އެކްޓާ-ކޮމޭޑިއަން ކަޕިލް ޝަރުމާ ޑިޖިޓަލް ދުނިޔެއަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ. ނަމަވެސް ކަޕިލް ކުޅޭނީ ޚާއްސަ ކޮމެޑީ ފިލްމެއް ނުވަތަ ސީރީޒެއް ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކަޕިލް ބުނީ ނެޓްފްލިކްސް އާ ގުޅިގެން އޭނާއަށް ޑިޖިޓަލްކޮށް މަސައްކަތެއް ކުރަން ފެށޭތީ އުފާކުރާ ކަމަށެވެ. ފާއިތުވީ 2020 ވަނަ އަހަރަކީ ވަރަށް އަޑިގުޑަން ގިނަ މަގުތަކަކުން ދަތުރު ކުރަން ޖެހުނު އަހަރެއް ކަމަށާއި އޭނާ ކުރަން އުޅޭ މަސައްކަތުގެ މަގްސަދަކީ ފާއިތުވީ އަހަރު ތަހައްމަލުކުރި ހިތްދަތި ދުވަސްތައް ހަނދާން ނައްތާލާއި އާ އަހަރަކާއެކު އުފާވެރިކަމާއި ހިނިތުންވުމާއި ޕޮޒިޓިވްކަން އެންމެންނަށް ވެސް ގެނެސްދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އޭނާގެ އަސްލު މިޒާޖާ އެއްގޮތަށް މަޖާކޮށް ވާހަކަ ދައްކަމުން ކަޕިލް ބުނީ ސްޓްރީމިންގެ ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ނެޓްފްލިކްސް އާއެކު މަސައްކަތް ކުރުމަކީ އޭނާ އަބަދުވެސް ވަރަށް ބޭނުންވި ކަމެއް ކަމަށާއި އެ މީހުންގެ ނަންބަރު ނުލިބިގެން އެ ފަރާތާ ނުގުޅިގެން އެ މަސައްކަތް ނުކުރެވި އޮތީ ކަމަށެވެ.
މި ޕްރޮޖެކްޓަކި އޭނާ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއް ކަމަށާއި އިތުރު ތަފްސީލުތައް ފޭނުންނާ ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް ވެސް ކަޕިލް ބުންޏެވެ.
ނެޓްފްލިކްސް އާ ގުޅިގެން ކަޕިލް މަސައްކަތެއް ކުރަން ތައްޔާރު ވެފައިވާކަން އޭނާ އިއުލާންކުރީ ސޯޝަލް މީޑިއާގައި ޝެއާ ކުރި ވީޑިއޯ މެސެޖެއްގަ އެވެ.
ކޮމޭޑިއަން އެއްގެ ގޮތުގައި ކަޕިލް އަށް ބޮޑު މަޝްހޫރު ކަމެއް ލިބުނީ "ދަ ކަޕިލް ޝަރުމާ ޝޯ" އިންނެވެ. މި ޝޯ 2016 އިން ގެނެސްދެމުންދާއިރު އަބަދުވެސް ޓެލެވިޒަން ރޭޓިން ޕޮއިންޓް (ޓީއާރްޕީ) ގެ އެންމެ ކުރީގައި އުޅޭ އެންމެ ގިނަ ބަޔަކު ބަލާ ޝޯތަކުގެ ތެރޭގައި މި ޝޯ ހިމެނެމުން އާދެ އެވެ.
އެކްޓަރެއްގެ ގޮތުގައި މިހާތަނަށް ދެ ފިލްމެއް ކަޕިލް ވަނީ ކުޅެފަ އެވެ. "ކިސް ކިސްކޯ ޕިޔާރް ކަރޫން" އާއި "ފިރަންގީ" އެވެ.