ބޭރު ކުޅިވަރު

މެންޗެސްޓާއަށް ކޯޗުކޮށްދޭން ފާގަސަން ހުށަހެޅީ ގޯސްވަގުތެއްގައި: ކްލޮޕް

މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދޭން އޭނާ އަށް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އެ ޓީމުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން އޭނާ އަށް ފުރުސަތުދިނީ ގޯސް ވަގުތެއްގައި ކަމަށް ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ބުނެފި އެވެ.

ޕްރެމިއާ ލީގުގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކްލޮޕް ބުނީ ޔުނައިޓެޑަށް ދާން ލިބުނު ފުރުސަތު އޭނާ ދޫކޮށްލީ އެވަގުތު ބޮރޫޝިޔާ ޑޯޓްމުންޑާއެކު ރަނގަޅު ގުޅުމެއް އޮތުމުން ކަމަށެވެ.

"އަހަރުމެން ވާހަކަ ދެއްކިން. އަހަރުމެން ވާހަކަ ދެއްކީ މާދިގުކޮށެއްނޫން. އެކަމަކު އަހަންނަށް އެއީ ވަރަށް ގިނަ ވާހަކަ. އެއީ ވަރަށް ބޮޑު ޝަރަފެއް. އެކަމަކު އަހަންނަށް (ވަގުތު) ޑޯޓްމުންޑް ދޫކޮށްލެވޭކަށްނެތް،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ފާގަސަން އޭނާ ގާތު އެވާހަކަ ދެއްކީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހު ކަމަށާއި ނަމަވެސް ކުލަބެއްގެ ކޮންޓްރެކްޓެއްގައި ހުރެފައި އަމުދުން ސީޒަންގެ މެދުތެރެއިން އެހެން ކުލަބަކަށްދާން އެއްބަސްވުމަކީ އޭނާގެ އުސޫލެއްނޫން ކަމަށެވެ.

"އަހަންނަށް ޔުނައިޓެޑުގެ ރަސްމީ ހުށަހެޅުމެއް ނުލިބޭ. އެކަމަކު ރަސްމީކޮށް ހުށަހެޅި ނަމަވެސް އަހަންނަށް އެކަން ގަބޫލުނުކުރެވޭނެ. އެއީ ފުރަތަމަ ކަމަކަށް އަހަރެން ޑޯޓްމުންޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިންމަންޖެހޭނެ. އޭގެ ފަހުން އެހެން ކަމަކާ ވިސްނޭނީ. މިއީ ފަހަރުގައި އެހާ ސްމާޓް ގޮތަކަށް ނުވާނެ. އެކަމަކު މިއީ އަހަރެންގެ އުސޫލު،" ކްލޮޕް ބުންޏެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވާން ފާގަސަން ސީދާ ބުނިތޯ ނޫސްވެރިން އެހުމުން ކްލޮޕް ބުނީ މިއަށްވުރެ އިތުރަށް މިވާހަކަ ދެއްކެން ނެތް ކަމަށެވެ.

ޔުނައިޓެޑާއި ލިވަޕޫލްގެ މެޗު މިރެ ފަށާނީ 7:05 ގަ އެވެ.