ބޮލީވުޑް

އަދީތިޔާ ޗޯޕްޅާ އާ މައްސަލައެއް ނުޖެހޭ: "ޕްރިތުވީރާޖް"ގެ ޑައިރެކްޓަރު

ޔާޝް ރާޖް ފިލްމްސްގެ ހެޑް އަދިތުޔާ ޗޯޕްޅާ އާއި އެ ފިލްމު ކުންފުނިން އުފައްދާ "ޕްރިތުވީރާޖް" ޑައިރެކްޓްކުރާ ޗަންދުރަޕްރަކާޝް ދިވޭދީ އާ ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހިގެން އުޅޭ ކަމަށް އިންޑީޔާގެ ނޫސްތަކުން އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ. ނަމަވެސް ޑައިރެކްޓަރު ދިވޭދީ ނެރުނު ބަޔާނެއްގައި މި ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ބުނެ އެފަދަ އެއްވެސް ކަމެއް ދިމާވިކަމަށް އިންކާރު ކޮށްފައި ވެއެވެ.

އަކްޝޭ ކުމާރު ބަތަލުގެ ބައި ކުޅޭ މި ފިލްމުގެ ކްރިއޭޓިވް ކަންތައްތަކުގައި ޚިޔާލު ތަފާތުވެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުގެ މެދުގައި ވަރަށް އަރާރުން ހިނގާ ކަމުގެ ޚަބަރުތައް ފެތުރުމުން ޑައިރެކްޓަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ފިލްމުގެ އަގު ވައްޓާލަން ބަޔަކު ފަތުރާ ޕްރޮޕަގެންޑާއެއް ކަމަށެވެ.

"އާދީ (އަދިތުޔާ ޗޯޕްޅާ)އާއި އަހަންނާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް. ދެ މީހުން އެކަކު އަނެކަކަށް ވަރަށް އިހްތިރާމްކުރާ ގުޅުމެއް. ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އާދީ ވަނީ އަހަންނަށް ފިލްމުގެ ހުރިހާ ކްރިއޭޓިވް މަސައްކަތެއްވެސް ކުރުމުގެ ފުރިހަމަ މިނިވަންކަން ދީފައި. އެހެންވެ އަހަރެން މި ފިލްމުގެ މަސައްކަތް ކުރަމުން މިދަނީ އަހަރެންގެ ނަޒަރުގައި "ޕްރިތުވީރާޖް" އޮންނާނެ ގޮތަށް،" ދިވޭދީ ބުންޏެވެ.

"ޕްރިތުވީރާޖް" އަކީ މިސް. ވޯލްޑްގެ ތާޖު ހޯދާފައިވާ އިންޑިޔާގެ ޒުވާން ރީތީގެ ރާނީ މާނޫޝީ ޗިލާ ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން އިއްޔެ ޚަބަރު ފަތުރާފައިވާ ގޮތުގައި "ޕްރިތުވީރާޖް"ގެ މަސައްކަތް ނުނިމެނީސް އަދި ޔާޝް ރާޖް ފިލްމްސް އާ މަޝްވަރާ ކުރުމެއް ނެތި ދިވޭދީ މުޅިން އާ ފިލްމެއް ކަމަށްވާ "ރާމް ސޭތޫ" އިއުލާން ކުރުމުން އަދިތުޔާ ވަނީ ހިތްހަމަނުޖެހިފަ އެވެ. މި ޚަބަރާ ގުޅިގެން "ޕްރިތުވީރާޖް"ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ވެސް ދިވޭދީ އަތުން އަތުލައިފިކަމަށް އިއްޔެ ފެތުރި ޚަބަރުތަކުގައި ބުނެފައި ވެއެވެ. ނަމަވެސް ދިވޭދީ ބުނަނީ މިއީ ވަކި އެޖެންޑާއެއްގެ ދަށުން އޭނާގެ ނަން ޚަރާބުކުރަން ބަޔަކު ކުރާ މަސައްކަތެއް ކަމަށާއި މި ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.