މެންޗެސްޓާ ޔުނައިޓެޑަށް ގިނަ ޕެނަލްޓީ ލިބޭ ކަން ފާހަގަކޮށް ވާދަވެރި ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ދެއްކި ވާހަކަ އަށް ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ރައްދު ދީފި އެވެ.
ލީގް ކަޕްގެ ސެމީ ފައިނަލުގައި މިރޭ، މެންޗެސްޓާ ސިޓާ އާ ދެކޮޅަށް ނުކުތުމުގެ ކުރިން ސޮލްޝަޔާ ބުނީ، ޕްރިމިއާ ލީގްގެ އެހެން ކުލަބުތަކުގެ ކޯޗުން ޔުނަައިޓެޑަށް ލިބޭ ޕެނަލްޓީ އާ މެދު ވާހަކަ ދައްކަނީ ރެފްރީއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ސައުތުހެމްޓަން އަތުން ބަލިވި މެޗަށް ފަހު ކްލޮޕް ބުނީ، ލިވަޕޫލްގައި އޭނާ ހޭދަވި ފަސް އަހަރަށް ވުރެ ގިނައިން މިދިޔަ ދެ އަހަރު ޔުނައިޓެޑަށް ޕެނަލްޓީ ލިބުނު ކަމަށެވެ. ކްލޮޕް އެކަން ފާހަގަ ކުރީ މެޗުގައި އޭނާގެ ޓީމަށް ލިބެންޖެހޭ ޕެނަލްޓީ ނުލިބޭކަން ފާހަގަ ކުރުމަށް ފަހު އެވެ.
އެ ވާހަކަ ތަކަށް ރައްދު ދެމުން، ސޮލްޝަޔާ ބުނީ އެހެން ޓީމުތަކަށް ލިބޭ ޕެނަލްޓީ އޭނާ ނުގުނާ ކަމަށެވެ.
"އަހަރެން ނުގުނަން އެ ޓީމަށް ލިބުނީ ކިތައް ޕެނަލްޓީ ކަމެއް،" ޝޮލްޝަޔާ ބުންޏެވެ.
"އަހަރެމެންނަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލު ކުރުމުން އެކަމާ ކަންބޮޑުވެ އެ މީހުން ވަގުތު ހޭދަ ކުރަނީ. އަހަރެން އެކަމަކަށް ވަގުތު ހޭދަ ނުކުރަން."
ސޮލްޝަޔާ ބުނީ، މިދިޔަ ސީޒަންގައި ވީޑީއޯ އެސިސްޓެންޓް ރެފްރީ ޓެކްނޮލަޖީން ޔުނައިޓެޑް ކޮޅަށް ބުރަވާ ކަމަށް ޗެލްސީގެ ކޯޗް ފުރޭންކް ލަމްޕާޑް ވާހަކަ ދެއްކި އިރު، މިދިޔަ އަހަރު އެފްއޭ ކަޕް ސެމީ ފައިނަލުގައި ޗެލްސީ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ޓީމަށް ޕެނަލްޓީ އެއް ލިބެންޖެހޭ ތަނެއްގައިވެސް ޕެނަލްޓީ ދީފައި ނުވާ ކަމަށެވެ.
"އެހެން ޓީމުތަކުގެ ކޯޗުންގެ ފަރާތުން އަހަންނަކަށް ވާހަކައެއް ނުދެއްކޭނެ އަހަންނަކަށް ނޭންގެ އެ މީހުން އެހެން ބުނާ ސަބަބުތަކެއް،" ސޮލްޝާޔާ ބުންޏެވެ. "އަހަންނަށް ފެންނަ ގޮތުގައި އެގޮތަށް ވާހަކަ ދެއްކުމުން މިދިޔަ އަހަރު އެފް އޭ ކަޕް ސެމީގައި އެހެންވި. ސަބަބަކީ ފްރޭންކް [ލަމްޕާާޑް] ވަނީ އެގޮތަށް ވާހަކަ ދައްކާފަ. އެ މެޗުގައި އަހަރެމެންނަށް ލިބެންޖެހޭ ޕެނަލްޓީއެއް ނުލިބުނު."
"އެހެންވީމަ އެއީ ރެފްރީންނަށް ނުފޫޒު ފޯރުވުން. އެކަމަކު އަހަރެން އެކަމާ ކަންބޮޑެއް ނުވޭ. ޕެނަލްޓީ އޭރިއާ ތެރެއިން އިދިކޮޅު ޓީމުގެ ކުޅުންތެރިން އަހަރެމެން ޓީމު ކުޅުންތެރިންނަށް ފައުލު ކޮށްފިއްޔާ އެ ވާނީ ޕެނަލްޓީ އަކަށް."