ދަރިންނަށް ލިބޭ ކޮންމެ ކާމިޔާބެއްގެ ޚާއްސަކަން އިތުރު ވެގެން ދަނީ މައިންބަފައިން އެ ކާމިޔާބަށް ފަޚުރުވެރިވާކަން ހާމަވާ ވަގުތު އެވެ. އަންގާރަ ދުވަހު އިންޓަނެޓުގައި ދައުރުވި މި ފޮޓޯއަކީ މިކަހަލަ މަންޒަރެއް ސިފަ ވާ ފޮޓޯއެކެވެ. މި ފޮޓޯގައި ވަނީ އިންޑިޔާގެ އަންދްރަ ޕްރަދޭޝްގެ ޕޮލިސް ފޯސްގައި ހިމެނޭ ބައްޕައަކު އޭނާގެ އަންހެން ދަރިފުޅަށް ސެލިއުޓް ނަގާ މަންޒަރެވެ.
އަންހެން ފުލުސް މީހާއަކީ އެ ހިސާބުގަނޑުގެ ޑެޕއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް (ޑީސީޕީ) އެވެ. އެހެންވެ ބައްޕަ ދަރިފުޅުގެ ކާމިޔާބީއަށް ފަޚުރުވެރި ވާކަން ހާމަކުރުމުގެ ގޮތުން ދަރިފުޅަށް ސެލިއުޓް ކުރީ އެވެ.
އަންދުރަ ޕްރަދޭޝްގެ ފުލުހުން ކުރި ޓުވީޓެއްގައި މި ފޮޓޯ ޝެއާކޮށް މިއީ އޭޕީ ޕޮލިސްގެ ފުރަތަމަ ޑިއުޓި ބައްދަލުވުން ވެގެން ދިޔައީ އާއިލީ ގުޅުމަކަށް ކަމަށް ބުނެފައި ވެއެވެ.
ޕްރަޝާންތީ އަކީ އިންޖިނިއަރިން ގްރެޖުއޭޓް އެކެވެ. އަދި ޑީސީޕީން ތަމްރީނު ކުރުމުގެ 2018 ބެޗުގެ ދަރިވަރެކެވެ. ޕްރަޝާންތީގެ ބައްޕަ އޭނާއަށް ސެލިއުޓް ކުރީ މަގާމާ ހަވާލު ވެގެން ޑިއުޓީއަށް ނުކުތް ފުރަތަމަ ދުވަހު އެ އުފާވެރި ވަގުތުކޮޅު ހަނދާނެއްގެ ގޮތުންނެވެ.
ނަމަވެސް ޕްރަޝާންތީގެ ބައްޕަ އޭނާއަށް ސެލިއުޓް ކޮށްފާނެ ކަމަށް އޭނާ ހިތަކަށް ނާރަ އެވެ. އެހެންވެ ބައްޕަ ކުއްލިއަކަށް ސެލިއުޓް ކުރުމުން ކުޑަކޮށް އުނދަގޫވާ ގޮތެއް އޭނާއަށް އިހްސާސްވި ކަމަށް ޕްރަޝާންތީ ފަހުން ބުންޏެވެ.
"އެ ވަގުތުކޮޅަކީ ޑިއުޓީގައި އަހަންނާ ބައްޕަ އާ ބައްދަލުވި ފުރަތަމަ ފަހަރު. ނަމަވެސް ބައްޕަ ސެލިއުޓް ކުރީމަ ކުޑަކޮށް އުނދަގޫވި. ސަބަބަކީ ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ބައްޕަ ވީމަ. އަހަރެން ބުނިން ސެލިއުޓް ނުކުރާށޭ ވެސް. އެކަމަކު ވެސް ބައްޕަ ކުރީ. އަހަރެން ވެސް ބައްޕަގެ ސެލިއުޓްގެ ޖަވާބު ސެލިއުޓަކުން ދިނިން،" މި ތަޖުރިބާ ހިއްސާ ކުރަމުން އިންޑިޔާގެ ނޫހަކަށް ޕްރަޝާންތީ ބުނެފައި ވެއެވެ.
ޕްރަޝާންތީ ބުނީ އޭނާ ފުލުހަކަށް ވުމަށް ބޭނުންވީ އަދި ބައްޕަގެ މަސައްކަތް ފެނިފަ އެވެ. އެހެން މީހުންނަށް ޚިދުމަތް ދިނުމުގައި ވަރުބަލިކަމެއް ނެތި ބައްޕަ ކުރަމުންދިޔަ މަސައްކަތް ފެނިފައި އޭނާވެސް އެ ރޮނގުން ކުރިޔަށްދާހިތްވީ އެވެ.