ރެއާލް މެޑްރިޑުން ހުށަހެޅި އާ ކޮންޓްރެކްޓަށް، އެ ކުލަބުގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ލޫކަސް ވަޒްކޭޒް ދެކޮޅު ހަދައިފި އެވެ.
މި ސީޒަންގައި، ރެއާލްގެ ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، މިޑްފީލްޑާ ލުކަ މޮޑްރިޗް ވަނީ، އޭނާ އަށް ކުލަބުން ހުށަހެޅި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަށް އެއްބަސް ވެފަ އެވެ.
ނަމަވެސް، ސްޕެއިންގެ ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރަން އެއްބަސް ނުވީ ކޮންޓްރެކްޓްގެ ހުރި ޓާމްސް ތަކާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
ކޮންޓްރެކްޓް އާ ކުރުމަށް ރާމޯސް އިއުތިރާޒު ކުރާ ސަބަބަކީ ކޮންޓްރެކްޓް ގައިވާ މުއްދަތާ މެދު އެވެ. އޭނާ އަށް ވެސް ހުށަހަޅާފައި ވަނީ އެއް އަހަރު ދުވަހުގެ އެއް ބަސްވުމެކެވެ. އަދި ކޮންޓްރެކްޓް އާ ކުރާއިރުވެސް އޭނާ އަށް ހުށަހަޅާފައި ވަނީ މިހާރުވެސް އޭނާ އަށް ލިބޭ އާމްދަނީ އާ އެއްވަރުގެ މުސާރަ އެކެވެ.
އޭނާގެ މިހާރުގެ ކޮންޓްރެކްޓްގެ ދަށުން އޭނާ އަށް އަހަރަކަށް ދެނީ 12 މިލިއަން ޔޫރޯ އެވެ. އެއީވެސް ރާމޯސް އިއުތިރާޒު ކުރާ ސަބަބެކެވެ.
ކޮވިޑް-19 އާ ގުޅިގެން ސީޒަންގެ ދެ ވަނަ ހާފަށް ދޭން ހަމަޖައްސާފައިވާ މުސާރައިގެ 50 ޕަސަންޓް އުނިކޮށްފައި ވުމުން ކޮންޓްރެކްޓް އާ ކުރިއަސް ހަމަ މުސާރަ ނުލިބޭނެ ކަމުގެ މައްސަލަވެސް ފާހަގަ ކޮށްފައި ވެ އެވެ.
މިފަހުން ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކަމުން އަންނަ، ވަޒްކޭޒް ގަބޫލު ކުރަނީ އޭނާ އަށް މިހާރު ލިބޭ އާމްދަނީއަށް ވުރެ ބޮޑު މުސާރައެއް ލިބެންޖެހޭނެ ކަމަށެވެ.
މޮޑްރިޗް އާއި ރާމޯސް އަދި ވަޒްކްއޭޒް ޓީމުގައި މަޑު ކުރުވުމަކީ ޒިދާންގެ ބޮޑު ޓާގެޓެކެވެ. ރާމޯސް ގެންދަން ގިނަ ކުލަބުތަކުން ބޭނުން ވެއެވެ.
އޭނާ ހުށަހަޅާ ކަންކަމާ މެދު ރެއާލްއިން އެއްބަސްވާނެތޯ އުފެދޭ ސުވާލުވެސް އެބައޮތެވެ. އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމުގެ މަރުހަލާއަށް ދާއިރު އެއް އަހަރަށް ވުރެ އިތުރަށް ކޮންޓްރެކްޓް އާ ކުރުމަކީ އެ ކުލަބުގެ ޕޮލިސީގައި އޮތް ކަމެއް ނޫނެވެ.
އަނެއް ކަމަކީ، ކޮވިޑް-19 ގެ ސަބަބުން ވޭތުވެދިޔަ 10 މަސް ދުވަހު ކުލަބުގެ އާމްދަނީ ދަށް ވުމެވެ. ކުޅުންތެރިން ޑިމާންޑް ކުރާވަރުގެ މުސާރަ ދީގެން، މާޅީ ހާލަތުން އަރައިގަންނަން ދިގު މުއްދަތެއް ހޭދަ ވުމަކީ ގާތުގައިވާ ކަމެކެވެ.