ކުލައެވެ. އަމިއްލަ އަތުން ކުރަހާ މަންޒަރުގައި ބައެއް ފަހަރު ގުދުރަތުން ކުލަ ޖައްސާ ނިމޭއިރު އޮންނަނީ މަންޒަރު އެއްކޮށް ބަދަލުވެފައެވެ. ކިތައްމެ ބޭނުން ނުވި ނަމަވެސް ދެން ޖެހޭނީ އެ މަންޒަރުގެ ތެރޭގައި އުޅޭށެވެ. ހެޔޮވަރު ނޫނަސް އެ ކޯޓު ވެސް ގަޔަށް ހެޔޮކުރާށެވެ. އަހަންނަށް ވެސް ޖެހުނީ ތަގުދީރުގެ ނިޔާއަށް އިޚުތިރާމުކުރާށެވެ. އަލަތު ދަރިފުޅަށް ޓަކައި މަންޒަރު ކުރެހި އިރު މި ފަދަ ހާލަތެއް އަތުވާނެ ކަމަކަށް އެއްގޮތަކަށް ވެސް އަހަންނަކަށް ނުވިސްނަމެވެ.

މިއީ ކޮންމެ މީހަކު ވެސް ވިސްނައިލަން ޖެހޭ ކަމެކެވެ. ދިރިއުޅުމަކީ ތިމާގެ އިހުތިޔާރުން ބިނާ ކުރާ ގަނޑުވަރެކެވެ. ނަމަވެސް، އެ ގަނޑުވަރު ބިނާކުރުމުގެ ފުރިހަމަ ބާރެއް ތިމާއަކަށް ނޯވެއެވެ. އޮންނަނީ އިހުތިޔާރު ތަކެކެވެ. އަހަރެންގެ ނަސޭހަތަކީ ވެސް އެއީއެވެ. ކަމެއް ރާވާއިރު ހުރިހާ ދިމާއަކަށް ވިސްނުމެވެ. އިހުތިޔާރުތަކާ މެދު ފިކުރުކުރުމެވެ. އެންމެ ގޯސް ހާލަތަށް ހިނގައިދާނެ ކަން ވިސްނުމެވެ. ރޭވުމެވެ. އޭރުން އެފަދަ ހާލަތެއް މެދުވެރިވުމުން އަހަންނަށް ވީހެން ނުވާނެއެވެ. މަންޒަރު ހުދުވެ ކަންފަތް ނުބެދޭނެއެވެ. ހާލަތަށް ފެތި، ހާލަތަށް އަޅުވެއްޗެއް ނުވާނެއެވެ. (ނިމުނީ)