ލައިފްސްޓައިލް

އެޗްއައިވީ ޕޮޒިޓިވްކަން ނުބުނެ ކައިވެނިކުރުމުން ކޯޓަށް

ފިރިމީހާ އެޗްއައިވީ ޕޮޒިޓިވްކަން އެނގުމުން އައި ރުޅީގައި ޗައިނާ އަންހެނަކު ކޯޓަށް ގޮސް ފިރިމީހާ ކައިރިން ވަރިވެއްޖެ އެވެ. އަންހެންމީހާ ބުނަނީ ކައިވެނި ކުރިއިރު އެޗްއައިވީ ހުރިކަން ފިރިމީހާ ނުބުނާ ކަމަށެވެ. އަދި ކައިވެނިކުރުމަށްފަހު ދެ މީހުން އެކުގައި ހޭދަކުރި ދުވަސްތަކުގައި ވެސް ފިރިހެންމީހާ އުޅުނީ އޭނާއަށް އެކަން ސިއްރުކޮށްގެން ކަމަށެވެ.

އަންހެންމީހާ ކޯޓަށް މި މައްސަލަ ހުށަހެޅުމާ ގުޅިގެން ޝަންހާއީގެ މިންހަންގް ޑިސްޓްރިކްޓުން މިދިޔަ ހޯމަ ދުވަހު ވަނީ އަންހެންމީހާ އެދުނު ގޮތަށް ކައިވެނި ރޫޅާލަދީފަ އެވެ.

ލީ ނަމަކަށް ކިޔާ މި އަންހެންމީހާ ބުނި ގޮތުގައި ޖިއަންގް ނަމަކަށް ކިޔާ ފިރިހެންމީހާ އާ އޭނާ ކައިވެނިކުރީ މިދިޔަ އަހަރުގެ ޖޫންގައި ކަމަށެވެ. ކައިވެނިކުރީ ފިރިހެންމީހާގެ ދަރިއަކަށް ބަލިވެ އިނދެގެން ކަމަށް ވެސް އަންހެންމީހާ ބުންޏެވެ.

ކައިވެނިކުރިތާ މާ ގިނަ ދުވަހެއް ނުވެ ޖިއަންގް ވަނީ އޭނާއަށް އެއިޑްސް ޖެހި ބޭސް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށް އޭނާގެ އަންހެނުން ކައިރީގައި އިއުތިރާފު ވެފަ އެވެ.

އަންހެންމީހާ ގާތަށް އައި ރުޅީގައި ދިޔަ ގޮތަށް ގޮސް ކުއްޖާ ވެސް އެބޯޓް ކޮށްލާފައި ވަރިވާން ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ޖިއަންގް ވަނީ އޭނާގެ އަންހެނުންނަށް އޭނާގެ ސަބަބުން އެޗްއައިވީ ނުޖެހޭނެ ކަމުގެ ޔަގީންކަން ދީ އޭނާ ކައިރިން ވަރިވުމުގެ ޚިޔާލު ދޫކޮށްލާތޯ ވަރަށް މަސައްކަތް ކޮށްފަ އެވެ.

ޖިއަންގް ކޯޓުގައި ބުނީ އޭނާ ކާ ބޭހުގެ ސަބަބުން އެޗްއައިވީ ވައިރަސް އޭނާގެ އަންހެނުންގެ ގަޔަށް އެރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. ނަމަވެސް ޖިއަންގް ދެއްކި ވާހަކަތައް އޭނާގެ އަންހެނުން ގަބޫލުކުރަން ބޭނުމެއް ނުވި އެވެ.

މި ވަރިއަކީ ޗައިނާގައި އަލަށް އަމަލުކުރަން ފެށި ސިވިލް ކޯޑްގެ ދަށުން ކުރި ފުރަތަމަ ވަރި އެވެ. ކުރިން އޮތް މެރިޖް ލޯގެ ބަދަލުގައި މި ގާނޫނަށް އަމަލުކުރަން ފެށީ މި ފެށުނު އާ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އާ ގާނޫނު ބުނާ ގޮތުން ކައިވެނި ރަޖިސްޓްރީކުރަން ހުށަހެޅުމުގެ ކުރިން ދެ މީހުން ވެސް އެމީހުންގެ ހަށިގަނޑުގައި ބޮޑު ބައްޔެއް ހުރިނަމަ އެ ވާހަކަ ތެދުވެރިކަމާއެކު ހިއްސާ ކުރަން ޖެހޭނެ އެވެ. އަދި ކައިވެނި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހޭނީ ބައްޔެއް ހުރިނަމަ އެކަން އެނގިހުރެ ކައިވެންޏަށް އެއްބަސްވާ ނަމަ އެވެ.

ލީ އަށް އޭނާގެ ފިރިމީހާ ކައިރިން އެހާ ފަސޭހައިން ވަރިވެވުނީ މިގޮތަށް ފިރިހެންމީހާ އޭނާގެ ބައްޔާ ބެހޭ މައުލޫމާތު ދުރާލާ ދީފައި ނެތީމަ އެވެ.

މިދިޔަ އަހަރު އިންޑިޔާގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. މަދުރާއީގެ އާއިލާއެއްގެ ހަތަރު މީހަކު ގޮވައިގެން އަންހެނަކު ކޯޓަށް ދިޔައީ އެޗްއައިވީ ޕޮޒިޓިވް ފިރިހެނަކާ އެ އަންހެންމީހާ އާ އޮޅުވާލައިގެން ކައިވެނި ކޮށްފައިވާކަން ފަޅާ އެރުމުންނެވެ.