ކުޅިވަރު

ކޮވިޑްގެ ފެނުނަސް މިލާން ޔުވެންޓަސް މެޗު ކުޅޭނެ

އިޓާލިއަން ލީގްގައި މިރޭ އޭސީ މިލާން އާއި ޔުވެންޓަސް ކުޅޭ މެޗަށް ކޮވިޑް-19 ގެ އަސަރު ކޮށްފައި ވީނަމަވެސް މެޗު ކުރިއަށްގެންދާނެކަން އިއުލާން ކޮށްފި އެވެ.

ޑޮމެސްޓިކް އެއްވެސް މެޗަކުން ބަލި ނުވެ ސޭރި އާ ގެ އެއް ވަނައި މިލާން އޮތީ ޔުވެންޓަސްއަށް ވުރެ އިތުރަށް 10 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައި ވަނީ 27 ޕޮއިންޓެވެ. މިލާން ފުރަތަމަ ފަހަރަށް ބަލި ކުރުމުގެ އަމާޒުގައި އޮތް ޔުވެންޓަސްގެ ޓީމުން ކޮވިޑް ފެނުނަސް މިލާން އަށް ދަތުރު ކުރާނެ އެވެ.

ޔުވެންޓަސްގެ ހުއާން ކްއެޑްރާޑޯ ވަނީ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ އެލެކްސް ސެންޑްރޯ ޕޮޒިޓިވް ވިކަން ހާމަ ވި އެވެ.

ޕީޑޮމޮންޓްގެ ނަމުން މަޝްހޫރުވެފައި އިޓަލީގެ ހުޅަނގު އުތުރުގައި އޮންނަ ސަރަހައްދުގެ ކޮވިޑް އެސެސާ މަޓޭއޯ މާނަޓީ ވަނީ މެޗަށް ޔުވެންޓަސްގެ ޓީމު ދަތުރު ކުރާނެ ކަމުގެ 99.9 ޕަސަންޓް ޔަގީންކަން ދީފަ އެވެ.

މާނަޓީ ބުނީ ޔުވެންޓަސްގެ ޓީމުން ދެ ކުޅުންތެރިޔަކު ޕޮޒިޓިވްވި ހާލަތަކީ މެޗު ކުރިއަށް ނުގެންދެވޭ ހާލަތެއް ނޫން ކަމަށެވެ. އަދި ފަސް ކުޅުންތެރިން ޕޮޒިޓިވް ވިނަމަވެސް މެޗު ކުރިއަށް ގެންދޭވެނެ ހާލަތު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

ޔޫރަޕްގައި އަނެއްކާވެސް ކޮވިޑްގެ އާ އޮއިވަރެއް ދަނީ ފެންނަނަމުންނެވެ. އިންގްލެންޑްގައި ވަނީ ތިން ވަނަ ލޮކްޑައުންއެއް އިއުލާން ކޮށްފަ އެވެ. އެހެންނަމަވެސް ޕްރިމިއާ ލީގާއި ޑޮމެސްޓިކް އެހެން މުބާރާތްތައް މެދުކަނޑާ ނުލުމަށް ވަނީ ނިންމާފަ އެވެެ.

މިރޭ މިލަން އާ ދެކޮޅަށް ކުޅޭ މެޗަކީ، ޔުވެންޓަސްގެ ކޯޗް އެޑްރެއާ ޕިރްލޯއަށް ވަރަށް ހާއްސަ މެޗެކެވެ. ކުޅުންތެރިޔެއްގެ ގޮތުގަައި އޭނާ އެންމެ ކާމިޔާބު ދުވަަސްތައް ހޭދަ ކުރީ މިލާންގަ އެވެ. މިރޭގެ މެޗަކީ ކޯޗެއްގެ ގޮތުގައި މިލާން އާ ދެކޮޅަށް އޭނާ ނުކުންނާނެ ފުރަތަމަ މެޗެވެ.