ބޮލީވުޑް

ސްކްރީން ރައިޓަރު ހިމަންޝޫ އާއި ކަނިކާ ކައިވެނިކޮށްފި

ސްކްރީން ރައިޓަރުންގެ ގޮތުގައި ވަރަށް ގިނަ ފިލްމުތަކެއްގެ ވާހަކަ ލިޔެފައިވާ ކުޅަދާނަ ދެ ލިޔުންތެރިން ކަމަށްވާ ކަނިކާ ދިލަން އާއި ހިމަންޝޫ ކޯލީ ކައިވެނިކޮށްފި އެވެ. އާ އަހަރާއެކު ކައިވެނިކޮށް ހިމަންޝޫ އާއި ކަނިކާ ވަނީ އެމީހުންގެ ހަޔާތުގެ ވާހަކައިގެ މުޅިން އާ ޗެޕްޓަރެއް ފަށާފަ އެވެ.

ކަނިކާ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކުރި މެސެޖެއްގައި ކައިވެނީގެ ރަސްމިއްޔާތުގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ޝެއާ ކޮށްފައި ވެއެވެ. މި ދެ މީހުން އެންގޭޖްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކަނިކާ އަކީ "މަންމަރްޒިޔާން"، "ކެދާރްނާތު"، "ރާ.ވަން" އަދި "ޖަޖްމަންޓަލް ހޭ ކިޔާ" ފަދަ ފިލްމުތަކުގެ ވާހަކަ ލިޔުނު ލިޔުންތެރިޔާ އެވެ. އަދި ތާޕްސީ ޕަންނޫ މިހާރު ކުޅެމުންދާ "ރަޝްމީ ރޮކެޓް"ގެ ވާހަކަ ވެސް ލިޔެފައިވަނީ ކަނިކާ އެވެ.

ހިމާންޝޫ އަކީ ފިލްމުގެ ވާހަކަތައް ލިޔެގެން ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. "ތަނޫ ވެޑްސް މަންނޫ"، "ސްޓްރޭންޖާޒް"، "ޒީރޯ" އަދި "ރާންޖްނާ" އަކީ ހިމަންޝޫ ލިޔެފައިވާ ވާހަކަތަކަށް އުފެއްދި ފިލްމުތަކެވެ. އަދި އަކްޝޭ ކުމާރާއި ސާރާ އަލީ ޚާން މިހާރު ކުޅެމުންދާ "އަތުރަންގީ ރޭ"ގެ ސްކްރީން ރައިޓަރަކީ ވެސް ހިމަންޝޫ އެވެ.

ކަނިކާ އާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ހިމަންޝު ރައްޓެހިވެގެން އުޅެނީ ބަތަލާ ސްވާރާ ބާސްކަރް އާއެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ސްވާރާ އާއި ހިމަންޝޫ ރުޅިވީ މިދިޔަ އަހަރު އެވެ.